މާލޭގައި ރޭ ފެށި ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމުން ފަހު ވަގުތު ނޭޕާލް ބަލިކޮށްފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގްވާމީ އަންހެން ބާސްކެޓްބޯޅަ މުބާރާތް ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އެވެ. ރައީސް އާއި ފަސްޓް ލޭޑީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް އާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މެޗު ބައްލަވާލެއްވުމަށް ސޯޝަލް ސެންޓަރަށް ވަޑައިގެންނެވި އެވެ.
ދިވެހި ސަޕޯޓަރުން ކުރިމަތީ ރާއްޖޭގެ ޓީމުން ނޭޕާލް ބަލިކުރީ 51-47 އިންނެވެ. މިއީ އަންހެން ބާސްކެޓްބޯޅައިގެ ތާރީހުގައި ރާއްޖޭން ނޭޕާލުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގެ ޓީމުން ވަނީ 2016 ވަނަ އަހަރުގެ ސާބާ މުބާރާތާއި 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލްއާ ވާދަކޮށް ބަލިވެފަ އެވެ. އެކަމަކު އަމިއްލަ ފަސްގަނޑުގައި މޮޅު ކުޅުމެއް ދައްކައި ހޯދި ތާރީހީ މޮޅާ އެކު ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ތިބި ރާއްޖޭގެ ޓީމާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.
ރާއްޖެ އަށް ވުރެ ކާމިޔާބީގެ ގޮތުން މޮޅު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ދެ ކުއާޓާ ނިމުނުއިރު ރާއްޖެ އޮތީ ކުރީގަ އެވެ. ފުރަތަމަ ކުއާޓާ ނިމުނުއިރު 16-14 އިން ކުރީގައި އޮތްއިރު ދެ ވަނަ ކުއާޓާ ނިމުނުއިރު ރާއްޖެ ކުރީގައި އޮތީ 25-24 އިންނެވެ. މި ދެ ކުއާޓާގައި ރާއްޖޭގެ ޓީމުން ވަނީ ފެނުނީ އިތުބާރާ އެކު ކުޅުނު ތަނެވެ.
މެޗުގެ ތިން ވަނަ ކުއާޓާގައި ނޭޕާލުން ވަނީ ކުޅުން ރަނގަޅުކޮށް 34-36 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ. މި ނަތީޖާއާ އެކު ރާއްޖެ ޕްރެޝަރަށް ދިޔައިރު ނޭޕާލުން 36-40 އަށް ވެސް ނަތީޖާ ބަދަލުކޮށްލި އެވެ. މި ނަތީޖާގައި އޮއްވައި ސްކޯ ބޯޑުން ކަރަންޓު ގޮސްގެން ފަސް ވަރަކަށް މިނެޓަށް މެޗު މެދުކަނޑާލި އެވެ. އެއަށް ފަހު ކުޅުން ފަށައި ނޭޕާލުން ވަނީ މެޗު ފަހު ދެ މިނެޓާ ހަމައަށް ލީޑުގައި އޮވެފަ އެވެ. ދިވެހި ޓީމުން ނަތީޖާ އަނބުރާލީ ފަހު ވަގުތު ގާތްގާތުގައި ކުރި ސްކޯތަކުންނެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތު ދެ ފްރީތުރޯ ވެސް ރާއްޖޭން ވަނީ ކާމިޔާބުކޮށް މޮޅު ޔަގީންކޮށްފަ އެވެ.
ރާއްޖެ އާއި ނޭޕާލްގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ސްރީ ލަންކާ އާއި ބޫޓާން އެވެ. ރާއްޖޭގެ ދެ ވަނަ މެޗުގައި އަންނަ ބުދަ ދުވަހުގެ ރޭ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅޭނީ ބޫޓާންއާ އެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މި ދެ މެޗު ވެސް ފަށާނީ ރޭގަނޑު 8:30 ގަ އެވެ.