ކުޅިވަރު

ކްލަބް މޯލްޑިވްސް ކަޕް އަންނަ މަހުގެ އެއްވަނަ ދުވަހު ފަށަނީ

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ ކްލަބް މޯލްޑިވްސް ކަޕްގެ މި އަހަރުގެ މުބާރާތް އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށަން ނިންމައި، ރޭ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ކްލަބް މޯލްޑިވްސް ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ގުރު ނެގުން ރޭ ކުރިއަށްދިޔައީ ޕަބްލިކް ސާވިސް މީޑިއާގެ ސްޓޫޑިއޯގަ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 32 ޓީމު ވާދަކުރާއިރު 35/18 ވިމެންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރަނީ ފަސް ޓީމެވެ.

ގްރޫޕް އޭގައި ހިމެނެނީ ވެމްކޯ، ކްލަބް އެމްޓީސީސީ، ފެން ކްލަބް އަދި މިފްކޯ ރެކްރިއޭޝަން ކްލަބެވެ. މި ގްރޫޕުގައި ހިމެނޭ ވެމްކޯ ޓީމުގައި މަޝްހޫރު ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ) ހިމެނެ އެވެ.

ގްރޫޕް ބީގައި ހިމެނެނީ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާއި މާލެ ސިޓީ ކައުންސިލް، މީޑިއާނެޓް އަދި މޯލްޑިވިއަން އެވެ. އާރުއާރުސީ އަކީ މިއަހަރުގެ މުބާރާތުގައި ވެސް ވާދަކުރާނެ އެންމެ ވަރުގަދަ އެއް ޓީމެވެ. މިދިޔަ އަހަރުގެ ޓީމަށް ކުޅުންތެރިން އިތުރުކޮށް މިއަހަރު އެޓީމު ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

އެމްއޭސީއެލް އާއި ޓްރޭޑް ކްލަބް، ކްލަބް އޭވިއޭޝަން ސެކިއުރިޓީ އަދި ޓީމް ޑީޖޭއޭ ހިމެނެނީ ގްރޫޕް ސީގަ އެވެ.

މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ޔުނައިޓެޑް ބީއެމްއެލްއާ އެކު ގްރޫޕް ޑީގައި ހިމެނެނީ ޓީމް ފެނަކަ، ޓީމް ސިވިލް ކޯޓް އަދި ކްލަބް އެއާޕޯޓްސް އެވެ. ފެނަކަ ޓީމުގެ މިފަހަރުގެ ކޯޗަކީ އެންމެ ފަހުން އާރުއާރުސީ އަށް ތަށި ކާމިޔާބުކޮށްދިން އަބްދުﷲ ނަސީރު (އަބޯ) އެވެ. ފެނަކަ ޓީމު ވެސް މިއަހަރު ނުކުންނަނީ މިދިޔަ އަހަރަށް ވުރެ ވަރުގަދަކޮށްގެންނެވެ.

މަޝްހޫރު ބޮޑެތި ޓީމުތައް ކަޓުވާލުމަށް ފަހު މިދިޔަ އަހަރުގެ ރަނަރަޕް ހޯދި، ޓީމް އެފްއެސްއެމްއާ އެކު ގްރޫޕް އީގައި ހިމެނެނީ ސްޓެލްކޯ ކްލަބާއި ރާއްޖެ އޮންލައިން ކްލަބް އަދި ހޯމް އެފެއާޒް އެވެ.

ގްރޫޕް އެފްގައި ހިމެނެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ކަސްޓަމްސް ރެކްރިއޭޝަން ކްލަބް، ކްލަބް އެމްވައިއެސް އަދި ކްލަބް އާސަންދަ އެވެ. އެމްޕީއެލް އަކީ މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ޓީމެކެވެ.

ގްރޫޕް ޖީގައި ހިމެނެނީ ކްލަބް އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކްލަބް، އެމްއެމްއޭ ސްޕޯޓްސް ކްލަބް އަދި ކްލަބް ޓީޓީއެސް އެވެ. އެޗްޑީސީ އަކީ މިދިޔަ އަހަރުގެ މުބާރާތުގައި ވަރުގަދަކޮށް ނުކުމެ ރަނގަޅު ކުޅުމެއް ދެއްކި ޓީމެކެވެ. މިއަހަރުވެސް އެޓީމުގައި ފުޓްސަލްގެ މަޝްހޫރު ތަރިން ހިމެނެ އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެސްޓީއޯ ރެކްރިއޭޝަން ކްލަބުގެ އިތުރުން ގްރޫޕް އެޗްގައި އޮތީ ކްލަބް އިމިގްރޭޝަން، ޓީމް އެލައިޑް އަދި މުލިއާގެ އާރުސީ އެވެ.

ކްލަބް މޯލްޑިވްސްގެ އަންހެން ބައިގައި ވާދަކުރާނީ ކްލަބް ޔޫތު މިނިސްޓްރީ، ޓީމު ފެނަކަ، ކްލަބް ވެމްކޯ، ދިވެހި ސިފައިންގެ ކްލަބް އަދި އެމްޕީއެލް އެވެ.

މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރުންނަކީ ސޮނީ ސްޕޯޓްސް، މައިލޯ، ޗެމްބާ ސްކެއާ އަދި އެލައިޑް އިންޝުރެންސް އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ޓީމުތައް ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. އަދި ބައެއް ޓީމުތަކުން މިހާރު އަންނަނީ އަތޮޅުތެރޭގައި ކޭމްޕްތައް ފުރިހަމަކުރަމުންނެވެ.

ކްލަބް މޯލްޑިވްސް މިއަހަރުގެ މުބާރާތް ވެސް އޮންނާނީ ހުޅުމާލެ ޓާފް ރެހެންދި ފުޓްސަލް ދެ ދަނޑުގަ އެވެ.