އިގްތިސޯދު

ޑޮލަރު ކަޅު ބާޒާރު: އުވާލެވެންވާނެ

Sep 22, 2022

ލިޔުނީ: އިބްރާހިމް ޒާދީ

އަހަރެއްގެ މައްޗަށް ފަސް ބިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ރާއްޖެއަށް ލިބޭއިރު ޑޮލަރުގެ ކަޅު ބާޒާރެއް އޮންނަނީ ކީއްވެ ހެއްޔެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޮލަރުގެ ކަޅުބާޒާރެއް އުފެދުނީ 1987 ވަނަ އަހަރުގައި ކަމަށް ބައެއް ލިޔުންތަކުން ފެނެ އެވެ. އޭގެ ހައެއްކަ އަހަރަށްފަހު އެ ބާޒާރުގެ މައްސަލަ ހައްލުވެ ދިޔައީ އޭރުގެ ވެރިން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެއް ސަބަބުންނެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރު، ޑޮލަރުގެ ބޭންކް ރޭޓަކީ 12.75 ރުފިޔާ އެވެ. ކަޅު ބާޒާރެއް އުފެދި 14 ރުފިޔާއަށް ޑޮލަރުގެ ރޭޓް އެރީ އެދުވަސްވަރު އެވެ. ކަޅު ބާޒާރު އުވާލައި ޑޮލަރުގެ އަގު ހިފެހެއްޓުމުގެ ސިޔާސަތުގެ ދަށުން ބޭންކުތަކުން ޑޮލަރު މާރުކުރާ ރަސްމީ ރޭޓް 15.42 ރުފިޔާއަށް އަށް މައްޗަށް ޖެއްސި އެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ލަފާކުރެވުނު ގޮތާ މުޅިން ހިލާފަށެވެ. ޖެހިގެން އައި ދުވަހު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 16 ރުފިޔާއިން މަތީގަ އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ބާޒާރުގެ އަގުތައް އިންތިހާ އަށް އުފުލި، ދިވެހި ރުފިޔާއިން ލިބޭ މުސާރައިގެ އަގު ތިރިވެ ދިރިއުޅުމުގައި ތަކްލީފް ބޮޑުވީ އެވެ.

ޑޮލަރުގެ މުއާމަލާތް

އާބާދީގެ ނިސްބަތުން ބޮލަކަށް 14،000 ޑޮލަރު ޖެހޭ ދުނިޔޭގެ 65 ވަނައިގައި އޮތް ދިވެހިރާއްޖެ އަކީ، ދިރިއުޅުމުގެ މައިގަޑު ތަކެތި އިމްޕޯޓް ކުރާ ގައުމަކަށްވުމުން މާލީ މުއާމަލާތް ތަކަށް ބޭނުންވާ ބޭރުފައިސާގެ މުހުތާދު ބޮޑު ގައުމެކެވެ.

މީގެއިތުރުން ދިވެހިންނަކީ ގިނަގިނައިން ގައުމުން ބޭރަށް ދަތުރުކުރުމުގެ ސަގާފަތެއް އޮތް ބައެކެވެ. ކިޔެވުމާއި، ބޭސްފަރުވާ އާއި މިނޫނަސް ތަފާތު އެކި ބޭނުން ތަކުގައި ރާއްޖެއިން ބޭރުގައި ބައިލައްކައަށް ވުރެން ގިނަ ދިވެހިން އަބަދުވެސް އުޅެ އެވެ. މީގެ އިތުރުން ރާއްޖޭގައި ދެލައްކައާ ގާތްކުރާ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން އުޅޭނެ ކަމަށް ލަފާކުރެވޭއިރު ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީ ގައުމުގައި ހަރުލާ ގޮތް ނުވެ ބިދޭސީންނާ ދިމާލުންވެސް ބޭރުވެގެންދެ އެވެ.

ރައީސެއްގެ ވިސްނުން

ރައީސް މުހައްމަދު ނަޝީދު އައްޑޫސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މިމަހު 16 ވަނަ ދުވަހުގެރޭ މަރަދޫގައި އޮތް ބައްދަލުވުމެއްގެ ތެރެއިން ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ބޭރު ފައިސާގެ ރިޒާވް މިހާރު ހާސްވާ ހިސާބަށް ދަށަށް ގޮސްފައިވާ ކަމަށާއި އެމަނިކުފާނުގެ ހިޔާލުފުޅަކީ، ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކާ ކަރެންސީ ރޭޓް ފްލޯޓް ކުރުން ކަމަށެވެ.

"އެގޮސް އޭގެ ހަގީގީ އަގުގައި އެހުރި ތަނެއްގަ އޭތި ހުންނާނެ. މިހާރުވެސް ޑޮލަރެއް ލިބެނީއެއް ނޫން ސަތާރަ ރުފިޔާ ނުދީއެއް. ދެން ކޮންމެހެނެއް އަޅުގަޑުމެން އޭގެ އަގަކީ 15.42 ރުފިޔާއޭ ކިޔާގެން ކިހިނެތްތޯ އޮޅުވާލެވޭނީ އަމިއްލައަށް ވިއްޔާ ހަރަދު ކުރަނީ." ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބްލެކްމާކެޓްގައި ޑޮލަރު ވިއްކުނީމާ ޑޮލަރުކޮޅު ލިބޭ މީހުންނަށް ފައިދާވާ ކަމަށާއި ބްލެކް މާކެޓް އޮންނަނީ ކަރެންސީ ފްލޯޓް ނުކުރާތީ ކަމަށެވެ.

ކަރެންސީ ފްލޯޓް ކުރުން

1987 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރާ ހަމައަށް، ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އޮތީ، ފްރީ ފްލޯޓިން އެކްސްޗޭންޖް ރޭޓް ޕޮލިސީ އެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި ޑޮލަރުގެ ރޭޓްހުރީ 8.50 ރުފިޔާ އާއި 11.50 ރުފިޔާއާ ދެމެދުގަ އެވެ. ނަމަވެސް ފައިސާ މާރުކުރާ ރޭޓް ޕެގްކޮށް، ފިކްސްޑް އެކްސްޗޭންޖް ރޭޓަކަށް ބަދަލުކުރީ 1994 ވަނަ އަހަރުގެ ތެރޭގަ އެވެ.

ބައެއް ގައުމުތަކަށް ބަލާއިރު 79 ގައުމެއްގައި ފްލޯޓިން އެކްސްޗޭންޖް ރޭޓް އޮވެ އެވެ. ރާއްޖެވެސް ހިމެނޭހެން 108 ގައުމުގައި އޮންނަނީ ފިކްސްޑް އެކްސްޗޭންޖް ރޭޓްކަން ފާހަގަކޮށްލަން ޖެހެ އެވެ. ބައެއް ގައުމު ތަކުގައި ސޮފްޓް ޕެގް، ބައެއް ގައުމު ތަކުގައި ހާޑް ޕެގް އެވެ. މިކަހަލަ ތަފާތު ގޮތްތަކަށް ބޭރުފައިސާގެ ސިޔާސަތު ކަޑައަޅާފައި އޮންނަނީ، ކޮންމެ ގައުމަކަށްވެސް ހާއްސަ ސަބަބުތަކެއް ހުރެގެންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން އެންމެ ގިނައިން އިމްޕޯޓަށް ހޭދަ ކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. އެއީ 4.4 ބިލިއަން ޑޮލަރެވެ. އެއީ ޖީޑީޕީގެ 78.45 އިންސައްތަ އެވެ. މިއަދަދުތައް މިހެން ހުރުމުން ރާއްޖޭގައި ބޭރު ފައިސާގެ އަގު ކޮންޓްރޯލް ނުކުރެވެން ޖެހޭ ސަބަބެއް އޮވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
ބޭރުފައިސާ ރާއްޖޭގައި ހަރުލާނެ ގޮތާއި، އިތުރު ބޭރު ފައިސާގެ އާމްދަނީ އުފައްދައި ގައުމުގެ ރިޒާވް މަތި ކުރުމަކީ، ކަނޑައަޅާ ވަކި ސިޔާސަތު ތަކެއްގެ ތެރެއިން ނެރެވިދާނެ ރަގަޅު ނަތީޖާ އެކެވެ.

ފާހަގަކުރެވޭ ބައެއް ނުކުތާތައް

ހެދިފައި ހުރި ގާނޫނުތަކާއި އެއްގޮތަށް މެނޭޖް ކުރުމަށް ހާއްސަ އިސްކަމެއް ދީގެން ޑޮލަރުގެ ރޭޓް ހައްލު ކުރެވޭނެ ކަމުގައި، ދާއިރާގެ ތަޖުރިބާކާރުން އެއްބަސްވެ އެވެ. ގަވާއިދު ތަންފީޒު ނުކުރެވި ކިތަންމެ ވަރަކަށް ކަރެންސީ ފްލޯޓް ކުރިޔަސް ވާނެ ފައިދާއެއް ނޯންނާނެ އެވެ. އެހެން ނޫނީ ކުރާނީ ކުރިންވެސް ކުރި ތަޖުރިބާ އެވެ. ރުފިޔާގެ އަގުވެއްޓި ތާއަބަދު އުޖޫރައިން ދެކޮޅުނުޖެހޭ ކަމުގެ ޝަކުވާ އޮންނާނެ އެވެ.

ރާއްޖޭގެ މަނިޓަރީ ގަވައިދުގެ ފަސްވަނަ މާއްދާގައި ބުނެފައިވަނީ "ދިވެހިރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ހުރިހާ އެއްޗެއްގެ އަގާއި، މަސައްކަތުގެ އަގާއި، ހިދުމަތުގެ އަގާއި، ފީ އާއި ކުލި ފަދަ ތަކެތީގެ އަގު އަދާކުރުމަށް ރާއްޖޭގެ ރުފިޔާ ފިޔަވައި، އެހެން ފައިސާއެއް ބޭނުން ކުރުމަކީ މަނާ ކަމެއް" ކަމަށެވެ. އަދި މީގެ އިތުރުން އެ ގަވާއިދުގެ ނުވަވަނަ މާއްދާގައި ބުނެފައިވަނީ "އެމެރިކާ ޑޮލަރު ގަންނަ އަގާއި ވިއްކާ އަގު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ އަގު ފިޔަވައި އެހެން އަގެއްގައި، އެއްވެސް ފަރާތަކުން އެމެރިކާ ޑޮލަރު ގަނެ ވިއްކުމަކީ މަނާ ކަމެއް" ކަމަށެވެ. ގާނޫނާއި ގަވައިދުގައި އޮތް އެއްޗެއް ވަރަށް ސާފެވެ.

ކަރެންސީ ފްލޯޓްކުރުމުގެ ވާހަކަދެއްކުމުގެ ކުރިން ރާއްޖޭގެ މަނިޓަރީ ގަވާއިދު ތަންފީޒު ނުކުރެވިގެން އުޅޭ ސަބަބު ދަނެގަންނަން އެބަ ޖެހެ އެވެ. ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަކީ ދައުލަތުގެ މައްޗަށް ލާޒިމުވާ ކަމެކެވެ.

ރާއްޖޭގެ ބޭންކިން ނިޒާމްގެ ތެރެއިން ވިޔަފާރިތަކުގެ މާލީ މުއާމަލާތް ކުރެވޭނެ ހަރުދަނާ ސިޔާސަތު ކަނޑައަޅައި އަދި ބޭންކް ތަކުންނާއި އޭގެ އިތުރުން ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ހޯއްދަވާފައިވާ ފަރާތްތައް މެދުވެރިކޮށް އާއްމުންނަށް ބޭނުންވާ ބޭރުފައިސާ ލިބުމުގެ މަގު އެކަށައަޅާ، ރެގިއުލޭޓްކޮށް މޮނިޓާ ކުރުމަކީ، ސެންޓްރަލް ބޭންކަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ކުރެވެ އެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް ޑޮލަރު ފައިސާ އެބަ ލިބެ އެވެ. ބްލެކް މާކެޓްގައި ބޭނުން އަދަދަކަށް ބޭރު ފައިސާ ގަންނަން ލިބެން ހުންނަނީ، ރާއްޖެއަށް ބޭރުފައިސާގެ އާމްދަނީ އެމިންވަރަށް ވަންނާތީ ކަމާއިމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތެވެ. ބޭރުފައިސާގެ އާމްދަނީ، ގަވާއިދުތަކާއި އެއްގޮތަށް ނިޒާމުގެ ތެރެއިން ދައުރުވާނެ އިންތިޒާމުތައް ތަރުތީބު ކުރެވުމުން، ބްލެކް މާކެޓް އޮންނަންޖެހޭ ސަބަބެއް އެބަ ނެތެވެ.

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ އަކީ ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތް ތަކަށާއި، ހަމައެކަނި މާލޭގައި ކުރެވޭ ވިޔަފާރިއަކަށް ވެގެންވެސް ނުވާނެ އެވެ. ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރިމަގުގައި އިތުރަށް ފުޅާވުމުގެ ފުރުސަތު ވެސް ނުހަނު ބޮޑެވެ. ބޭރުފައިސާ ލިބުމުގެ މުހުތާދުވެސް އޮތީ ހަމަ އެގޮތަށެވެ. ވުމާއެކު، ރާއްޖޭގެ އެއްވެސް ރަށަކަށް އިސްތިސްނާއެއް ނެތި، ބޭނުންވާހާ ފަރާތް ތަކަކަށް، ގާނޫނީ އިމުގެ ތެރޭގައި ބޭރުފައިސާ ގަނެ ވިއްކުމުގެ ހުއްދަ ލިބެންޖެހެ އެވެ. އެކަމުގައި އޮތިއްޔާ އޮތް ގެއްލުމެއް އޮތީ ހުއްދަ ނުދީ ހިފަހައްޓާފައި އޮތުމުން ކުރިމަތިވާ ގެއްލުމަކުން ކަމަށް ގަބޫލުކުރަންޖެހެ އެެވެ.