ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ސްޕެއިން އަމިއްލަ ދަނޑުގައި ބަލިވުމުގެ ފައިދާ ނަގައި ގްރޫޕުގެ އެއް ވަނަ އަށް ޕޯޗުގަލް ޖެހިލައިފި އެވެ.
ރޭ އަމިއްލަ ގައުމުގައި ސްޕެއިން 2-1 އިން ބަލިވީ ސްވިޒަލެންޑް އަތުންނެވެ. ހަމަ އެގަޑީގައި ކުޅުނު މެޗުގައި ޕޯޗުގަލް ވަނީ 4-0 އިން ޗެކް ރިބަޕްލިކް ބަލިކޮށްފަ އެވެ.
ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮތްއިރު ޕޯޗުގަލް އެއްވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްޕެއިނަށް ފަސް މެޗުން 8 ޕޮއިންޓް ލިބިފައިވާއިރު 6 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ސްވިޒަލެންޑަށް އެއްވަނަ ހޯދުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ. ފުލުގައި އޮތީ ހަތަރު ޕޮއިންޓް ލިބިފައިވާ ޗެކް ރިބަޕްލިކެވެ.
ރޭގެ މެޗަކީ ގާތްގަނޑަކަށް ހަތަރު އަހަރުތެރޭ އަމިއްލަ ގައުމުގައި ސްޕެއިން ބަލިވި ފުރަތަމަ މެޗެވެ. ރޭގެ ކުރިން އަމިއްލަ ދަނޑުގައި ސްޕެއިން ބަލިވީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންގްލެންޑް އަތުން 2-3 އިންނެވެ. އޭގެފަހުން އަމިއްލަ ދަނޑުގައި ސްޕެއިނުން ބަލިނުވެ 22 މެޗު ކުޅުނެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ސްވިޒަލެންޑުން ލީޑު ނެގީ ޑިފެންޑަރު މަނުއެލް އަކާންޖީ ބޮލުން ޖެހި ގޯލުންނެވެ. ސްޕެއިނުން ނަތީޖާ ހަމަހަމަކުރީ 55 ވަނަ މިނެޓުގައި ޖޯޑީ އަލްބާ އެވެ. އޭގެ ތިން މިނެޓު ފަހުން ސްވިޒަލެންޑުން ވަނީ މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. މިއީ އެރިކް ގާސިއާ އަތުން ބައިކޮޅަށް ވަން ގޯލެވެ.
ރޭ ޕޯޗުގަލުން ޗެކް ރިޕަބްލިކް ބަލިކުރި މެޗުގައި ޑިފެންޑަރު ޑިއޯގޯ ޑަލޯ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ބްރޫނޯ ފެނާންޑޭސް ޖެހިއިރު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާ އެކު ފަހު ގޯލު ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޯޓާ އެވެ.
ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލް އާއި ސްޕެއިން ވާދަކުރާއިރު އެއްވަނަ ހޯދަން ސްޕެއިނުން ޖެހޭނީ ޕޯޗުގަލް ބަލިކުރާށެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް ޕޯޗުގަލަށް ފައިނަލް ބުރުން ފުރުސަތު ލިބޭނެ އެވެ.
ނޭޝަންސް ލީގު އޭގައި ހަތަރު ގްރޫޕް ހިމެނޭ އިރު ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން އެއް ވަނަ ހޯދާ ޓީމެވެ. ޕޯޗުގަލްގެ އިތުރުން މިވަގުތު އެއް ވަނައިގައި އޮތް ގައުމުތަކަކީ ކްރޮއޭޝިއާ، ހަންގޭރީ އަދި ނެދަލެންޑްސް އެވެ. އެއް ވަނަ ޓީމުތައް ކަށަވަރުކުރާ ފަހު މެޗުތައް މި ހަފްތާ ކުޅޭނެ އެވެ.