ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ފުރަތަމަ ރަށެއްގެ ގޮތުގައި ހދ. ނައިވައިދޫ އަށް ވަޑައިގެންފި އެވެ.
ރައީސް ނައިވަދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ރައީސްގެ މިދަތުރުފުޅުގައި ނައިވައިދޫގެ ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނެ އެވެ. އަދި ފެނުގެ ނިޒާމާ ގުޅޭ މަސައްކަތްތައް ހިންގާ އިދާރާ -- ފެނަކަ އޮފީހަށް ވަޑައިގެން މަސައްކަތްތައް ބައްލަވާލެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ނައިވައިދޫ އަކީ އިރުވައި މޫސުމުގައި ސާފު ފެން ލިބުން ވަރަށް ބޮޑަށް ދަތިވެފައި އޮތް ރަށެކެވެ. އެކަމަކު މިއަދު ފެނުގެ ނިޒާމު އިފްތިތާހުކުރުމާ އެކު ރައްޔިތުންނަށް މިމައްސަލައިގައި ދާއިމީ ހައްލެއް ލިބޭނެ ކަމަށް ނައިވައިދޫ ކައުންސިލުން ބުނެ އެވެ.
ނައިވައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ރައީސް މިއަދު ބައްދަލުކުރައްވާނެ އެވެ.
ހާހެއް މީހުންގެ އާބާދީއެއް އޮތް ނައިވައިދޫގައި ނައިވައިދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
ރައީސްގެ ދަތުުރުފުޅުގައި ދެވަނަ މަންޒިލެއްގެ ގޮތުގައި މިއަދު މެންދުރުފަހު ވަޑައިގަންނަވާނީ ހދ. ފިނޭ އަށެވެ.
ރައީސް ތިލަދުންމައްޗަށް މިކުރައްވާ ދަތުރުފުޅުގައި ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް ވެސް ވަޑައިގަންނަވާނެ އެވެ.
އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.