މިސްކިތް

އީދު މިސްކިތުން ވައްކަންކޮށްފި

މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް އީދު މިސްކިތުން ފަންކާގެ ނަރުތަކަކާއި ބޮކިތަކެއް ވަގަށް ނަގައިފި އެވެ.

އެ މިސްކިތުން ވަގަށް ނަގާފައިވަނީ 13 ބޮކި އަދި 8 ފަންކާގެ ނަރެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިކަން ކޮށްފައިވަނީ އިއްޔެ އިރުއޮއްސި 6:00 އާއި 10:00އާ ދެމެދު ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށްވެސް މާލެ ކައުންސިލުން މައުލޫމާތުދެ އެވެ.

މީގެ ކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް އީދު މިސްކިތުން ބައެއް ތަކެތި ވަގަށް ނެގި މައްސަލައެއްގައި 41 އަހަރުގެ ދިވެހި ފިރެހެނެއް ހައްޔަރުކޮށްފައިވެ އެވެ.

މިސްކިތްތަކުން ފަންކާއާއި، ބޮތްކާއި، ސައުންޑް ސިސްޓަމާއި، ފެން މޯޓަރު ފަދަ ތަކެތި ވަގަށް ނެގުން ވަނީ އާންމުވެފަ އެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހާ ހަމައަށް މިސްކިތްތައް ހިމެނޭހެން 300 އަށް ވުރެ ގިނަ ވައްކަމުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގިފައިވެއެވެ.