ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބޮޑުތިލަދުންމަތި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

Sep 28, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހއ. އަތޮޅުގެ ދެ ރަށަކަށާއި، ހދ. އަތޮޅުގެ ދެ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރު މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހް ތިލަދުންމައްޗަށް ކުރެއްވި މި ދަތުރުފުޅުގައި އެންމެ ފުރަތަމަ މިދިޔަ ހޯމަ ދުވަހު ވަޑައިގެންނެވީ ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގެންނެވި އެވެ.

އުތީމަށް ރައީސް ވަޑައިގެންނެވީ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާ އެކު އެވެ. އުތީމު ދަތުރުފުޅުގައި ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރަށް އެ ރަށު އާ އިންޖީނުގެ ރައީސް ސޯލިހް ހުޅުއްވައިދެއްވި އެވެ.

ރައީސްގެ ތިލަދުންމަތީގެ ދަތުރުފުޅުގައި ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދިޔަ އުމްރާނީ ބައެއް މަޝްރޫއުތައް އިފްތިތާހުކޮށްދެއްވި އެވެ. މީގެތެރޭގައި ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ އިތުރުން ބައެއް ރަށްރަށުގެ އާ އިންޖީނުގެތައް ވެސް ހުޅުއްވައިދެއްވި އެވެ.

މީގެއިތުރުން އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ. އަތޮޅާއި ހދ. އަތޮޅުގެ އިތުރުން ށ. އަތޮޅުގެ ރަށްތައް ފެރީގެ ނިޒާމަކުން ގުޅާލާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީގެ ހިދުމަތް ރަސްމީކޮށް ރައީސް ސޯލިހް ވަނީ މިދަތުރުފުޅުގެ ތެރެއިން ފައްޓަވައިދެއްވާފަ އެވެ.

ރައީސް ސޯލިޖް ތިލަދުންމައްޗަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.