މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިމްޕޯޓް އިތުރުވެ އެކްސްޕޯޓް ވަރަށް ބޮޑަށް ދަށަށް

Sep 22, 2022

މިދިޔަ އޮގަސްޓް މަހު 4.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފި އެވެ.

ކަސްޓަމްސް އިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެ އެތެރެކުރި މުދަލުގެ އަގަށްވުރެ މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 48 އިންސައްތަ އިތުރެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް އެތެރެކުރީ 3.3 ބިލިއަން ރުފިޔާ އެވެ. މިދިޔަ އޮގަސްޓް މަހު ވަނީ 4.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ލިބުނު އާމްދަނީއަށް ވުރެ މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް ލިބުނު އާމްދަނީ ވެސް ވަނީ 36 އިންސައްތަ އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު 288 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު މި އަހަރުގެ އޮގަސްޓް މަހު އާމްދަނީގެ ގޮތުގައި 391 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ރާއްޖެއަށް މިދިޔަ އޮގަސްޓް މަހު އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ ، ޔޫއޭއީ އަދި ސިންގަޕޫރެވެ. އޮމާން އިން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 722 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 510 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. ޔޫއޭއީ އިން 466 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯ އިން 402 މިލިއަން ރުފިޔާގެ މުދާ ވެސް މިދިޔަ މަހު ރާއްޖެ އެތެރެކޮށްފައިވެ އެވެ.

ރާއްޖެއިން ބޭރުކުރި މުދަލުގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހު 247 މިލިއަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފަ އެވެ. ނަމަވެސް މިދިޔަ އޮގަސްޓް މަހު ރާއްޖެއިން ބޭރުކުރީ 115 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 53 އިންސައްތަ ދަށް އަދަދެކެވެ.