ލައިފްސްޓައިލް

ހޮސްޕިޓަލުން އޮޅުނު ދެ ކުދިން އުޅުނީ ހިތްދަތި ދިރިއުޅުމެއް

އުފަންވީ ވަގުތު ހޮސްޕިޓަލަށް ހެދުނު ގޯހަކުން އޮޅުނު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ބޮޑުވެގެން އޭނާގެ މަންމައާ ބައްދަލުވެއްޖެ އެވެ.

އަދި ކޯޓުގައި ދައުވާކޮށް ބައި މިލިއަނެއްހާ ޑޮލަރުގެ ބަދަލެއް ވެސް އޭނާއަށް ވަނީ ލިބިފަ އެވެ. ނަމަވެސް މި ބަދަލަކީ މައިންބަފައިން އޮޅުމުގެ ސަބަބުން އަސްލު މައިންބަފައިން ނޫން ވަރަށް އަނިޔާވެރި ދެމަފިރިއެއް ކައިރީގައި ހިތްދަތި ކަމުގައި އުޅެ ބޮޑުވެ ކުއްޖެއްގެ ހިތްދަތިކަން ފިލައިގެންދާ ވަރުގެ ބަދަލަކަށް ނުވެ އެވެ.

ކިތަންމެ ފައިސާއެއް ބަދަލުގެ ގޮތުގައި ލިބުނަސް އެ ކުއްޖާގެ ކަޅު މާޒީ އޭނާ އަބަދުވެސް ހަނދާން ހުންނާނެ އެވެ.

ޔޫކޭ ޓައިމްސްގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިޓަލީގެ 33 އަހަރުގެ އަންހެނެއް ކަމަށްވާ އެންޓޮނެއްލާއަށް ބަދަލުގެ ގޮތުގައި ބައި މިލިއަން ޑޮލަރު ދޭން ސައުތު އިޓަލީގެ ޕަގޭލިއާގެ ސިވިލް ކޯޓަކުން ހުކުމް ކުރީ މީގެ ދެ ދުވަހެއް ކުރިންނެވެ. އެއީ މީގެ 30 އެތައް އަހަރެއް ކުރިން އޭނާ އުފަންވި ހޮސްޕިޓަލުން އޮޅިގެން އޭނާގެ ބައޮލޮޖިކަލް މައިންބަފައިން ނޫން ދެމަފިރިއަކާ އޭނާ ހަވާލު ކުރެވުނުކަން ސާބިތުވެގެން ދިން ބަދަލެކެވެ.

މިގޮތަށް ބަދަލުނުވި ނަމަ އެންޓޮނެއްލާ އުޅެ ބޮޑުވީހީ އޭނާގެ އަސްލު މައިންބަފައިންނާ އެކުގަ އެވެ. އެ މީހުންނަކީ އަމިއްލަ ވިޔަފާރިއެއް އޮންނަ ފުދޭވަރެއްގެ މުއްސަނދި ބައެކެވެ.

އެންޓޮނެއްލާގެ ވަކީލު ބުނި ގޮތުގައި އަސްލު މައިންބަފައިންނަށް އެންޓޮނެއްލާ ލިބުނުނަމަ އޭނާގެ ތުއްތު ހަޔާތް ވަރަށް އުފާވެރިވީސްކަން ޔަގީނެވެ. ނަމަވެސް އޭނާ ހަވާލުކުރި 'މައިންބަފައިން' ނަކީ ކުޑައިރުއްސުރެ އޭނާއަށް ވަރަށް އަނިޔާކޮށް ވަރަށް އިހާނެތިކޮށް ކަންތައް ކުރި ބައެކެވެ. އެހެންވެ އެމީހުންގެ ކައިރީގައި އެންޓޮނެއްލާ އުޅެފައިވަނީ ވަރަށް ހިތްދަތި ދިރިއުޅުމެކެވެ.

ޖޫން 1989ގައި އެންޓޮނެއްލާ އުފަންވީ ކެޓުރީނާ ނަމަކަށް ކިޔާ އަންހެނަކަށެވެ. އޭގެ 10 މިނިޓްފަހުން ލޮރެއްޓާ ކިޔާ އަންހެނަކު ލޮރޭނާ ކިޔާ އަންހެން ކުއްޖަކު ހަމަ އެ ހޮސްޕިޓަލުގެ ވިހެ އެވެ. ދެ މީހުން ވެސް ވިހެއީ ސިޒޭރިއަން ހަދައިގެންނެވެ.

ލަފާކުރެވެނީ ދެ ކުދިން އޮޅުނީ އޮޕަރޭޝަން ތިއޭޓަރު ތެރޭން ކަމަށެވެ. ވަގުތުން އެކުދިންގެ ފައިގައި ނަން ޓެގް ނޭޅުވުމުން ދިމާވި ގޮތެއް ކަމަށް ބެލެވޭ ކަމަށް އެންޓޮނެއްލާގެ ގާނޫނީ ވަކީލު ކޯޓުގައި ބުންޏެވެ.

ފަހުން ދެ ކުދިން ގެންގޮސްލީ އެތައް ބައިވަރު ކުދިންނެއް ތިބި ނާސަރީއެއްގެ ދެ އެނދަށެވެ. އެއީ ކޮން ކުއްޖެއްކަން އަންގައިދޭ ނަން ޓެގް ދެ ކުދިން ކުރެ އެއްވެސް ކުއްޖެއްގެ އަތަކު ނެތެވެ. އެހެންވެ އެންޓޮނެއްލާ އަކީ ލޮރެއްޓާގެ ދަރިކަމަށް ހިތާ އޭނާއާ ހަވާލުކުރީ އެވެ.

ލޮރެއްޓާގެ ދެމަފިރިން އެންޓޮނެއްލާ ރަނގަޅަކަށް ނުބެލި އެވެ. ތުއްތު އިރުއްސުރެ ވަރަށް އަނިޔާކޮށް ހާލުގައި ޖެއްސި އެވެ. އެންމެ ފަހުން ބަލަން ބޭނުން ނުވެގެން މާމަ އާއި ކާފައާ އެންޓޮނެއްލާ ހަވާލުވެސް ކުރި އެވެ. އެމީހުން ވެސް އޭނާ ބަލަން ބޭނުން ނުވެގެން ފޮސްޓާ ކެއާ އާ ހަވާލުކުރީ އެވެ. އަދި އެތަނުގައި ހުއްޓާ އުމުރުން 15 އަހަރުގައި އެ ހިސާބުގަނޑުގައި ދިރިއުޅުނު ދެމަފިރިއަކު އޭނާ އެޑޮޕްޓް ކުރީ އެވެ.

އަސްލު މަންމައާ ބައްދަލުވީ ކިހިނެއް؟

އެންޓޮނެއްލާ އަށް އޭނާގެ އަސްލު މަންމައާ ބައްދަލުވީ ގުދުރަތީ ގޮތުން ދެ މައިންގެ ސިފަ އެއްވައްތަރު ކަމުންނެވެ. އެއް ދުވަހަކު އެންޓޮނެއްލާ އަމިއްލައަށް ފޮޓޮއެއް ނަގައި ފޭސްބުކްގައި ޝެއާ ކުރި އެވެ. އެމީހުން ދިރިއުޅޭ ރަށަކީ މީސްކޮޅުމަދު ކުޑަ ރަށަކަށް ވާތީ ރަށުގެ ގިނަ ބަޔަކު އެކަކު އަނެކަކު ދަނެ އެވެ. އެހެންވެ ކޮންމެވެސް ގޮތަކުން އެންޓޮނެއްލާ ޝެއާކުރި ފޮޓޯ އޭނާގެ އަސްލު މަންމަ ކެޓެރީނާ އަށް ފެނުނީ އެވެ.

އެންޓޮނެއްލާގެ ފޮޓޯ ފެނިފައި ކެޓުރީނާ ވެސް ހައިރާންވެގެން ބަސް ހުއްޓުނެވެ. އޭނާ އާއި އެ އަންހެން ކުއްޖާ ވައްތަރުކަމުންނެވެ. އަދި އެންޓޮނެއްލާގެ ފޭސްބުކް ޕޭޖް ހަވާލިއިރު އޭނާ އުފަންވެފައިވަނީ ކެޓުރީނާ ވެސް ކުއްޖަކު ވިހޭ ދުވަހު ކަން އެނގުނެވެ. އެހެންވެ އޭނާއަށް ވަރަށް ބޮޑަށް ޝައްކުވެގެން އެންޓޮނެއްލާއާ ފޭސްބުކް މެދުވެރިކޮށް ގުޅައިގެން ވާހަކަދައްކައި ޑީއެންއޭ ޓެސްޓް ހަދަން އޭނާ ލައްވާ އެއްބަސް ކުރުވީ އެވެ.

ޓެސްޓުގެ ނަތީޖާ ދެއްކީ ކެޓެރީނާ ހަމަ ހީކުރި ގޮތަށެވެ. ހަގީގަތުގައި އެންޓޮނެއްލާ އަކީ ހަމަ ކެޓުރީނާ ވިހޭ ދަރިފުޅެވެ.

ލޯކަލް ގަވަންމަންޓަށް ދައުވާ ކުރަން އެންޓޮނެއްލާ ނިންމީ މިހިސާބުންނެވެ. އަދި މި ހަފުތާގައި އޭނާއާ އެއްކޮޅަށް ކޯޓުން ވަނީ މައްސަލަ ނިންމައި ބައި މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާގެ ބަދަލެއް ވެސް ހޯދައިދީފަ އެވެ. ނަމަވެސް މި ފައިސާއަކީ އެންޓޮނެއްލާގެ މާޒީ ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. އޭނާގެ ތުއްތު ހަޔާތް ހޭދަކުރީ އެއަށް ވުރެ މާ އަނިޔާ ތަހައްމަލުކުރަމުން މާ ހިތްދަތި ހާލަތެއްގަ އެވެ.

ކަންދިމާކުރި ގޮތުން އޮޅުނު ދެބެންގެ ތެރެއިން ލޮރޭނާ ދިރިއުޅުން ވެސް އެހާ އުފާވެރިއެއް ނޫނެވެ. ލޮރޭނާ އަކީ ތަންކޮޅެއް ބޯހަރު ގޮތްދޫނުކުރާ މިޒާޖެއްގެ ކުއްޖެކެވެ. އެހެންވެ އޭނާ މައިންބަފައިން ކަމަށް ހިތާ ގެންގުޅުނު ދެމަފިރިންނާ އޭނާ އެއްގޮތަކަށް ވެސް އެއްގަލަކަށް ނާރަ އެވެ. އެންމެ ފަހުން އުމުރުން 18 އަހަރުގައި މީހަކާ ކައިވެނިކޮށް ލޮރޭނާ ވަނީ އޭނަގެ މައިންބަފައިން ދޫކޮށް އެހެން ތާކަށް ހިޖުރަކޮށްފަ އެވެ.

އެންޓޮނެއްލާ އަށް ކޯޓުން ބަދަލު ލިބުނުކަން އެނގުމުން ލޮރޭނާ ވެސް ކޯޓަށް މައްސަލަ ވައްދަން މަސައްކަތް ކުރަމުންދާ ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.

ލޮރޭނާ ބުނި ގޮތުގައި އޭނާ ގެންގުޅުނު މައިންބަފައިން އޭނާ ކައިރީގައި އެ ވާހަކަ ބުނި ދުވަހު އެ ކުރެވުނު އިހްސާސްތައް ބުނެދޭން ވެސް ނޭނގުނެވެ. އެންމެ ކުޑައިރުއްސުރެ މައިންބަފައިން ކަމަށް ހިތާ އުޅުނު ދެމަފިރިންނަކީ އޭނާގެ އަސްލު މައިންބަފައިން ނޫންކަން އެނގުމުންނެވެ.

"އަހަންނަކަށް ނޭނގެ މިހާރު އަހަރެން މީ ކާކު ކަމެއް. އަހަރެން މަންމަ ބައްޕަ ކިޔަންވީ ކޮން ބަޔަކަށް ކަމެއް،" ލޮރޭނާ ބުންޏެވެ.