ކެންސަރު ޖެހޭ ގިނަ މީހުންނަށް އާއްމު ގޮތެއްގައި ޖެހެނީ ކޮންމެވެސް އެއް ވައްތަރެއްގެ ކެންސަރެކެވެ. ނަމަވެސް 12 ވައްތަރެއްގެ ކެންސަރު ޖެހި ސަލާމަތްވީ މީހެއްގެ ވާހަކަ އިވޭނީ ވަރަށް މަދު ފަހަރަކު އެވެ. މިއީ އެފަދަ މީހެއްގެ ވާހަކަ އެވެ. މި އަންހެންމީހާގެ ހަޔާތުގެ އެކި މަރުހަލާތަކުގައި ތަފާތު ވައްތަރުގެ ކެންސަރު ޓިއުމަރުތައް އުފެދި ފަރުވާ ހޯދަން ޖެހުނެވެ. އެހެންވެ މި އަންހެންމީހާ އަކީ މިހާރު ސައިންސްވެރިން ވަރަށް ފަރުވާތެރިކަމާއެކު މޮނިޓާ ކުރަމުންދާ މީހެކެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ކެންސަރު ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވޭނެ ގޮތާއި އިމުނޯތެރަޕީ ފަރުވާ ތަރައްގީކުރުމުގައި އަންހެންމީހާގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ.
ކެންސަރު ބަލި ޖެހިއްޖެކަން އެނގުމުން އެމީހެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖެހެ އެވެ. އެހެންކަމުން 12 ފަހަރަށް ކެންސަރު ބައްޔަށް ޑައިގްނޯސްވި މީހަކު ކުރާނެ ހިތްދަތި އަދި ބިރުވެރި ތަޖުރިބާ ހީކޮށްލާށެވެ. މި ތަޖުރިބާ އަކީ އެއްވެސް މީހަކަށް ހިޔާލަށް ވެސް ނުގެނެވޭނެ ކަހަލަ ތަޖުރިބާއަކަށް ވާނެކަން ޔަގީނެވެ.
އެންމެ ފުރަތަމަ މި އަންހެންމީހާގެ ގައިން ކެންސަރުގެ ޓިއުމަރެއް ފެނުނީ އޭނާގެ ވަރަށް ޅަފަތުގަ އެވެ. ތުއްތު ބޭބީއެއްގެ އުމުރުގަ އެވެ. އެ ފަހަރު ފަރުވާކޮށް ބަލި ރަނގަޅުވިތާ ދެ ތިން އަހަރެއް ފަހުން އަނެއްކާވެސް އޭނާއަށް ކެންސަރު ޖެހުނެވެ. އެގޮތަށް ކެންސަރު ޖެހޭ ކޮންމެ ފަހަރަކު ފަރުވާ ހޯދައި ރަނގަޅުވެ އެވެ. އަންހެންމީހާގެ އުމުރުން މިހާރު 40 އަހަރެވެ. އަދި 40 އަހަރުގެ ހަޔާތުގައި 12 ފަހަރު އޭނާ ކެންސަރު ބައްޔަށް ފަރުވާ ހޯދައިފި އެވެ.
ކެންސަރު ޓިއުމަރުތައް އެ މީހާގެ ގައިގައި އުފެދެނީ އެކި ފަހަރު އެކި ތަނުގަ އެވެ. އެހެންވެ ކެންސަރަށް ކިޔާ ނަން ވެސް ތަފާތު ވަނީ އެވެ.
މަރުގެ ހުކުމެއް އައުން ފަދަ އިހްސާސްތަކެއް ކުރެވޭ މި ބަލި ކިތަންމެ ފަހަރަކު ޖެހި އެ ބައްޔަށް ފަރުވާ ހޯދާފައިވީ ނަމަވެސް އަންހެންމީހާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު އަދިވެސް އާދަޔާހިލާފަށް ވަރުގަދަ އެވެ. އެހެންވެ ކޮންމެ ފަހަރަކު ކެންސަރު ޓިއުމަރު އުފެދުމުން އެ ކެންސަރު ސެލްތައް މަރާލުމަށް އޭނާގެ ހަށިގަނޑުން އެންޓި-އިންފްލެމޭޓަރީ ރެސްޕޮންސް ކުރާލެއް ވަރަށް ފުރިހަމަ އެވެ ނަތީޖާއެއްގެ ގޮތުން ކެންސަރު ބަލީގެ މައްޗަށް އޭނާގެ ހަށިގަނޑު ކާމިޔާބު ހޯދަ އެވެ.
ސައިންސްވެރިންނަށް މި މީހާ މުހިއްމު ވަނީ އޭނާގެ ހަށިގަނޑުގައި ކަންކަން ހިނގާ ގޮތް ބަލައިގެން މުސްތަގްބަލުގައި އެކަށީގެންވާ ރަނގަޅު ފަރުވާއެއް ކެންސަރު ބައްޔަށް ހޯދިދާނެކަމަށް އުންމީދު ކުރެވޭތީ އެވެ.
ސްޕޭނުގެ މި އަންހެންމީހާ އެ ގައުމުގެ ނެޝަނަލް ސެންޓާ ފޯ އިންވެސްޓިގޭޓީވް އޮންކޮލޮޖީ (ސީއެންއައިއޯ)އަށް އައުމާއެކު އެންމެ ފުރަތަމަ ވެސް އޭނާގެ ލޭގެ ސާމްޕަލް ނަގައިގެން ޓެސްޓްކުރީ މިއީ އާއިލީ ގޮތުން ވާރުގަދަވެފައިވާ ބައްޔެއްތޯ އެވެ. ނަމަވެސް މި މީހާގެ ލޭގެ ސާމްޕަލް އަކުން އެގޮތަކަށް ނުދެއްކި އެވެ. ދެން އެނޫން ގޮތް ގޮތަށް ބަލައި އަންހެންމީހާ އަށް ކެންސަރު ޖެހެން މެދުވެރިވީ ސަބަބާއި ފަރުވާ ދިނުމުން އޭނާގެ ހަށިގަނޑަށް އަންނަމުންދިޔަ ބަދަލުތައް ބަލަން ފެށީ އެވެ.