ބޭރު ގައުމަކަށް ދާން މަތިންދާބޯޓަކަށް އަރާ އިށީންނައިރު ކޮންމެ މީހެއްގެ ވެސް ހިތުގައި އޮންނާނީ އޭނާއަށް ދެވޭނީ ބޭނުންވާ ގައުމަށް ކަމަށެވެ.
ބޯޓުގައި އޭނާއަށް ދެވޭނީ ދާން ބޭނުންވި ގައުމަށް ނޫންކަމެއް ޚިޔާލަށް ވެސް ނުގެނެވޭނެ އެވެ. ނަމަވެސް ޓިކެޓު ނަގައިގެން އަރާ އިނީ ރަނގަޅު މަތިންދާބޯޓަށް ނަމަވެސް އެ ބޯޓު ތިމާ ބޭނުންވާ ގައުމު ނޫން ގައުމަކަށް ގެންގޮއްސިނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
ރަޔަން އެއާގެ ފްލައިޓަކަށް އެރި ފަސިންޖަރުންތަކަކަށް ވެސް ދިމާވީ މިފަދަ ގޮތެކެވެ. އެމީހުން ބޯޓަށް އެރީ ޕޯޗްގަލް އަށް ދާށެވެ. ނަމަވެސް ބޯޓު ޖެއްސީ ސްޕޭނުގަ އެވެ.
މިހިނގާ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ޑަބްލިން އިން ފުރައިގެން ޕޯޗްގަލް އަށް ދާން ރަޔަން އެއާގެ މަތިންދާބޯޓަކަށް އެރި އެންމެންނަށް ވެސް ދެވުނީ ސްޕޭނަށެވެ.
ވިޔަފާރި ދަތުރެއްގައި ޕޯޗްގަލް އަށް ދާން ބޯޓަށް އެރި ބޭރީ މާސްޓާސަން ކިޔާ މީހަކު ކުރި ޓުވީޓެއްގައި މި ވާހަކައިގެ ތަފްސީލު ދީފައިވެ އެވެ.
"އަހަރެން ރަޔަން އެއާ ފްލައިޓަށް އެރީ ޕޯޗްގަލްގެ ފާރޯ އަށް ދާން. ނަމަވެސް އަހަރެން މިހިރީ ސްޕޭނުގެ މަލާގާ ގައި. އަހަންނަކަށް ނޭނގެ ދެން ހަދަންވީ ގޮތެއް،" މާސްޓަސަންގެ ޓުވީޓުގައި ވެއެވެ.
އޭނާގެ ޓުވީޓުގައި އިތުރަށް ލިޔެފައިވާ ގޮތުގައި މަތިންދާބޯޓުގައި އޭރު ތިބި ގިނަ މީހުންނަށް މި އާދެވުނީ ސްޕޭނަށް ކަން އެނގުނީ ފްލައިޓް ލޭންޑް ކުރި ފަހުންނެވެ.
"ފަސިންޖަރުންތައް ހާސްވެގެން ސުވާލުކުރަމުންދިޔަ ކީއްވެހޭ ރޫޓް ބަދަލުކޮށް އެހެން ގައުމަކަށް އެމީހުން ގެނައީ. ހާސްވެފައި ތިބި މީހުންތައް ހަމަޖައްސަން ފްލައިޓުގައި ތިބި ކުރޫން ވަރަށް މަސައްކަތް ކުރަމުންދިޔަ. އެންމެންގެ ވެސް ޝަކުވާ އަކަށްވީ އަންގާ ނުލާ އެހެން ގައުމަކަށް ގެނައިމަ،" އެމީހާގެ ޓުވީޓުގައި ވެއެވެ.
ރަޔަން އެއާ އިން ފަހުން ބުނި ގޮތުގައި ފްލައިޓް ސްޕޭނުގައި ޖެއްސީ ފްރާންސްގެ އެއާ ޓްރެފިކް ކޮންޓްރޯލުން އެއާ ސްޓްރައިކެއް ކުރަމުން ދިޔުމުގެ ސަބަބުން އެނޫން ގޮތެއް ނެތިގެންނެވެ.
ފާރޯގެ ބަދަލުގައި މަލާގާއަށް ފްލައިޓް ޑައިވާޓްކުރީ ސްޓްރައިކާ ގުޅިގެން ދިމާވި މައްސަލަ ތަކަކާ ހުރެ ފާރޯ އެއާޕޯޓުގައި ކާފިއު ހިންގާފައި އޮވެގެން ކަމަށެވެ.
ފަހުން މި މީހުންނަށް ވީގޮތް ކިޔައިދީ އެެއާޕޯޓުގައި އެތައް ގަޑިއިރަކު ބޭތިއްބުމަށްފަހު މިހާރު ވަނީ ޕޯޗުގަލަށް ގެންގޮއްސަ އެވެ.