ހދ. އަތޮޅުގެ ރަށްތަކުގައި 199 އަށް ވުރެ ގިނަ މަޝްރޫ ހިންގާ 970 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށް ރައީސުލްުޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ހދ. ނައިވައިދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ހދ. އަތޮޅަށް މިސަރުކާރުން ހަރަދުކުރި 970 މިލިއަން ރުފިޔާ އަކީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ހަރަދު ނުލައި ކޮށްފައިވާ ހަރަދު ކަމަށެވެ. ހދ. އަތޮޅުގެ ތަރައްގީއަށް ކުރާ އަދަދު އަދިވެސް އިތުރުވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަށް އެންމެ ބޮޑު ބަދަލެއް ގެނުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ކަމަށާއި އެއްރަށުން ނުލިބޭ ހިދުމަތްތައް ހޯދުމަށް ފަސޭހަކަމާއެކު އެހެން ރަށްރަށަށް ދަތުރުކޮށްގެން ހިދުމަތް މިހާރު ހޯދޭނެ ކަމުގައި ވިދާޅުވި އެވެ.
މި ސަރުކާރުން ރައްޔިތުންނަށް ވީއެންމެ ބޮޑު ވައުދަކީ ތަފާތު ނުކުރުން ކަމަށާއި މި ވައުދު ފުއްދުމުގެ ގޮތުން ރަށެއްގެ އާބާދީއަށް ނުބަލާ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކޮށް ހިދުމަތްތަށް ފޯރުކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ނައިވާދޫއަކީ ރާއްޖޭގެ ގިނަ ރަށްތައް ފަދައިން މިއަދާ ހަމައަށް ސާފު ބޯފެން ލިބެންނެތް ރަށެށް ކަމަށެވެ. ނަމަވެސް މިއަދު ފެށޭ ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"ނައިވާދޫގެ ފެނުގެ ނިޒާމުގެ މަސަތްކަތް މިހާ ރަނގަޅަށް މިނިންމާލެވުނީ މިކަމަށް އެކަށީގެންވާ ރަނގަޅު ކުންފުންޏަކާ މި މަސަތްކަތް ހަވާލުކުރެވިފައި އޮތީމަ. ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަކީ އިތުބާރާއިއެކު ރާއްޖޭގައި މިފަދަ މަސަތްކަތް ކުރާ އެއް ކުންފުނި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާއަކީ މެނިފެސްޓޯއެއްގައި ހިމެނުމަށްވުރެ މާމުހިއްމު އަސާސީ ހައްގުތަކެއް ކަމަށްވާތީ މި ސަރުކާރުގެ މެނިފެސްޓޯގައި އެފަދަ ހިދުމަތްތައް ދޭނެ ވާހަކަ ލިޔެފަިއ ނުހުންނާނެ ކަމަށެވެ.
" އެ ހައްގުތަކަކީ ހުރިހާ ރައްޔިތުންނައް ހަމަހަމައަށް ލިބެންޖެހޭ ހައްގުތަކެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮވިޑްގެ ހާލަތާއި ގުޅިގެން މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ރާއްޖެ އެތެރެކުރުމުގައި ބޮޑެތި ގޮންޖެހުންތައް ސަރުކާރަށް އަދި މަސައްކަތް ކުރާ ކުންފުނިތަކަށްވެސް ދިމާވި ކަމަށެވެ. ނަމަވެސް ޕްލޭނިން މިނިސްޓީއާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި ކުންފުނިތައް ގުޅިގެން ކުރާ މަސައްކަތުން ސަރުކާރުގެ ވައުދުތައް ފުއްދެމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
ނައިވާދޫއަށް މިވަގުތު އޮތް އެންމެ ބޮޑަށް މައްސަލަ އަކީ ބަނދަރުގެ މައްސަލަ ކަމަށާއި އަދި މިއީ 2018 ވަނަ އަހަރުގެ އިންތިހާބުގައި ނައިވާދޫއަށް އެމަނިކުފާނު ވީވައުދުތަކުގެ ތެރެއިން ނުފެށި އޮތް ވައުދު ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. ނައިވައިދޫ ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ނައިވާދޫގެ ފުޓުބޯޅަ ދަނޑު ހެދުމުގެ މަސަތްކަތް މިހާރު ބަޔަކާ ހަވާލު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މިމަސަތްކަތް ނިމިގެން ދާއިރު ދަނޑުގައި ޓާފް އެޅި ތަނުގައި ރޭގަނޑު ކުޅެވޭނެ ގޮތް ހަމަޖެހިދާނެ ކަމަށް ވިދާޅުވި އެވެ. ނައިވައިދޫ ގިރާތީ އެ ރަށް ހިމާޔަތް ކުރުމަކީ ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމާ ގުޅޭ ޕްލޭނެއް ޕްލޭނިން މިނިސްޓަރު އަސްލަމް މިހާރު ގެންގުޅުއްވާ ކަމަށެވެ. ތަރައްގީއަށްޓަކައި ކުރަންޖެހޭ މަސަތްކަތްތައް ހުންނާނެ ކަމަށާއި އެއީ ނިމުމެއް ނެތް ކަމެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.