އީޕީއޭ

ތިލަމާފުށީގައި ރިސޯޓު ހެދި ކުންފުނި ޖޫރިމަނާކޮށްފި

ޅ. ތިލަމާފުށީގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއިރު ގަވާއިދާ ހިލާފަށް ބައެއް މަސައްކަތްތައް ކުރުމާ ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން ބުނީ އެ އޭޖެންސީގެ ހުއްދަ ނެތި ޅ. ތިލަމާފުށީގައި ރިސޯޓު ތަރައްގީކުރުމުގެ ބައެއް މަސައްކަތްތައް ކޮށްފައިވާކަން އެނގޭ ކަމަށެވެ.

ގަވާއިދާ ހިލާފަށް ކުށްކުރި ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ 20،000 ރުފިޔާއިން ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ޖޫރިމަނާގެ ފައިސާ މިމަހުގެ 22 ވަނަ ދުވަހު އެ ކުންފުނިން ވަނީ އީޕީއޭ އަށް ދައްކާފަ އެވެ.

މީގެއިތުރުން ތިލަމާފުށީގައި ރިސޯޓު ތަރައްގީކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތަކާއި، އެ ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު 30 ދުވަަސް ތެރޭގައި ރިޕޯޓެއްގެ ގޮތުގައި ހުށަހެޅުމަށްވެސް އީޕީއޭ އިން އަންގާފައިވެ އެވެ.

ތިލަމާފުށީގައި ރިސޯޓު ތަރައްގީ ކުރުމަށްޓަކައި މިހާރު ކޮށްފައިވާ މަސައްކަތްތައް އީއައިއޭ މޮނީޓަރިން ޕްލޭންގައި ހިމަނާ އިސްލާހުކޮށް، އާ މޮނީޓަރިން ޕްލޭން ހުށަހަޅާނެ ކަމުގެ ލިޔުމެއް ހަތް ދުވަހުގެ ތެރޭގައި އީޕީއޭއަށް ހުށަހެޅުމަށްވެސް އަންގާފައިވެ އެވެ.

ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑަކީ ޗައިނާ ކުންފުންޏަކާއި ދިވެހި ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ. ތިލަމާފުށީގައި ތަރައްގީކޮށްފައިވާ ރިސޯޓުގެ ނަމަކީ ލެ މެރީޑިއެން މޯލްޑިވްސް އެވެ. ރިސޯޓުގެ މަސައްކަތް އަދި އެއްކޮށް ނިމިފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.