ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ތިލަދުންމަތީ ދަތުރުފުޅު ފައްޓަވައިފި

Sep 26, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހއ. އަތޮޅުގެ ދެ ރަށަކަށާއި، ހދ. އަތޮޅުގެ ދެ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސްގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ހދ. ނައިވާދޫ އަށެވެ. އޭގެފަހުން ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް ވަޑައިގަންނަވާނެ އެވެ.

އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ތިލަދުންމައްޗަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިދަތުރުފުޅުގައި މި ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބައެއް އުމްރާނީ މަޝްރޫއުތައް ނިންމައި ހިދުމަތްތައް ރަސްމީގޮތުން އިފްތިތާހްކޮށްދެއްވާނެ އެވެ.

މީގެތެރޭގައި ރަށްރަށުގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމު ހިމެނެ އެވެ. އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޒޯން އެކެއްގެ ޚިދުމަތް ފަށައި އެނިޒާމު އެސަރަހައްދުގައި ފުރިހަމަކޮށްފައިވާތީ ރަސްމީކޮށް އެކަން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައިވެ އެވެ.

ރައީސް ސޯލިހް ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ.