އިމާރާތްކުރުމުގެ މަސައްކަތްކުރާ ސްޕޭން މީހަކަށް އޭނާ އަލަށް ގަނެގެން ހަދަންވެގެން ތަޅާލި ގެއެއްގެ ފާރުތަކުގެ ތެރޭގައި ފޮރުވާފައިހުރި ގިނަ އަދަދެއްގެ ނޫޓުތަކެއް ފެނިއްޖެ އެވެ. މި ނޫޓުތައް ހުރީ ދަޅުތަކަކަށް އަޅައި ފާރުގެ ތެރޭގައި ފޮރުވާފަ އެވެ.
މިހާ ގިނަ ފައިސާ ލިބުމުން އެމީހާ ވަރަށް އުފާވި ނަމަވެސް މި އުފާ ދެމި އޮތީ ކުޑަ ހިނދުކޮޅަކަށެވެ. އެ ފައިސާތައް ހިފައިގެން އޭނާ ބެންކަށް ދިއުމުން އެއީ މިހާރު އުވާލާފައި ހުރި ފައިސާތަކެއް ކަމަށް ބެންކުން ބުނެ އެ ފައިސާތައް ގަބޫލު ނުކުރުމުންނެވެ.
ޓޯނޯ ޕިނޭރިއޯ ބުނި ގޮތުގައި ހިކި ކިރު އަޅާފައި ހުންނަ ދަޅުތަކެއްގައި ފޮރުވާފައި ހުރި މި ނޫޓުތައް ބޭނުން ކުރުން ބޭންކް އޮފް ސްޕެއިން އިން ހުއްޓާލިތާ 20 ވަރަކަށް އަހަރު ވެއްޖެކަމަށް އޭނާ ކައިރީ ޕެންކް އޮފިޝަލުން ބުންޏެވެ. އެއީ 2002ގައި އުވާލާފައިވާ ފައިސާ ތަކެއް ކަން އޭނާއަށް އެނގުނީ ދެނެވެ.
ނަމަވެސް ޕިނޭރިއޯ އަށް މުޅިން މާޔޫސްވާކަށް ނުޖެހުނެވެ. އުވާ ނުލާ ތާރީޚްގެ ބައެއް ނޫޓުތައް ވެސް އެ ދަޅުތަކުގައި ހުރުމާއެކު އޭނާ އެ ނޫޓުތައް ވަކިކޮށްގެން ބެންކަށް ގެންދިއުމުން 30،000 ޕައުންޑަށްވާ ފައިސާ ލިބިފައިވާ ކަމަށާއި އޭނާ ހަދާ ތަނުގެ ފުރާޅު މި ފައިސާއިން ހިޔާ ކުރެވޭނެ ކަމަށް ޕިނޭރިއޯ ބުންޏެވެ.
"އަހަންނަށް ހީވަނީ އެމީހުން މި އެއްޗެތި ދަޅުދަޅުގައި ބަންދުކޮށްފައި ހުރީ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓަންހެން. ނަމަވެސް ބައެއް ދަޅުތަކުގައި ހުރި ނޫޓުތައް ހުރީ ހަލާކުވެފައި. އަހަރެން އެ އެއްޗެތި ނަގައިގެން ސާފުކޮށް އިސްތިރިކޮށްގެން ގެންދިޔައީ،" ޕިނޭރިއޯ ބުންޏެވެ.
ޕިނޭރިއޯ ބުނި ގޮތުގައި އޭނާ އަލަށް ގަނެގެން ހަދަން ފެށި އެ ގެ ފަޅަށް ހުންނަތާ 40 ވަރަކަށް އަހަރު ވެއްޖެ އެވެ. އޭނާ އެ ގެ ގަތީ ފޭސްބުކްގައި ޖަހާފައި އިން އިޝްތިހާރެއް ބަލައިގެން އެ ނަންބަރަށް ގުޅައިގެންނެވެ. މި ތަނުން ބައެއް ނޫޓުތައް ސުވެނިއާއެއްގެ ގޮތުގައި ބޭނުންކުރަން ގަސްތުކުރާ ކަމަށް ޕިނޭރިއޯ ބުންޏެވެ.