ކުޅިވަރު

އިޓަލީ ސެމީ ފައިނަލަށް، އިންގްލެންޑާއި ޖަރުމަނު އެއްވަރު

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ރަށުން ބޭރުގައި ހަންގޭރީ 2-0 އިން ބަލިކޮށް އިޓަލީ އިން ގްރޫޕުގެ އެއް ވަނަ ހޯދިއިރު އިންގްލެންޑާއި ޖަރުމަނު ކުޅުނު މެޗު 3-3 އިން އެއްވަރުވެއްޖެ އެވެ.

މި ގްރޫޕުގެ ކުޅުން ނިމުނުއިރު އިޓަލީ އަށް އެއް ވަނަ ލިބުނީ ހަ މެޗުން 11 ޕޮއިންޓާ އެކު އެވެ. އެއްވަނަ ހޯދުމާ ދާދި ގާތަށް ޖެހިލި ހަންގޭރީ އަށް ހަ މެޗުން ލިބުނީ 10 ޕޮއިންޓެވެ. ޖަރުމަނަށް ހަތް ޕޮއިންޓް ލިބުނުއިރު ރެލިގޭޓްވި އިންގްލެންޑަށް ލިބުނީ ތިން ޕޮއިންޓެވެ. ދެން އޮންނަ ނޭޝަންސް ލީގުގައި އިންގްލެންޑް ވާދަކުރާނީ ދެ ވަނަ ފަންތީގެ ލީގުގަ އެވެ.

ރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ހަންގޭރީ އަށް ގްރޫޕުގެ އެއް ވަނަ ލިބޭނެ އެވެ. އަމިއްލަ ދަނޑުގައި ވަރުގަދައަށް ޑިފެންސް ކުރުމުގެ ވިސްނުމުގައި ނުކުތް ހަންގޭރީ ކޮޅަށް އިޓަލީގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ޖެހީ ޖިއަންކޯމޯ ރަސްޕަޑޯރީ އެވެ. ދެ ވަނަ ހާފުގައި އިޓަލީ އަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ފެޑެރިކޯ ޑިމާކޯ އެވެ.

ރޭގެ މެޗަކީ ހަންގޭރީގެ ބުދަޕެސްޓްގައި 1996 ވަނަ އަހަރުގެ ފަހުން އިޓަލީ އަށް ލިބުނު ފުރަތަމަ މޮޅެވެ. މެޗުން މޮޅުވުމުގައި އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާގެ މޮޅު ސޭވްތައް މުހިއްމު ދައުރެއް އަދާކުރި އެވެ.

އިންގްލެންޑާއި ޖަރުމަނުގެ މެޗުގެ ހުރިހާ ގޯލެއް ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. މެޗުގައި ޖަރުމަނުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިކްލާއީ ގުންޑޮގާން އާއި ކައި ހަވާޓްޒް އެވެ. ގުންޑޮގާން ޕެނަލްޓީއަކުން ގޯލު ޖެހިއިރު ހަވާޓްޒް ދެ ގޯލު ޖެހި އެވެ. އިންގްލެންޑުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ލޫކް ޝޯ އާއި މޭސަން މައުންޓް އަދި ހެރީ ކޭން އެވެ. ކޭން ގޯލު ޖެހީ ޕެނަލްޓީއަކުންނެވެ.

ނޭޝަންސް ލީގުގެ ފައިނަލް ބުރުން އިޓަލީގެ އިތުރުން ޖާގަ ހޯދީ ކްރޮއޭޝިއާ އާއި ނެދަލެންޑްސް އެވެ. ފައިނަލް ބުރުގެ ފަހު ޖާގަ ލިބޭނީ މިރޭ ޕޯޗުގަލް އާއި ސްޕެއިން ކުޅޭ މެޗަށް ފަހު އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ޕޯޗުގަލަށް ގްރޫޕުގެ އެއް ވަނަ ލިބޭނެ އެވެ. ސްޕެއިނަށް ފައިނަލް ބުރުން ފުރުސަތެއް އޮތީ ޕޯޗުގަލް ބަލިކޮށްގެންނެވެ. ސްޕެއިން އާއި ޕޯޗުގަލް މެޗު ފަށާނީ މިރޭ 11:45 ގަ އެވެ.