އެމްޑީޕީ

ޒަކީ އެމްޑީޕީ އިން ވަކިވެ ވަޑައިގެންފި

Jan 13, 2016
1

އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި، އަދި އެ ޕާޓީގެ ގިނަ މަގާމުތައް ވެސް ފުރުއްވި އިބްރާހިމް ހުސެން ޒަކީ އެމްޑީޕީ އިން ވަކިވެ ވަޑައިގެންފި އެވެ.

އޭނާ މިއަަދު އެކަން މިއަދު އިއުލާން ކުރައްވައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރައްވައިގެން އުޅުއްވާތީ ޕާޓީގެ ހަރަކާތްތަކުގައި އެއްވެސް ގޮތަކަށް ނޫޅުއްވޭތީ ޕާޓީ އިން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ޒަކީ ވަނީ ސިޔާސީ މައިދާނުން ދުރުވިކަން އިއުލާން ކުރައްވައިފަ އެވެ. އަދި އޭގެ ފަހުން އުޅުއްވަމުން ގެންދަވަނީ ސްރީލަންކާގަ އެވެ.

ޒަކީ ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ވެސް ހާރިޖީ ދާއިރާ އިން ވަރަށް އިސް މަގާމުތައް ފުރުއްވުމުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ކަމާއި ޕްލޭނިން މިނިސްޓަރުކަން ކުރެއްވި އެވެ. އަދި އޭގެ ފަހުން އެމްޑީޕީ އުފެއްދުމުގައި ހަރަކާތްތެރިވެ އެ ޕާޓީގެ ގިނަ މަގާމުތައް ވެސް ފުރުއްވި އެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ސިޔާސީ މުހިންމު މަގާމުތައް ފުރުއްވި އެވެ.

ޒަކީ ފާހަގަ ކުރެވިފައި ވަނީ އިދިކޮޅު ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއްގެ ގޮތުގަ އެވެ.

"ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ޒައާމަތުގައި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ވަރުގަދަ ކުރައްވައި ދިވެހި ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދެއްވާނެ ކަމަށް އުންމީދު ކުރައްވަ އެވެ. އަދި އެމްޑީޕީއަށް ވެސް އުފާވެރި މުސްތަގުބަލެއް ވެސް ދެއްވުމަށް އެދިވަޑައިގަންނަވަ އެވެ،" ޒަކީ ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.