ކުޅިވަރު

ގައުމީ އެތުލެޓިކްސްގެ އެއްވަނަ ސާއިދު އާއި ޖާއިޝާ އަށް

ހުޅުމާލޭގައި އިއްޔެ ނިމުނު ގައުމީ އެތުލެޓިކްސް މުބާރާތުގެ އެއްވަނަ ފިރިހެން އެތުލީޓަކަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޮވުނުއިރު އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް އާމިނަތު ޖާއިޝާ ޖުނީޒު ހޯދައިފި އެވެ.

މުބާރާތުގައި ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު އަދި 400 މީޓަރު ބައިން ރަން މެޑަލް ހޯދައިފި އެވެ. އަދި ދިވެހި ސިފައިންގެ ކްލަބުގެ ރިލޭ ޓީމުގައި ހިމެނި ސާއިދު ވަނީ 4 ގުނަ 100 މީޓަރާއި 4 ގުނަ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފަ އެވެ.

މިއަހަރުގެ މުބާރާތުގައި ޖާއިޝާ ވަނީ 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާކޮށްފަ އެވެ. އެ ރޭސް ޖާއިޝާ ނިންމީ 19 މިނެޓާއި 43.09 ސިކުންތުންނެވެ. މިއާއެކު ޖާއިޝާ ވެފައިވަނީ 19 މިނެޓަށް ވުރެ އަވަހަށް 5000 މީޓަރު ދުވުން ފުރިހަމަކުރި ފުރަތަމަ ދިވެހި އަންހެން ކުޅުންތެރިޔާ އަށެވެ.

އަމިއްލަ އެހެން ކާމިޔާބީތަކަށް ބަލާއިރު ޖާއިޝާ ވަނީ 1500 މީޓަރު ދުވުމާއި 800 މީޓަރު ދުވުމުން ވެސް އެއް ވަނަ ހޯދާފަ އެވެ. އަދި ޓީމް އިވެންޓުގައި 4 ގުނަ 400 މީޓަރު ދުވުމުން ޖާއިޝާ ހިމެނުނު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ވަނީ ދެ ވަނަ ހޯދާފަ އެވެ.


އެންމެ މޮޅު ދެ އެތުލީޓުންގެ ތެރޭގައި ހިމެނޭ ސާއިދު ވަނީ މިދިޔަ އަހަރު ވެސް އެއް ވަނަ ހޯދައިފަ އެވެ. މީގެ އިތުރުން މިއަހަރުގެ އެސޯސިއޭޝަން ކަޕްގެ އެއް ވަނަ ސާއިދު ހޯދި އެވެ. ޖާއިޝާ އަށް މިދިޔަ އަހަރުގެ ގައުމީ މުބާރާތުން ދެ ވަނަ ލިބުނުއިރު މިއަހަރުގެ އެސޯސިއޭޝަން ކަޕުން ވެސް ލިބުނީ ދެ ވަނަ އެވެ.

ގައުމީ އެތުލެޓިކްސްގެ ފިރިހެން ޑިވިޝަނުގެ އެއް ވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބެވެ. އަންހެން ޑިވިޝަނުގެ އެއް ވަނަ ލިބުނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަށެވެ.