ލައިފްސްޓައިލް

އަވަށުގައި ހިނި ގިނަވެ އުޅެން ދަތިވެފައި

އިންޑިއާގެ އަވަށެއްގައި ކަނޑާ ކަހަލަ ބޮޑު ރަތް ހިނި މާގިނަވެގެން އެ އަވަށުގެ މީހުންނަށް ދިރިއުޅެން ދަތިވެއްޖެ އެވެ.

އޮޑީޝާގެ ޕޫރީ ޑީސްޓްރިކްޓްގެ ބްރަހްމަންސާހީ އަވަށުގައި ދިރިއުޅޭ ބައެއް މީހުން މިހާރު ވަނީ ހިނީގެ އުނދަގޫ ބޮޑުވެގެން އެމީހުންގެ ގެދޮރު ދޫކޮށް އެހެން ތަންތަނަށް ގޮއްސަ އެވެ.

ސައިންސްވެރިންގެ ޓީމަކާއި ޕެސްޓް ކޮންޓްރޯލަރުންގެ ޓީމެއް އަދި އެޑްމިނިސްޓްރޭޓިވް ސްޓާފުންގެ ޓީމެއް މިހާރު އެ އަވަށަށް ގޮސް ހިނި ގިނަވި ސަބަބު ބަލައި އެސޮރުމެން ނައްތާލުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

މި އަވަށުގައި ދިރިއުޅޭ 26 އާއިލާގެ ތެރެއިން ތިން އާއިލާއެއް މިހާރު ވަނީ އެމީހުންގެ ގެދޮރުން ނުކުމެ އެހެން ތަންތަނަށް ގޮއްސަ އެވެ.

އެ އަވަށުގައި މިހާރު ހިނި ނޫޅޭ އެއްވެސް ތަނެއް ނެތެވެ. ގޭގެއާއި ފާރުފާރުގައި، ގަސްގަހާއި މަގުތަކުގައި އަދި ހާމައަށް އޮންނަ ތަންތަނުގައި ވެސް އޮތީ ހުސް ހިންޏެވެ.

ދުވަހެއް ދުވަހަކަށް މިސޮރުމެން އެކި ތަންތަނުގައި ހާލި ހަދަމުންގޮސް މިހާރު ލަކުޑިގަނޑެއް އޮތަސް ފާރެއް ހުއްޓަސް ކަރަންޓް ބޯޑެއް ހުއްޓަސް އޭގެ ތެރެއަށް ވަދެ ވަނީ ހާލި ހަދާފަ އެވެ.

އަވަށުގައި ދިރިއުޅޭ މީހުން މިހާރު ރޭގަނޑު ބޭރަށް ނުކުންނަނީ ފައިގައި ޕްލާސްޓިކް ކޮތަޅު ބަނދެގެންނެވެ. ހިނި ހަފާވަރުން ކެތް ނުކުރެވޭތީ އެވެ.

އަވަށުގެ މީހުން ބުނާ ގޮތުގައި މި ހިނިތައް އެ އަވަށަށް އެރީ ކައިރީގައި އޮތް ކެނަލެއްގައި ބަނޑަހަޖަހައިގެން ތިބޭތާ އެތައް ދުވަހެއް ފަހުންނެވެ.

ސައިންސްވެރިންނާއި ޕެސްޓް ކޮންޓްރޯލް ޓީމުތަކުން އައިސް މުޅި އަވަށަށް ބޭސް ޖަހައި ބައެއް ހިނީގެ ސާމްޕަލް ނަގައިގެން ޓެސްޓްކުރަން ވަނީ ގެންގޮއްސަ އެވެ.

އަވަށަށް ދިޔަ ސައިންސްވެރިންނާ ހަވާލާދީ އިންޑިއާގެ ނޫހަކުން ބުނެފައިވަނީ ހިނި އެހާ ގިނަވީ އަވަށުގެ މީހުންގެ ސާފުތާހިރުކަން ކުޑަވުމުންނެވެ.

"އަވަށުގެ މީހުންނަށް އަންގައިފިން އެމީހުން ދިރިއުޅޭ ތަންތަން ސާފުކޮށް ބަލަހައްޓަން،" އަވަށަށް ދިޔަ އޮފިޝަލަކު ބުންޏެވެ.

އަވަށުގެ މީހަކު ބުނި ގޮތުގައި ހިނިތައް އެމީހުންގެ ގެޔަށް ވަދެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ގައިގައި ދަތްއެޅުމުން އެ ދަތްއަޅާ ތަންތަން ވިހަވެ، އިންފެކްޝަން އުފެދޭ ކަމަށެވެ. އަދި މުޅި ގައިގައި ބިހި ނަގައި ހިރުވާވަރުން ކެތް ނުކުރެވޭ ކަމަށެވެ.

ހިނީގެ އުނދަގޫ ބޮޑުވެގެން ގޭގައި ކައިބޮއި ހަދަނީ ވެސް ހިނިމަރާ ޗޯކުން ވަށް ބުރެއް އަޅައިގެން އޭގެ ތެރޭގައި ތިބެގެން ކަމަށް އެމީހާ ބުންޏެވެ.

މި އަވަށަށް ދިޔަ ސައިންސްވެރިންގެ ޓީމުގައި ހިމެނޭ ސަންޖޭ ކުމާރު މޯހަންޓީ ވިދާޅުވީ ހިނި ހެފީމަ ހަންގަނޑު ހިރުވާ ބިހި ނަގަނީ އެސޮރު ދޫކުރާ ފޯމިކް އެސިޑްގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ ހިނީގެ ރާނީން ހޯދައި އެ ހިނިތައް ނައްތާލެވިގެން ނޫނީ ހިނި މަދު ނުކުރެވޭނެ ކަމަށެވެ. އަދި މިއީ ސައިންސްޓިފިކް ގޮތުން ބަލައިގެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންސާނުންގެ އިތުރުން އަވަށުގައި އުޅޭ ބުޅާ، ކުއްތާ އަދި ހަރުފަ ފަދަ ޖަނަވާރަށް ވެސް ހިނީގެ ހަމަލަތައް އަމާޒުވެފައިވާ ކަމަށް އަވަށުގެ މީހުން ބުންޏެވެ.