ބޮޑުތިލަދުންމަތީގެ ތިން އަތޮޅު ކަމަށްވާ ހއ، ހދ. އަދި ށ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު އިންގިލާބެއް ގެނެސްދިން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފަށައިފި އެވެ.
ހއ. ދިއްދޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
ގައުމީ ފެރީ ނިޒާމު ނުވަތަ އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12 ވަނަ ދުވަހު އެވެ. މިހިދުމަތް އެންމެ ފުރަތަމަ ފެށީ ހދ. އަތޮޅުގަ އެވެ. އޭގެފަހުން ހއ. އަތޮޅުގައި ފެށުމަށްފަހު މިމަހުގެ ތެރޭގައި ވަނީ ށ. އަތޮޅުގައި ހިދުމަތް ދޭން ފަށާފަ އެވެ. މިހިދުމަތާ އެކު 41 ރަށް ވަނީ ފެރީ ނިޒާމުން ގުޅާލާފަ އެވެ.
އާރްޓީއެލްގެ ދަތުރުތައް 100 ރުފިޔާއަށް ވުރެ ކުޑަ އަގެއްގައި ކޮށްލެވޭތީ އުތުރުގެ ރަށްތަކުގެ ރައްޔިތުންނަށް ދަތުރުކުރުމުގައި މިހާރު ވަނީ ވަރަށް ބޮޑަށް ފަސޭހައެއް ލިބިފަ އެވެ.
ޒޯން އެކެއްގައި ހިމެނޭ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންދަނީ 30 ނޮޓްގެ ބާރުމިނުގައި ދަތުރުކުރާ 17 ފެރީ ބޭނުންކުރަމުންނެވެ. ޔޫއޭއީގެ ގަލްފް ކްރާފްޓް ކުންފުނިން ބަނދެފައިވާ މިއުޅަނދުތަކުގައި ހާއްސަ އެެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވެ އެވެ.
ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި މިހާރު ވަނީ 65 ފެރީ ބަންނަން ބަޔަކާ ހަވާލުކޮށްފަ އެވެ.
ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.
ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.
އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފެރީގެ ކިއުއާރް ޓިކެޓް ލިބޭނެ އެވެ. އެފް ސްޓޯ އަދި ގޫގުލް ފްލޭ ސްޓޯރުން އާރްޓީއެލްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އެވެ.