ހަބަރު

މިސްކިތަކަށް ވަދެ ހަޅޭއްލެވި ބިދޭސީއަކު ހިފަހައްޓައިފި

ބިދޭސީ އަންހެނަކު މާލޭގެ މިސްކިތެއްގެ ތެރެއަށް ވަދެ ހަޅޭއްލަވައި ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފި އެވެ.

މިއަދުގެ މަޣުރިބު ނަމާދު ވަގުތުގައި އެ އަންހެންމީހާ ވަދެފައި ވަނީ އަމީރު އަހުމަދު މަގުގައި ހުން މަސްޖިދުލް އިސްކަންދަރަށެވެ. މިސްކިތްތެރެއިން އެ އަންހެން މީހާ ނެރެގެން ގޮސްފައި ވަނީ ފުލުހުންނެވެ.

އެހެން ނަމަވެސް ފުލުހުން މިރޭ ބުނެފައި އެ އަންހެން މީހާއަކީ އޭޑީކޭއަށް ފަރުވާ ދޭން ގެންދިޔަ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށާއި އޭނާގެ އެހީތެރިންނަށް ނުކިޔަމަންތެރިވެ އެ ތަނުން ނުކުމެގެން ދިޔައީ ކަމަށެވެ. އޭގެ ފަހުން މިރޭ 7:00 ޖަހާ އެހާކަންހާއިރު ސޯސަންމަގާއި އަމީރު އަހުމަދު މަގު ގުޅޭ ސަރަހައްދުން ފުލުހުންނާ އޭނާއާ ދިމާވެ، ފުލުހުންގެ ބެލުމުގެ ދަށުގައި ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެވެ. މިސްކިތުގެ އެއްވެސް ވާހަކަ އެއް ފުލުހުން ނުބުނެ އެވެ.

ނަމަވެސް އެ އަންހެން މީހާ މިސްކިތް ގޯތި ތެރޭގައި ހަޅޭއްލަވާ ގަދަ ދައްކާ މަންޒަރު ހިމެނޭ ވިޑީއޯއެއް އާންމުވެފައިވާއިރު އެއިން ފެންނަ ގޮތުގައި އޭނާއާއެކު ބިދޭސީ ފިރިހެނަކުވެސް ހުރެ އެވެ. ފުލުހުން އޭނާ މިސްކިތުން ނެރެގެން ގެންދަން އުޅޭ އިރު އޭނާ ފިރިހެން މީހާއަށް ގޮވައި ރޮއިވެސް ހަދަ އެވެ.

އެ އެ މަންޒަރު ދުށް ބައެއް މީހުނާ ހަވާލާދީ ބައެއް މީހުން ބުނި ގޮތުގައި އިސްކަންދަރު މިސްކިތުގެ ތެރެެއަށް ވަން އެ އަންހެން މީހާ މީހުންނަށް ހަމަލާ ދޭން މަސައްކަތް ކޮށް ހަޑިހުތުރު ބަހުން މުއާލާމަލާތް ވެސް ކުރި އެވެ. ނަމަވެސް ވީޑިއޯއަކުން އެ މަންޒަރެއް ނުފެނެ އެވެ.