ވާހަކަ

ނިވެމުންދާ ބައްތި

(އާދީއްތަ ދުވަހުގެ ނޫހާ ގުޅޭ)

"ކާކުތަ މާވަރަކަށް އެގުޅަނީ" އާލިޔާ ވަރަށް ޖެހިލުންވެ އިނދެ ލޮކު ކޯޑު ފިލުވާލުމަށް ފަހު ސައުންގެ އަތަށް ފޯނު ދިނެވެ.
ވިއްސަކަށް މިސްކޯލު އެއް ނަމްބަރަކުން އައިސްފައި ވެއެވެ. އެއީ ކާކުތޯ އާލިޔާއާއި ސައުން ސުވާލު ކުރިއެވެ. އިސްޖަހައިގެން އިނދެ ވާހަކަ ދެއްކިއެވެ. "ނޭނގެ ކާކު ކަމެއް އިއްޔެއް ސުރެން އެމީހަކު ގުޅަނީ މެސެޖު ވެސް ކުރަނީ އެއްވެސް އެއްޗަކަށް ރިޕުލައިއެއް ނުކުރަން" ސައުން ނަމްބަރު ނޯޓް ކޮށްލިއެވެ. "މިހެންވެތަ ފޯނުގައި ލޮކު ކޯޑު ޖެހީ. އާލިޔާ ހީކުރީ ދޯ އަހަރެންނަށް ފެނިގެން އެ ކަމާ އާލިޔާއަށް ޝައްކު ކޮށްފާނެއޭ" އާލިޔާ އެއްޗެކޭ ނުބުނެ ބޯ ޖަހާލިއެވެ.

ސައުން ނަމްބަރު ނޯޓް ކޮށްލުމަށް ފަހު މެސެޖުތައް ބެލިއެވެ. އަދި އެނަމްބަރަށް ސައުންގެ ފޯނުން ގުޅުމުން ފޯނު ނުނެގިއެވެ. "މެސެޖަށް އަދި ފޯނު ކޯލަށް ޖަވާބު ނުދިނީމަ ނިމުނީ . މިހާރު އެނަމްބަރުން ދެން އާލިޔާގެ ފޯނަށް ނުގުޅޭނެ އެނަމްބަރު ބްލޮކް ކޮށް ލައިފިން" ކުޑަކޮށް އާލިޔާ ހިތް ހަމަޖެހޭ ގޮތްވިއެވެ. ސައުންގެ ހިތް އެކަމުގައި އާލިޔާގެ މައްޗަށް ސާފުކަން އެނގުމުންނެވެ. ދެމީހުން އެނބުރި މަސައްކަތަށް ދިއައެވެ.

ސައުން އޮފީހަށް އެނބުރި އައުމަށްފަހު ބޭރަށް ދާތަން އާލިޔާއަށް ފެނުނެވެ. ދަނީ ކޮންތާކަށް ކަމެއް ނުބުނެއެވެ. ނަވާލު ގާތު ސައުން ދިޔައި ކޮންތާކަށްތޯ ސުވާލު ކުރިއެވެ. ނަވާލުއަށް ވެސް ސައުން ދިޔަ ތަނެއް ނޭނގުނެވެ. އާލިޔާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. ކުރިން އާލިޔާއަށް ނޭގި އެއްވެސް ތާކަށް އޮފީހުން ބޭރަކަށް ނުދެއެވެ. ސައުން ދިޔަ ތަނެއް ނޭނގި އިނދެ މަސައްކަތުގައި ބައިވެރިވީ ފޫހި ކަމާ އެކުގައެވެ. އޮފީސް ނިމިގެން ގެއަށްދާ ގަޑި ޖެހުނު އިރުވެސް ސައުން އޮފީހަކަށް އެނބުރި ނާދެއެވެ. އާލިޔާގެ ހިތުގައި ސުވާލުތައް ދިޔައީ އުފެދެމުންނެވެ.

އެންމެފަހުން ސައުންގެ ފޯނަށް ގުޅޭތޯ ކުރިމަސައްކަތް ވެސް ވީ ނާކާމިޔާބެވެ. ފޯނުވަނީ ނިއްވާ ލައިފައެވެ. ސައުންގެ ޚަބަރެއް ނުވުމުން އެނބުރި ގެއަށް ދާން ހިނގައި ގަތީ ފައި މަގުގައެވެ. އެއީ ބާޒާރު ކޮށްލުމެއް ވެސް އޮތީމައެވެ. މަޖީދީ މަގު ހުރިގޮތަށް އިރަށް ކުރިއަށް ހިނގަމުން ގޮސް ގަލޮޅުދަނޑުގެ ސަރަހައްދުގެ ފިހާރަ ތަކުން ފިހާރައަކަށް ވަދެ ވަދެ ހުއްޓާ ސައުންނާއި މިޝްކާ އެއްޗެހި ތަކެއް ގަނެގެން ސައިކަލަށް އަރާތަން އާލިޔާއަށް ފެނުނެވެ.

އެހާ ހިސާބުން އާލިޔާގެ ހިތުގައި ހިތް ހަމަ ނުޖެހުމުގެ ޝުއޫރު ފުރަތަމަ ފަހަރަށް ސައުންނާ މެދު އުފެދުނެވެ. ގެއަށާއި ކުދިންނަށް ބޭނުންވާ ތަކެތި ގަންނަން ދިޔަ ނަމަވެސް އާލިޔާ ކައިރީ ނުބުނެ އައުމުންނެވެ. އެކަމާ ހިތް ނުތަނަވަސްވެ، ތަފާތު ޝުއޫރުތައް އުފެދެމުން ދިޔައެވެ. އަދި އެކަނި ވެރިކަން ފުރަތަމަ ފަހަރަށް އިހުސާސް ކުރެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އާލިޔާއަށް ވުރެ ގިނަ ވަގުތު މިޝްކާއަށް ދޭނެ ކަން އާލިޔާއަށް ޖެހުނީ ގަބޫލު ކުރާށެވެ. ފިހާރައިން ގަންނަން އުޅުނު އެއްޗެހީގެ މަތިން ހަނދާން ނެތި ފޫހިކަމާ އެކު ފިޔަވަޅު އަޅަމުން ގެއާ ދިމާލަށް ދިޔައެވެ.

އާލިޔާގެއަށް ވަން އިރު ސައުންނާއި މިޝްކާ އަދި ނާދެއެވެ. އެއީ އާލިޔާ އައުމުން ޒީކު ބައްޕައާއި މަންމަ ދިޔައީ ޒީކުއަށް ޗޮކުލެޓް ގަނެދޭށޭ ކިޔާ އާލިޔާގެ އަތުގައި ހިފިއެވެ. ޒީކުގެ އެ ލަފުޒުތަކުން އާލިޔާގެ ހިތަށް ތަދުވެ، އެކި ނާރު ވަކިވަކިން ދިރުން ކެނޑެމުން ދާހެން ހީވިއެވެ. އެހެންނަމަވެސް މިއީ ކުރިމަތިލާން ޖެހޭނެ އިމްތިހާނެއް ކަމަށް ދެކެމުން ޒީކުގެ ކޮލުގައި ލޯބިން ފިރުމާލިއެވެ. "އެހެންތަ. ދައްތައަށް އެއްބައި ދޭނަންތަ "އެހެން ބުނުމަށް ފަހު ޒީކު ގޮވައިގެން ކޮޓަރިއަށް އާލިޔާ ދިޔައެވެ. އެއީ ސައުން އެނބުރި އައުމަށްފަހު ޒީކު ހޯދަން ސައުން އަންނާނެކަން އެނގޭތީއެވެ.

އާލިޔާގެ ފޯނު ތިން ހަތަރު ފަހަރަކު ރިންގުވިއެވެ. ފޯނުން އުނދަގޫ ކުރާ މީހާ އެހެން ނަމްބަރަކުން ވެސް ގުޅާފާނެ ކަމަށް ހީކޮށް އާލިޔާ ފޯނެއް ނުނަގައެވެ. އެ ފޯނުގެ ރިންގު ނުކެނޑެނީސް ކަންފަތުގައި ފޯނު ޖަހައިގެން ހުރެ ކޮޓަރިއަށް އައިސް ވަނީ ސައުންނެވެ.
ޒީކު އާލިޔާއާއި އެކު ކުޅެން ހުރިތަން ފެނުމުން ފޯނު ކަނޑާލުމަށް ފަހު "މިހިރީ މިހާރު އައިސް މަ މިގުޅަނީ ބަލައިދާން ވެގެން. ކޮންއިރަކުއައީ އާލިޔާގާތު ނުބުނެ އޮފީހުން އައީ ޒޯޔާ މާދަމާ ލިޓްލް މޭޑް ކޭމްޕެއް ދާތީ ބޭނުންވާ ބައެއް ތަކެތި ގަންނަން ހުރުމުން އެތަކެތި ގަތުމަށް. ކިރިޔާ މިސަލާމަތްވީ. އެހެންވެ މިގުޅަނީ. ކޮބާ ފޯނު" ސައުން އެހެން ބުނުމުން އާލިޔާ ފޯނަށް ބަލާލިއެވެ. ތެދެކެވެ ތިންފަހަރު ގުޅާފައި އެބައޮތެވެ. ކުރިން ސައުންގެ މައްޗަށް ކުރި ޝައްކު ފިލުވާލައި ހިނުތުންވުން މޫނު މަތިން ފާޅު ކުރިއެވެ."ކޮބައިތަ؟ ޒީކުއަށް ގެނައި ޗޮކުލެޓް ސައުން. ޒީކު ބުނި މަންމީއާއި ބައްޕަ ވީ ޒީކުއަށް ބޮޑު ޗޮކުލެޓެއް ގަންނަން ގޮހޭ" ސައުން ހީފައި އައިސް ޒީކު ނަގާ އުރާލިއެވެ. "ތެދެއް ކިހާ ބޮޑު ޗޮކުލެޓެއް އަޅެ އަތުން ދައްކާލަ ބަލަ ބައްޕަ އަށް" އެހެން ބުނުމުން ޒީކު ގެ ކުޑަކުޑަ އަތުން ސަހާދަތް އިނގިއްޔާ ބޮޑުވައި އިނގިލިން ވައްބޮޅެއް ހަދާލުމަށްފަހު މިވަރު ޗޮކުލެޓެކޭ ބުނެ ސައުންގެ ކަރުގައި ދެއަތުން ބެއްދިއެވެ.

އާލިޔާ ރީތިވެ ނިމިގެން ނަމާދަށް އެރި އިރު ޒީކުއާއި ސައުން ކޮޓަރީގައި ތިއްބެވެ. ނަމާދުން އަވަދިވެ، ސަލާމް ދިނުމަށްފަހު ސައުން އޮތް ތޯ ލޯހިންގާލިއެވެ. ކޮޓަރީގައި ފެންނާކަށް ނެތެވެ. ޒީކު ގޮވައިގެން ތިރިއަށް ދިޔައީއެވެ. ވުމާއެކު އާލިޔާ ރޭގަނޑުގެ ކެއުމަށް ކާއެއްޗެއް ހެދުމުގައި އުޅުނެވެ.

އިޝާ ދަން ނިމި ނުވައެއް ޖެހި އިރުވެސް ސައުންނެއް މައްޗަކަށް ނާރައެވެ. އާލިޔާ ސައުން އަންނާނެ އިރެއްގެ އިންތިޒާރުގައި ނުކައި އިނެވެ. ނުކައި އިނުމުގެ ސަބަބުން ހައިކަމާ އެކު ވަރުބަލިކަން އިހުސާސް ވަމުން ދިޔައެވެ. އެހެންކަމުން ސައުން އަންނަން ދެން އާލިޔާ އެނދުގައި ހުރަހަށް ވާ ގޮތަށް އޮށޯތެވެ. ނިދާކަށް ނޫނެވެ. ނިދި އަންނަގޮތްވެ، އެސްފިޔަތައް ބަރުވެ ލޯ ކުޑަވާގޮތް ވުމުން ފޯނު ނަގައިގެން އެފްބީ ބަލަން ފެށިއެވެ. ދެތިން ހަތަރު މީހަކު ފުރެންޑް ރެކުއެސްޓް ފޮނުވާފައި އޮތުމުން އެއީ ދަންނަ ބައެއްތޯ އެ މީހުންގެ ބަޔަށް ގޮސް ބަލާލިއެވެ. ދެކުއްޖަކީ ސްކޫލް ދައުރުގެ ރައްޓެހިންނެވެ. ތިންވަނަ ފަރާތަކީ ނުދަންނަ ފަރާތަކަށް ވާތި އެކުސެޕްޓް ކުރާހިތެއް ނުވިއެވެ. އޭރު ވެސް އާފުރި ނިދި އަންނަމުން ދިޔައެވެ. އެންމެފަހުން ސައުންނަށް ގުޅަން ނިންމީމެވެ.

ދެފަހަރަކު ފޯނުގެ ނަމަބަރު ތަކަށް ފިއްތާލުމަށް ފަހު ފޯނު ކަނޑާލިއެވެ. އެއީ ސައުންގެ ވިސްނުން ނޭނގޭތީއެވެ. ކުދިންގެ ކައިރީގައި އުޅޭ ވަގުތުތަކުގައި ފޯނު ކޮށްގެން އުނދަގޫ ކުރުމަކީ ސައުން އެދޭ ގޮތަކަށް ނުވެދާނެތީއެވެ. މާދަންވެ ނިދި އަންއުން ކޮންޓްރޯލު ނުވާ ހިސާބަށް ދިއުމުން ހިތްވަރުކޮށްފައި ފޯނު ކުރީމެވެ. ފޯނު ރިންގުވެއެވެ. އެކަމަކު ފޯނެއް ނުވެސް ނަގައެވެ. ދެކޮޅު ހޯދާލުމަށް ފަހު ތިރި ބާލާލި އެ ވަގުތު މިޝްކާއާއި ދެކުދިންނާ އެކު ސައުން ބޭރުން އައިސް ގެއަށް ވަންނަތަން ފެނުނެވެ. މިޝްކާ ހުރި ސައުންގެ އަތުގައި ހިފައިގެންނެވެ. އެންމެ ކުޑަ މީހާ ޒީކު ސައުންގެ އުރުގައި އިނެވެ. އެމަންޒަރު ފެނުމުން އާލިޔާގެ ހިތަށް ބުނަން ނޭނގޭ އެތައް އިހުސާސެއް ވެރި ކުރުވަމުން ދިޔައެވެ.

އެއީ ފުރިހަމަ އާއިލާއެކެވެ. އެ ދެމެދަށް އާލިޔާ ވަދެ އެ މީހުންގެ ވަގުތު ތަކުން ވަގުތު ހޯދަން މަސައްކަތް ކުރުމަކީ ބޭކާރު ވިސްނުމެކެވެ. ދެ ކުދިންނާ މިޝްކާއާ އެކު ސައުން އެ ހޭދަކުރާ ވަގުތު ތަކަކީ ކިހާ ހިތް ގައިމު ވަގުތު ތަކެއް ހެއްޔެވެ؟ ކައިވެންޏަށް މިވީ މަދު ދުވަސްކޮޅުން އާލިޔާއަށް އިހުސާސް ވަމުން ދިޔައީ އެކަނިވެރި ކަމެވެ. ފޫހިކަމެވެ.

ސައުންނަށް އާލިޔާ އަކީ އެހާ މުހިންމު މީހެއް ނޫންކަމުގެ އިހުސާސެވެ. އަނތްބެއްގެ މަގާމުގައި މިގޮތަށް އެ މީހުންގެ އުފާތަކުގެ ހުރަހަކަށްވެ، ހުރުމާ މެދު ތަފާތު ވިސްނުންތައް ހިތަށް ވެރިވަމުން ދިޔައެވެ.

ބަނޑުހައިކަން މަތީން ހަދާން ނެތި ވިސްނުމުގެ ކަނޑެއްގައި ޚިޔާލުތަކުގެ ލަގަން ދޫކޮށް ލެވުނެވެ. ގިނަ ދުވަސްވީ ވަރަކަށް މިޝްކާއާއި ސައުންގެ މެދުގައިވާ ގުޅުން ބެދެހި ވަމުން ދާނެއެވެ. ސައުންގެ ހުރިހާ އުފަލެއްގެ ހިއްޞަދާރަކީ މިޝްކާ ކަމަށް ދެކޭނެއެވެ. ދަރިންނަށް ވުރެ އަގުބޮޑު މުދަލެއް ސައުންގެ ކުރިމަތީގައި ނުވާކަން އާލިޔާ ދަނެއެވެ. ކުދިންގެ ހިތްހަމަޖެހުމާއި އުފަލަށް ޓަކައި ކޮންމެ ފަދަ ގުރުބާނީ އެއްވެސް ވެދާނެ ކަން އާލިޔާއަށް ވިސްނުނެވެ. އެހެން ކަމުން ސައުންގެ ހަޔާތުގެ ބައިވެރި އެއްގެ ގޮތުގައި އިތުރަށް ދުވަސްތައް ގުނުމާ މެދު ދެވަނަ ވިސްނުމަކަށް ދާން މިދަނީ މަޖުބޫރު ވަމުންނެވެ. އެހެނަސް...

މިއަދު އާލިޔާގެ މޮޔަ ހިތް ދީވާނެވެ އެދެމުން ދަނީ ސައުންނަށެވެ. އެހިތުގެ އުފަލާ އަރާމަކީ އެއީއެވެ. ހިތް އެދޭ ލޯބީ ދެވޭނެ ފަރަތަކީ ވެސް އެއީކަމުގައި ދެކެވުނެވެ. އާލިޔާ ބޭނުންވާ ހުރިހާ ގޮތަކަށް ހިތް ކިޔަމަނެއް ނުވެއެވެ. ރޭގަނޑާއި ދުވާލު އަބަދު އެކުގައި ވުމަށް އެދެވެއެވެ. އެހެން މީހަކާ އެކު ސައުން ހޭދަ ކުރާ ކޮންމެ ސިކުންތަކީ އާލިޔާގެ ހިތަށް ހިތް ދަތިކަން ގެނުވާ ކަމެކެވެ. ފިޠުރީ ގޮތުން އުފެދޭ ގާތްކަމުގެ ސަބަބުން ކައިވެނީގެ ހުރިހާ އުފަލެއް ހޯދަން ދަހިވެތި ވަމުން ދިޔައެވެ. ކައިވެނި ފުރިހަމަ ވާނި މަންމާއޭ ކިޔާފަ ގޮވާލާނެ ދަރިއަކު ލިބުމުން ކަމުގައެވެ.

އުނގު ފަޅު ފިލުވައި ދޭނެ ދަރިއަކަށް ބޭނުން ވަމުން ދިޔައެވެ. ވަކި ދިރި އުޅުމެކެވެ. ލޯތްބާއި ކުލުނުން ފުރިގެން ވާ ފިރިއެއްގެ ހިމާޔަތެވެ. ހުރިހާ ވަގުތެއްގައި ހިތްވަރު ދޭނެ ވަފާތެރި ބައިވެރިއެކެވެ. މުޅި ރޭދުވާ އެކުގައި ގުނާލެވޭ ފަދަ ބައިވެރިއެކެވެ. ނަމަވެސް ... (ނުނިމޭ)