ހަބަރު

ފާހަގަކުރެވޭ ތަންތަނަށް ނަން ކިޔުމުގެ އުސޫލެއް ހަދައިފި

Sep 22, 2022

ރާއްޖޭގެ މުހިއްމު ސަރަހައްދުތަކަށް ނަން ނަންކިޔުމުގެ އުސޫލެއް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އެކުލަވާލައިފި އެވެ.

އުސޫލުގެ ދަށުން ވަނީ "ޖިއޮގްރަފިކް ނަންތަކާ ބެހޭ ކޮމިޓީ"ގެ ނަމުގައި ނުވަ އިދާރާއެއް ޝާމިލްވާ ގޮތަށް ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ.

މިއުސޫލުގެ ދަށުން ރާއްޖޭގެ ރަށްތަކާއި، ފަޅުތަކާއި، ފަރުތަކާއި، ހާހަލާއި، އިދާރީ ދާއިރާތަކާއި، މިނޫންވެސް އެހެނިހެން ޖިއޮގްރަފީ ގޮތުން ފާހަގަކުރެވޭ ތަންތަނަށް ނަމެއް ކަނޑައަޅާފައި ނުވާނަމަ އެތަނަކަށް ނަމެއް ދިނުމާއި، އެފަދަ ތަނަކަށް ދީފައިވާ ނަމެއް އިސްލާހުކުރަން ޖެހޭނަމަ އެކަން ކުރާނީ ކޮމިޓީންނެވެ.

ކޮމިޓީގައި ހިމެނޭ އިދާރާތައް

  • ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
  • މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް
  • މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
  • މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ
  • މިނިސްޓްރީ އޮފް ޓޫރިޒަމް
  • މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ
  • ލޯކަލް ގަވަރމަންޓް އޮތޯރިޓީ
  • ދިވެހި ބަހުގެ އެކަޑަމީ

ނަން ކިޔުމުގައި ދިވެހި ނަމެއް ކިޔުމާއި މުޖުތަމައު ބަލައިގަންނަ ފަސޭހަ ރީތި ނަމެއް ކިޔުން އެއީ ނަން ކިޔުމުގެ މިންގަނޑުގައި އޮތް ކަމެކެވެ. އަދި ތަނަކަށް ކިޔާފައިވާ ނަމަކަށް ނުވުމާއި އެ ތަނެއް ނިސްބަތްވާ ސަރަހައްދަކަށް ވިހާވެސް ބޮޑަކަށް ގުޅުވައިގެން ނަން ކިޔުންވެސް ހިމެނެ އެވެ.

ޖިއޮގްރާފީގެ ގޮތުން ފާހަގަކުރެވޭ ތަނަކަށް ތިންވަނަ ފަރާތަކުން ނަމެއް ކިޔާނަމަ އެކަން ކުރެވޭނެ ގޮތްވެސް އުސޫލުގައި ހަމަޖެހިފައިވެ އެެވެ. އެގޮތަށް އެކަން ކުރާނަމަ ހުށަހަޅާ ނަންތަކާއި އެ ނަމެއް ހުށަހަޅާ ސަބަބު އޮޅުންފިލުވައިދޭން ޖެހެ އެވެ. ރަށަކަށް ނުވަތަ ފަޅަކަށް ތިންވަނަ ފަރާތަކަށް ނަމެއް ކިޔޭނީ އެއީ އެ ފަރާތަކުން ހިއްކާފައިވާ ރަށެއް ނުވަތަ އެފަރާތަކަށް ކުއްޔަށް ދީފައިވާ ތަނަކަށް ވާނަމަ އެވެ.

ތިންވަނަ ފަރާތަކުން ނަމެއް ފާސްކުރުމަށް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީއަށް ހުށަހަޅާނަމަ ހުށަހަޅަންޖެހެނީ އެ ރަށެއް ނުވަތަ އެ ފަޅެއް އެ ފަރާތަކަށް ކުއްޔަށް ދިން އިދާރާއެއް މެދުވެރިކޮށެވެ.