ކުޅިވަރު

ކްރޮއޭޝިއާ އަށް އެއްވަނަ، ޑެންމާކުން ފްރާންސް ބަލިކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކްރޮއޭޝިއާ އިން ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށް ސެމީ ފައިނަލުގެ ޖާގައެއް ހޯދިއިރު ފަހު މެޗުގައި ޑެންމާކް އަތުން ޗެމްޕިއަން ފްރާންސް ބަލިވެއްޖެ އެވެ.

ރޭ ޑެންމާކުން ފްރާންސް ބަލިކުރީ 0-2 އިންނެވެ. އެޓީމުން ވަނީ ނޭޝަންސް ލީގުގެ ދެ މެޗުގައި ވެސް ފްރާންސް އަތުން މޮޅުވެފަ އެވެ. ކްރޮއޭޝިއާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ރަށުން ބޭރުގައި 3-1 އިން އޮސްޓްރިއާ ބަލިކޮށްގެންނެވެ.

ލީގު އޭގެ ގްރޫޕް އެކެއްގެ އެއްވަނަ ކްރޮއޭޝިއާ ހޯދީ ހަ މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ޑެންމާކަށް ދެވަނަ ލިބުނީ ހަ މެޗުން 12 ޕޮއިންޓާ އެކު އެވެ. ތިން ވަނަ ލިބުނު ފްރާންސް ނިންމާލީ ފަސް ޕޮއިންޓުގަ އެވެ. މި ގްރޫޕުން ރެލިގޭޓްވީ ހަތަރު ޕޮއިންޓް ލިބުނު އޮސްޓްރިއާ އެވެ.

ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ފްރާންސް އެވެ. މިދިޔަ އަހަރު އޮތް މުބާރާތުގެ ފައިނަލުގައި ފްރާންސުން ނޭޝަންސް ލީގު ކާމިޔާބުކުރީ ފައިނަލުގައި 1-2 އިން ސްޕެއިން ބަލިކޮށްގެންނެވެ.

ފްރާންސް ކޮޅަށް ޑެންމާކުގެ ގޯލުތައް ކާމިޔާބުކޯށްދިނީ ކެސްޕާ ޑޮލްބާގް އާއި އަންދްރެސް ސްކޯވް އޮލްސެން އެވެ. މެޗުގައި ފްރާންސްގެ ކިލިއަން އެމްބާޕޭ ފޮނުވާލި ނުރައްކާތެރި ތިން ބޯޅައެއް ޑެންމާކުގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ހުއްޓުވައިފަ އެވެ.

ކްރޮއޭޝިއާ މޮޅުވި މެޗުގެ ފުރަތަމަ ގޯލު ހަ ވަނަ މިނެޓުގައި ޖެހީ ލޫކަ މޮޑްރިޗް އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ކްރިސްޓޯފް ބުއަމްގާޓްނާގެ ގޯލުން އޮސްޓްރިއާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. ކްރޮއޭޝިއާ މެޗުގެ ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. އެޓީމުގެ ދެވަނަ ގޯލު 68 ވަނަ މިނެޓުގައި މާކޯ ލިވާޔާ ޖެހިއިރު އޭގެ ތިން މިނެޓު ފަހުން ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ޑިފެންޑަރު ޑެޔަން ލޮވްރެން އެވެ.

ކްރޮއޭޝިއާގެ އިތުރުން ސެމީގެ ޖާގަ ރޭ ޔަގީންކުރީ ނެދަލެންޑްސް އިންނެވެ. ސެމީގެ ފަހު ދެ ޖާގަ ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ ހަންގޭރީ އާއި ޕޯޗުގަލް އެވެ. ޕޯޗުގަލް އަކީ ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ޓީމެވެ.

ނޭޝަންސް ލީގު އޭގައި މިރޭ ކުޅޭނީ ގްރޫޕް ތިނެއްގެ ފަހު މެޗުތަކެވެ. ރެލިގޭޓް ވެފައިވާ އިންގްލެންޑް މިރޭ އަމިއްލަ ދަނޑުގައި ޖަރުމަނާ ދެކޮޅަށް ނުކުންނައިރު ހަންގޭރީ އަމިއްލަ ދަނޑުގައި ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ފަށާނީ މިރޭ 11:45 ގަ އެވެ.