ދުނިޔެ

ޔުކްރޭން ހަނގުރާމައަށް ރިޒާވް ސިފައިން ނެރެން ތާއިދެއް ނުކުރަން: ޗައިނާ

ރަޝިއާ، ޔުކްރޭން ހަނގުރާމަ އަށް އޮތް ދެމެހެއްޓެނިވި ހައްލަކީ މަޝްވަރާކުރުން ކަމަށް ޗައިނާއިން ބުނާ ބުނުން އެ ގައުމުން އަނެއްކާ ވެސް ތަކުރާރުކޮށްފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަން ވެންބިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ރަޝިއާ، ޔުކްރޭން ހަނގުރާމާގައި މުޅި ހިސާބު އަނދައިގެން ނުވާނެ އެވެ.

ޔުކްރޭން ހަނގުރާމައަށް ރިޒާވް ސިފައިން ނެރެން ޕޫޓިން ކުރެއްވި އަރުމާ ބެހޭ ގޮތުން ތަރުޖަމާން ވިދާޅުވީ މިއީ ހަނގުރާމައިން ކުރިފަޅުވަން ރަނގަޅު ވަގުތު ނޫން ކަމަށާއި ވިސްނަންވީ ހަނގުރާމަ ނިންމުމަށް ކަމަށެވެ.

އަސްކަރިއްޔާއަށް ކޮންމެވެސް ގޮތަކަށް ޚިދުމަތްކުރުން ލާޒިމްވާ 25 މިލިއަން މީހުން ރަޝިއާގައި ތިބެ އެވެ. މިއީ ކުރިން އަސްކަރިއްޔާގައި ޚިދުމަތްކުރި ނުވަތަ އަސްކަރީ ތަމްރީންގެ މަރުހަލާތަކެއް ކުރިން ފުރިހަމަކޮށްފައި ތިބި މީހުންނެވެ.

ޕޫޓިންގެ އަމުރުގައި މި އެންމެން ޝާމިލް ވާއިރު ސަރުކާރުން ވިސްނާފައި އޮތީ މިވަގުތަށް 300،000 ރިޒާވް ސިފައިން ނެރުމަށެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާގެ ކޮންމެ ރައްޔިތަކު ހަނގުރާމައަށް ނުނެރޭނެ އެވެ. އަދި ކިޔާވާ ކުދިން -- ސްކޫލް، ޔުނިވާސިޓި ކުދިން ވެސް ނުނެރޭނެ އެވެ. އޭނާ އަދި ވިދާޅުވީ އެ ކުދިންގެ މަސައްކަތަކީ ކިޔެވުން ކަމަށެވެ. އަދި ފަހުން ގައުމު ތަރައްގީ ކުރުން ކަމަށެވެ.

ޕޫޓިންގެ މި އަމުރާ މެދު ޗައިނާ ދެކޭ ގޮތަކީ ހަނގުރާމަ އާކުރުމުގެ ބަދަލުގައި ދެ ގައުމުން -- ވެރިންގެ ފެންވަރުގައި މަޝްވަރާ ކުރުން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ދެކޮޅުން ވެސް ދޫދޭން ޖެހެ އެވެ. އެ ނޫން ގޮތެއްގައި އާންމުންނާއި ސިފައިންގެ ތެރެއިން އެތައް ބަޔަކު މަރުވެދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވި ގޮތުގައި ރިޒާވުން ނެރޭ ހުރީހާ މީހުން ހަނގުރާމައިގެ މައިދާނަކަށް ނުގެންދާނެ އެވެ. އޭނާ އަދި ވިދާޅުވީ އަސްކަރީ މައިދާނަށް ގެންދާނީ ހަނގުރާމައިގެ އުކުޅުތައް ހުރި އަދި ހަތިޔާރު ގެންގުޅުމަށް ދަންނަ މީހުން ކަމަށެވެ.

އޭގެ އިތުރުން ދެން ތިބި މީހުންގެ މަސައްކަތަކަށް ވާނީ ހަނގުރާމައިގައި އަތްގާތްކޮށްދިނުން ކަމަށެވެ. އަދި ހަތިޔާރު އުފައްދަން ޝައުގުވެރިވާ ބަޔަކު ތިބި ނަމަ އެފަދަ މަސައްކަތްތައް ކުރާ ކާރުޚާނާތަކަށް ފޮނުވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.