ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޕޯޗުގަލް 1-0 އިން ބަލިކޮށް ފައިނަލް ބުރުގެ ފަހު ޖާގަ ސްޕެއިން ހޯދައިފި އެވެ.
މެޗަށް ނުކުތްއިރު ގްރޫޕްގެ އެއް ވަނަ ކަށަވަރުކުރަން ޕޯޗުގަލަށް ބޭނުންވީ ޕޮއިންޓެކެވެ. ސްޕެއިނަށް ފައިނަލް ބުރުން ޖާގަ ލިބެން އޮތީ ޕޯޗުގަލް ބަލިކޮށްގެންނެވެ.
ގްރޫޕުގެ އެއްވަނަ ސްޕެއިނަށް ލިބުނީ 11 ޕޮއިންޓާ އެކު އެވެ. 10 ޕޮއިންޓާ އެކު ޕޯޗުގަލް އަށް ދެ ވަނަ ލިބުނުއިރު 9 ޕޮއިންޓާ އެކު ސްވިޒަލެންޑަށް ލިބުނީ ތިން ވަނަ އެވެ. ފުލަށް ދިޔަ ޗެކް ރިޕަބްލިކަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ރޭ މި ގްރޫޕުގައި ސްވިޒަލެންޑުން ވަނީ 1-2 އިން ޗެކް ރިޕަބްލިކް ބަލިކޮށްފަ އެވެ.
ސްޕެއިންގައި ކުޅުނު މެޗުގައި ޕޯޗުގަލުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. އެކަމަކު ޑިއޯގޯ ޖޯޓާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މެޗުގައި ސްޕެއިންގެ ހަމައެކަނި ގޯލު 88 ވަނަ މިނެޓުގައި ޖެހީ ޔުވެންޓަސްގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. މިއީ އެތުލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްގެސް އެހީގައި މޮރާޓާ ޖެހި ލަނޑެކެވެ. ބެންޗުން ކުޅެން އަރައި ވިލިއަމްސް މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވެ.
ނޭޝަންސް ލީގުގެ ގަދަ ހަތަރު ޓީމުގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު އޮންނާނީ އަންނަ އަހަރުގެ ޖޫންގަ އެވެ. ސްޕެއިންގެ އިތުރުން ފައިނަލް ބުރުން ޖާގަ ހޯދީ އިޓަލީ، ކްރޮއޭޝިއާ އަދި ނެދަލެންޑްސް އެވެ. ފައިނަލް ބުރުގެ މެޗުތައް ކުޅޭނެ ކަމަށް ބެލެވެނީ ނެދަލެންޑްސްގަ އެވެ.
ޕޯޗުގަލް އަކީ 19-2018 އަހަރު ފެށި ނޭޝަންސް ލީގުގެ ޗެމްޕިއަނެވެ. ސްޕެއިން ވަނީ މިދިޔަ އަހަރުގެ ނޭޝަންސް ލީގުގައި ފައިނަލުގައި ފްރާންސް އަތުން 1-2 އިން ބަލިވެފަ އެވެ. މިއީ ނޭޝަންސް ލީގު ކާމިޔާބުކުރަން އެޓީމަށް ލިބުނު އާ ފުރުސަތެކެވެ.
ނޭޝަންސް ލީގު އޭ އިން މިފަހަރު ރެލިގޭޓްވީ މަޝްހޫރު އިންގްލެންޑްގެ އިތުރުން އޮސްޓްރިއާ އާއި ވޭލްސް އަދި ޗެކް ރިޕަބްލިކެވެ. ލީގު ބީ އިން ލީގު އޭ އަށް ޕްރޮމޯޓްވީ ސްކޮޓްލެންޑް، އިސްރާއީލް، ބޮސްނިއާ އަދި ސާބިއާ އެވެ.