ލައިފްސްޓައިލް

ފުން ހޮހަޅައެއްގައި އެކަނިމާއެކަނި 500 ދުވަސް

ސްޕޭނުގެ 50 އަހަރުގެ އަންހެނަކު 500 ދުވަސް ވަންދެން 70 މީޓަރު (253 ފޫޓު) ފުނުގައިވާ ހޮހަޅައެއްގައި ހޭދަކޮށްފި އެވެ.

މިއީ ގްރާނާޑާގެ ރަށްބޭރުގައިވާ ފަރުބަދައެއްގެ ހޮހަޅައެކެވެ. އޭނާ ހޮހަޅައިގައި ހޭދަކުރި 500 ދުވަހު ވަރަށް މަދު ފަހަރަކު ނޫނީ އެއްވެސް މީހަކަށް އޭނާއާ ނުގުޅެ އެވެ.

ފަރުބަދައަށް އެރުމުގައި ވަރަށް ކުޅަދާނަކަން ދައްކާ ބީޓްރިޒް ފްލެމިނީ ހުކުރު ދުވަހު ހޮހަޅައިން ނިކުންއިރު ހުރީ ކަޅުކުލައިގެ އައިނެއް އަޅައިގެންނެވެ. އަދި ހުރީ ވަރަށް ހެވިފަ އެވެ. ރިޕޯޓަރުން ކައިރީ އޭނާ ބުނީ ވަގުތު ދިޔަ ގޮތް ވެސް ނޭނގޭ ކަމަށާއި އޭނާ ހޮހަޅައިން އަރަން ބޭނުން ނުވާ ކަމަށެވެ.

"އެމީހުން އަހަރެން ބަލާ އައިއިރު އަހަރެން އޮތީ ނިދާފައި. އަހަރެން ހީކުރީ ކޮންމެވެސް ކަމެއް ވިއްޔޭ. އަހަރެން ބުނިން ވަގުތު ހަމަވީ ހެއްޔޭ؟ ނުވާނޭ އެހެނެއް. އަހަރެން އަދި ލިޔަމުންދިޔަ ފޮތް ވެސް ނުނިންމަމޭ،" ފްލެމިނީ ބުންޏެވެ.

ފްލެމިނީގެ ސަޕޯޓް ޓީމުން ބުނި ގޮތުގައި އޭނާ ވަނީ އެންމެ ގިނަ ދުވަހު ހޮހަޅައެއްގައި ހޭދަކުރި މީހާގެ ދުނިޔޭގެ ރެކޯޑް މުގުރާލާފަ އެވެ.

ފްލެމިނީ ހޮހަޅައަށް އެރީ ސައިންޓިފިކް އެކްސްޕެރިމެންޓެއް ހެދުމަށެވެ. އެހެންކަމުން އޭނާ ހޮހަޅައިގައި ހޭދަކުރި ހުރިހާ ވަގުތެއްގައި ސައިންސްވެރިންގެ ޓީމަކުން އޭނާ މޮނިޓާ ކުރަމުން ގެންދިޔަ އެވެ. އެގޮތުން ސައިންސްވެރިން މޮނިޓާކުރި ކަންތައްތަކުގެ ތެރޭގައި އިންސާނާގެ ސިކުނޑީ މަސައްކަތްކުރާ ގޮތާއި ސަކޭޑިއަން ރިދަމް ހިމެނެ އެވެ.

ހޮހަޅައަށް އެރުނުއިރު ފްލެމިނީ އަށް 48 އަހަރެވެ. އޭނާ ވަނީ ބިމުގެ ވަރަށް އަޑީގައިވާ މި ހޮހަޅައިގައި އެކަނިމާއެކަނި ދެ އުފަން ދުވަސް ފާހަގަކޮށްފަ އެވެ.

ފްލެމިނީ މި ޗެލެންޖް ފެއްޓުމުގެ ގޮތުން ހޮހަޅައަށް ފޭބީ ނޮވެމްބަރު 20، 2021 ގައެވެ. އެއީ ޔޫކްރޭން ހަނގުރާމަ ފެށުމުގެ ކުރި އެވެ. އަދި ސްޕޭނުގައި ކޮވިޑް މާސްކް އަޅައިގެން އުޅުން މަނާ ކޮށްފައި އޮތް އޮތުން އުވާލުމުގެ ވެސް ކުރި އެވެ. އަދި އިނގިރޭސި ރާނީ އަވަހާރަވީ ވެސް ފްލެމިނީ ހޮހަޅައިގައި އުޅެނިކޮށެވެ.

ފްލެމިނީގެ ޓީމުން ބުނި ގޮތުގައި ހޮހަޅައިގައި ހޭދަކުރި 500 ދުވަހުގެ ތެރޭގައި ފްލެމިނީ ވަނީ އަށެއްކަ ދުވަހު މައްޗަށް އަރައި ބިންމަތީގައި ހޭދަކޮށްފަ އެވެ. އެއީ ހޮހަޅައިގައި އޭނާ ހޭދަކުރާ ވަގުތުގެ އޯޑިއޯ ތަކާއި ވީޑިއޯތައް ފޮނުވަން ގެންގުޅުނު ރައުޓާ ހަލާކުވެގެން އެ މަރާމާތުކުރާށެވެ. ނަމަވެސް މި އަށް ދުވަހު ވެސް އޭނާ ހުރީ ޓެންޓެއްގައި މުޅިން އެކަހެރިކޮށެވެ.

ހޮހަޅައިގައި ހޭދަކުރި ދުވަސްތަކުގައި ފްލެމިނީ ކުރި ކަމަކީ ކަސްރަތު ކުރުމާއި ޕެއިންޓްކުރުމާއި ކުރެހުން އަދި ވޫލުން ތޮފި ފަދަ އެއްޗެތި ވިއުމުގެ މަސައްކަތެވެ.

އޭނާ ހޮހަޅައަށް އެރުނުއިރު ގެންދިޔަ ތަކެތީގެ ތެރޭގައި ހިމެނެނީ ގޯޕްރޯ ކެމެރާ ތަކަކާއި 60 ވަރަކަށް ފޮތް އަދި 1000 ލީޓަރު ފެނެވެ.

އޭނާ ބުނި ގޮތުގައި ރެއާ ދުވާލު ތަކުރާރުވާ ގޮތް އޭނާއަށް ގުނުނީ 65 ވަރަކަށް ދުވަހު އެވެ. އޭގެ ފަހުން ގަޑިން ވާއިރާއި ދުވަސް ވާއިރެއް ނޭނގުނެވެ.

"ހޮހަޅައިގައި ހޭދަކުރި މުއްދަތުގައި ބައެއް ފަހަރު ވަރަށް ދަތި ކަންތައްތަކާ ކުރިމަތިވި. އެގޮތުން އުދުހޭ ސޫފިތަކެއްގެ އުނދަގޫ އެއްފަހަރު ކުރިމަތިވި. ނަމަވެސް މިއީ އަހަރެން އަމިއްލައަށް ބޭނުންވެގެން ކުރި ކަމަކަށް ވާތީ ދިމާވާ އެފަދަ ކުދިކުދި މައްސަލަތަކާ ރުއިމުގެ ބޭނުމެއް ކޮބާ؟" ފްލެމިނީ ބުންޏެވެ.

ހޮހަޅައިން ނުކުތުމަށްފަހު ފްލެމިނީ އެންމެ ފުރަތަމަ ވެސް ބޭނުންވީ ފެންވަރާ ތާހިރުވާށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކެއުން ވަކި ގޮތަކަށް ބައްޓަން ކޮށްގެން ކުރިއަށް ގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ފްލެމިނީ ހޮހަޅައިން ނުކުތްއިރު އޭނާގެ އިންތިޒާރުގައި ސައިންސްވެރިންގެ ޓީމެއް ތިއްބެވެ.

ގައިން ތާހިރުވެ ހަމަޖެހިލައިގެން ދެން އޭނާ ހަވާލުވާނީ އެމީހުންނާ އެވެ. ގިނަ ދުވަސް ތަކެއް ވަންދެން އެކަނިމާއެކަނި ފުން ވަޅެއްގައި ހޭދަކުރުމުން އިންސާނާގެ ސިކުނޑިއާއި ނިދުމުގެ ޕެޓާން އަށް އަންނަނީ ކޮން ކަހަލަ ބަދަލުތަކެއްތޯ ދެނެގަތުމަށް ސައިންސްވެރިން ކުރާ މަސައްކަތުގައި ފްލެމިނީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.