ކުޅިވަރު

ނޭޝަންސް ލީގު: ބެލްޖިއަމް ބަލިކޮށް ނެދަލެންޑްސް ސެމީ އަށް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމް 0-1 އިން ބަލިކޮށް ފައިނަލުން ބުރު ނުވަތަ ސެމީ ފައިނަލުގެ ޖާގައެއް ނެދަލެންޑްސް ހޯދައިފި އެވެ.

މި ގްރޫޕުގެ ކުޅުން ރޭ ނިމުނުއިރު އެއްވަނަ ނެދަލެންޑްސް ހޯދީ ހަ މެޗުން 16 ޕޮއިންޓާ އެކު އެވެ. ބެލްޖިއަމް ދެވަނަ އަށް ދިޔައީ 10 ޕޮއިންޓާ އެކު އެވެ. ހަތް ޕޮއިންޓާ އެކު ޕޮލެންޑަށް ތިންވަނަ ލިބުނުއިރު ފުލަށް ދިޔަ ވޭލްސް އަށް ލިބުނީ ޕޮއިންޓެކެވެ. ރޭ އަމިއްލަ ގައުމުގައި ޕޮލެންޑް އަތުން 1-0 އިން ބަލިވުމުން ވޭލްސް ވަނީ ނޭޝަންސް ލީގުގެ ދެ ވަނަ ފަންތި އަށް ރެލިގޭޓްވެފަ އެވެ.

ނޭޝަންސް ލީގުގެ ފައިނަލް ބުރުން ޖާގަ ލިބޭނީ ލީގު އޭގައި ވާދަކުރާ ހަތަރު ގްރޫޕުގެ ޗެމްޕިއަނުންނަށެވެ. މި ހަތަރު ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ކުޅޭނީ އަންނަ އަހަރު އެވެ.

މެޗަށް ނުކުތްއިރު ބެލްޖިއަމަށް ފައިނަލް ބުރުން ފުރުސަތު ލިބެން އޮތީ ތިން ގޯލުގެ ތަފާތުން ނެދަލެންޑްސް ބަލިކޮށްގެންނެވެ. މި ދެޓީމު މިދިޔަ ޖޫން މަހު ކުޅުނު މެޗުން ނެދަލެންޑްސް މޮޅުވީ 4-1 އިންނެވެ. އެކަމަކު ނެދަލެންޑްސްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މެޗުގައި ނެދަލެންޑްސް އިން އެއްވަނަ ކަށަވަރުކުރީ މޮޅުވެގެންނެވެ.

މެޗުގެ ހަމައެކަނި ގޯލު 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯގެ އެހީތެރިކަމާ އެކު ވާޖިލް ވެން ޑައިކް އެވެ.

މެޗަށް ނުކުތުމުގެ ކުރިން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ބޭނުންވަނީ ނެދަލެންޑްސްގެ ކިބައިން ބަދަލުހިފައި ނޭޝަންސް ލީގުގެ ސެމީ އަށް ދަތުރުކުރަން ކަމަށެވެ. ރޭގެ މެޗަށް މާޓިނޭޒް ސަސްޕެންޑް ކޮށްފައި ހުރުމުން ޓީމަށް އިރުޝާދުދިނީ ތިއެރީ އޮންރީ އެވެ.

ނެދަލެންޑްސް ފައިނަލުން ބުރުން ފުރުސަތު ހޯދީ މެޗަކުން ބަލި ނުވެ އެވެ. އެގައުމުގެ ކޯޗުކަމާ ލުއީ ވެން ހާލް ހަވާލުވުމަށް ފަހު ނަތީޖާތައް ވަނީ ރަނގަޅުކޮށްފަ އެވެ. ބޯމަތީގައި ވޯލްޑް ކަޕް އޮތްއިރު ނެދަލެންޑްސް އެ މުބާރާތަށް ދާއިރު އެންމެ ފަހުން ކުޅުނު 15 މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެ އެވެ.