ހަބަރު

ގާޒީ މަހާޒްގެ ވަކީލުންގެ ގޮތުގައި ކުރީގެ ޕީޖީ އާއި އަލީ ހުސައިން ހަމަޖައްސައިފި

ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ދެކޮޅަށް ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައިގައި އޭނާގެ ވަކީލުންގެ ގޮތުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އާއި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސައިން ހަމަޖައްސައިފި އެވެ.

ކުރިން ޑްރަގް ކޯޓު ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި މަހާޒްގެ މައްސަލަ ޖޭއެސްސީން ބަލަނީ އޭނާ އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވި ލިޔުމަކާ ގުޅިގެންނެވެ. ޖޭއެސްސީން ބަލަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެފައި ވަނިކޮށް ޖިނާއީ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ލިޔުއްވާފައި ލިޔުމެކެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ އެއް އަޑުއެހުން މީގެ ކުރިން ވެސް ޖޭއެސްސީން އޮތީ ބާއްވައިފަ އެވެ. އަދި ދެވަނަ އަޑުއެހުން މާދަމާ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

އެހެންވެ އެ މައްސަލައިގައި މަހާޒްގެ ވަކީލުންގެ ގޮތުގައި ކުރީގެ ޕީޖީ މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އަލީ ހުސައިން ވަނީ ހަމަޖައްސައިފަ އެވެ.

ޑްރަގް ކޯޓުގެ ފަނޑިޔާރުކަން ލިބިވަޑައިގަތުމުގެ ކުރިން މަހާޒަކީ ޕީޖީ އޮފީހުގެ ވަކީލެވެ.