ދުނިޔެ

ޓްރަމްޕަށް ނިއު ޔޯކް އެޓާނީ ޖެނެރަލް ދައުވާކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ނިއު ޔޯކް އެޓާނީ ޖެނެރަލް ލެޓީޝިއާ ޖޭމްސް ދައުވާ އުފުއްލަވައިފި އެވެ.

މި ދައުވާގައި އޭނާގެ ބޮޑުވެފައި ތިބި ތިން ދަރިން -- ޑޮނާލްޑް ޖޫނިއާ، އިވަންކާ އަދި އެރިކް ވެސް ހިމެނެ އެވެ.

ނިއު ޔޯކް އެޓާނީ ޖެނެރަލް ޓްރަމްޕަށް ދައުވާ ކުރައްވަނީ ވިޔަފާރީގައި މަކަރާއި ހީލަތް ހައްދަވާފައި ވާތީ ދައުލަތަށް ލިބިފައިވާ ގެއްލުގެ ބަދަލު ހޯއްދެވުމަށެވެ.

އެޓާނީ ޖެނެރަލް ވިދާޅުވާ ގޮތުގައި ޓްރަމްޕް އޯގައިނައިޒޭޝަން އިން މަކަރުހަދައި އޮޅުވާލައިގެން 250 މިލިއަން ޑޮލަރު ވަނީ ހޯދާފަ އެވެ.

އެޓާނީ ޖެނެރަލްގެ ބަޔާނުގައި ބުނެފައިވާ ގޮތުން ޓްރަމްގެ އާއިލާއިން ވިޔަފާރީގައި -- ގެދޮރު ގަނެ ވިއްކުމުގެ ވިޔަފާރިގައި މަކަރު ހަދާފައި ވަނީ އަދަކު އިއްޔެއަކު އެކަންޏެއް ނޫނެވެ.

ފާއިތުވި ތިން އަހަރުގެ މުއާމަލާތްތައް ހޯދާ ބަލާފައިވާއިރު ވިޔަފާރި އޮޅުވާލާފައިވަނީ ގަސްދުގައި، އެނގި ތިބެގެން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ޓްރަމްޕް މަޝްހޫރުކަން ހޯއްދެވުމުގައި ހީލަތުން ހޯއްދެވި ފައިސާ ބޭނުން ކުރައްވާފައިވާ ކަމަށް އެޓާނީ ޖެނެރަލް ތުހުމަތު ކުރައްވަ އެވެ. އެހެން ނަމަވެސް، ޓްރަމްޕް ވިދާޅުވީ އެފަދަ މުއާމާލާތެއް ނޯންނާނެ ކަމަށާއި އެއީ ސިޔާސީ ގޮތުން އޭނާގެ މައްޗަށް ބަޔަކު ކުރާ ތުހުމަތެއް ކަމަށެވެ.

ޓްރަމްޕަށް އުފުލާފައިވާ ދަައުވާގައި ޓްރަމްޕްގެ ކުންފުނިތަކުގެ ވެރިން ވެސް ޝާމިލްވާ ކަމަށް އެޓާނީ ޖެނެރަލް ތުހުމަތު ކުރައްވަ އެވެ.

ކުންފުނިތަކުގެ ވެރިންނާއި ޓްރަމްގެ ދަރިން މެދުވެރިކޮށް އެތައް ބިލިއަން ޑޮލަރެއް އޭނާގެ ވިޔަފާރިން ހޯއްދަވާފައި ކުންފުނި ފުޅާކުރައްވާފައިވާ ކަމަށްވެސް އެޓާނީ ޖެނެރަލް ތުހުމަތު ކުރައްވަ އެވެ.