ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އެޑްވާޑް ސްނޯޑަން އަށް އެ ގައުމުގެ ރައްޔިތުކަން ދެއްވައިފި އެވެ.
ސްނޯޑަން ރަޝިއާގެ ރައްޔިތުކަން ހޯދަން ހުށަހެޅީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން 2020 ވަނަ އަހަރު އެވެ.
ސްނޯޑަން އަށް ރަޝިއާގެ ރައްޔިތުންކަން ލިބުމުގެ ކުރިން އޭނާ އަކީ އެމެރިކާ ރައްޔިތެކެވެ. އޭނާގެ ކިބައިން އެމެރިކާގެ ރައްޔިތުކަން ނިގުޅައި ނުގަންނަހާ ހިނދަކު، ދެ ގައުމުގެ ރައްޔިތުކަން އޭނާ އަށް އޮންނާނެ އެވެ.
ދުނިޔޭގެ ހަބަރުތަކުގެ ފަލަ ސުރުހީތަކަށް ސްނޯޑަންގެ ނަން އެރީ އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) ގައި އޭނާ ސެކިއުރިޓީ ކޮންސަލްޓެންޓަކަށް މަސައްކަތް ކުރިއިރު -- 2013 ގައި އެންއެސްއޭ އިން އެމެރިކާގެ ރައްޔިތުންނަށް ޖާސޫސްކުރަން ހިންގި ޕްރޮގްރާމާ ބެހެ މައުމޫމާތުތައް ލީކުކުރުމާ ގުޅިގެންނެވެ.
މީގެއިތުރުން އެންއެސްއޭ އާއި ޔޫރަޕިއަން ޔޫނިއަން އަދި އެ ގައުމުތަކުގެ ޓެލެކޮމިއުނިކޭޝަން ކުންފުނިތައް ގުޅިގެން ގައުމުތަކުގެ ވެރިންނާއި އާންމުންނަށް ޖާސޫސްކުރުމަށް ހިންގި ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު ވެސް ސްނޯޑަން ލީކުކޮށްލި އެވެ.
އެއަށްފަހު ސްނޯޑަން އެމެރިކާ ދޫކޮށް ފިލި އެވެ. އަދި ފަހުން ރަޝިއާގެ ހިމާޔަތަށް އެދުނެވެ. އޭނާ އަކީ އެމެރިކާ އަށް ވަރަށް ބޮޑަށް ބޭނުންވެފައި ހުރި މީހެކެވެ.
ރަޝިއާގައި އޭނާ ހުރުމުގެ ސަބަބުން ރަޝިއާ ސަރުކާރަށް އޭނާގެ ކިބައިން ނެގިދާނެ ފައިދާ އަށް އެމެރިކާ ވަރަށް ބޮޑަށް ޖެހިލުންވެ އެވެ.
ރަޝިއާގެ ރައްޔިތުކަން ހޯދުމަށް ސްނޯޑަން ހުށަހެޅުމުގެ ދުވަސްކޮޅެއް ކުރިން އޭނާ އަށް ވަނީ ރަޝިއާގައި ދާއިމަށް ހުރުމުގެ މަގު ސަރުކާރުން ތަނަވަސްކޮށްދީފަ އެވެ. އެއާއެކު އޭނާގެ އަންހެނުން ވެސް ރަޝިއާގެ ރައްޔިތު ކަމަށް ހުށަހަޅާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
އެޑްވާޑް ސްނޯޑަން އަށް ރަޝިއާގެ ރައްޔިތުކަން ދީފައި މިވަނީ އެ ގައުމުގެ ރައްޔިތުން ޔުކްރޭން ހަނގުރާމައިގައި ބައިވެރިވުން ސަރުކާރުން މަޖުބޫރުކޮށްފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އަނގަތަޅާ މީހުން ބުނަނީ ސްނޯޑަން އަށް ރައްޔިތުކަން އެހާ ފަސޭހައިން ދިނީ ޔުކްރޭން ހަނގުރާމައަށް ފޮނުވަން ބޭނުންވާތީ ކަމަށެވެ. އެހެން ނަމަވެސް ރަޝިއާގެ އިދާރާތަކުން ބުނާ ގޮތުން ޔުކްރޭން ހަނގުރާމަ އަށް ސްނޯޑަން ފޮނުވޭނެ ގޮތެއް ނޯންނާނެ އެވެ.
އޭނާ އަކީ ފުރަތަމަ ކަމަކަށް ސަރުކާރުން ޝަރުތުކޮށްފައި އޮތް އަސްކަރީ ތަމްރީން ހޯދާފައި ހުރި މީހަކަށް ނުވުމެވެ.
ރައީސް ޕޫޓިން ކުރިން ވިދާޅުވި ގޮތުގައި ސްކޫލް ޔުނިވާސިޓިގައި ކިޔަވާ ކުދިން ހަނގުރާމާއަކަށް ނުފޮނުވާނެ އެވެ. އެ ކުދިންގެ ކަމަކީ ކިޔެވުމެވެ. އަދި ހާއްސަ އެހެން ހުނަރެއް ހުރި ނަމަވެސް އެ މީހެއްގެ ބޭނުންހިފާނީ އެ ދާއިރާއަކުންނެވެ.
އެމެރިކާއިން ފިލައިގެން ސްނޯޑަން 2013 ގައި ފުރަތަމަ ދިޔައީ ހޮންގް ކޮންގް އަށެވެ. އަދި ކިއުބާއަށް ދަތުރުކުރި މަގުމަތީގައި ރަޝިއާ އަށް މަޑުކުރި އެވެ.
އެހެންނަމަވެސް ދަތުރުމަތީގައި އެމެރިކާ އިން އޭނާގެ ޕާސްޕޯޓް ކެންސަލްކުރުމުން އެކުއެޑޯ އަށް ގޮސް ފަހުން ހިމާޔަތަށް އެދުނީ އެވެ. އެއަށްފަހު ސްނޯޑަން ރަޝިއާގައި މިދިޔަ ދުވަސްތަކުގައި ދިރިއުޅުނީ އެ ގައުމުގެ ސަރުކާރާ އެކު ހަދާފައި އޮތް އެއްބަސްވުމެއްގެ ހިމާޔަތުގަ އެވެ.