ދަނގެތި

ދަނގެތީގެ އާ މިސްކިތް ހުޅުވައިފި

Sep 24, 2022

އދ. ދަނގެތީގައި ސަރުކާރުން އަޅައިދިން އާ މިސްކިތް -- މަސްޖިދު އަބީބަކްރިއް ސިއްދީގި ރަސްމީކޮށް ހުޅުވައިފި އެވެ.

ދަނގެތީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ޒާހިރު ވަނީ އިއްޔެގެ ހުކުރު ނަމާދު އިމާމުވެ ކުރައްވާފަ އެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ބައެއް ރަށްރަށުގައި އާ މިސްކިތް އެޅުމަށް އަދި ބައެއް މިސްކިތް މަރާމާތުކުރަން ކައުންސިލްތަކުގެ އެދޭ ކަމަށެވެ. ސަރުކާރުގެ މާލީ ގާބިލްކަން ހުރި މިންވަރަކުން އެ މަސައްކަތް ކޮށްދެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދަނގެތީގައި އަޅާފައިވަނީ 300 މީހުންގެ ޖާގައިގެ މިސްކިތެވެ. ދަނގެތީގައި އޮތީ 2،000އާ ގާތްކުރާ އާބާދީ އެކެވެ.

މިސްކިތުގެ މަސައްކަތް ކޮށްފައިވަނީ އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. މިމިސްކިތް އަޅާފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހަ އިން މިސްކިތް ބޭނުންކުރެވޭ ގޮތަށެވެ.