ކުޅިވަރު

ރާއްޖެ ބަލިކޮށް ލަންކާ އިން ސާބާ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

މާލޭގައި މިހާރު ކުރިއަށްދާ ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރޭ 72-59 އިން ރާއްޖޭގެ އަންހެން ގައުމީ ބާސްކެޓްބޯޅަ ޓީމު ބަލިކޮށް ސްރީ ލަންކާ އިން މުބާރާތުގެ ރަން މެޑަލް ހޯދައިފި އެވެ.

ސާބާ ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް 2016 ވަނަ އަހަރު ކާމިޔާބުކުރީ ލަންކާ އެވެ. ދެ ވަނަ މުބާރާތުގެ ރަން މެޑަލް މިފަހަރު އެގައުމުން ދިފާއު ކުރިއިރު ރިހި މެޑަލް ލިބުނީ ނޭޕާލަށެވެ. ނޭޕާލުން ވަނީ އިއްޔެ ހަވީރު ބޫޓާންގެ މައްޗަށް 26-65 އިން ކުރި ހޯދާފަ އެވެ. ފުރަތަމަ މެޗުގައި ރާއްޖެ އަތުން ހަނި ގޮތަކަށް ބަލިވި ނަމަވެސް ދެ ވަނަ މެޗުގައި ނޭޕާލުން ލަންކާ ބަލިކުރި އެވެ.

ރާއްޖެ އަށް 2016 ވަނަ އަހަރުގެ ސާބާ ޗެމްޕިއަންޝިޕާއި 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ވެސް ލިބުނީ ލޯ މެޑަލް އެވެ. މިފަހަރުގެ މުބާރާތުގެ ފަހު މެޗުގައި ރާއްޖެ މިރޭ ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށްފި ނަމަ ރާއްޖެ އަށް ލޯ މެޑަލް ލިބޭނެ އެވެ. ބޫޓާން ވަނީ މުބާރާތުގެ ފުރަތަމަ ދެ މެޗުން ވެސް ބަލިވެފަ އެވެ.

ދިވެހި ސަޕޯޓަރުންނާ އެކު ފުރިފައި އޮތް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު މެޗު ލަންކާ އިން ފެށީ ވަރުގަދަކޮށެވެ. މިގޮތުން ފުރަތަމަ ދެ ކުއާޓާ ނިމުނުއިރު އެޓީމު އޮތީ 24 ޕޮއިންޓުގެ ލީޑެއްގަ އެވެ. އެކަމަކު ތިން ވަނަ ކުއާޓާ ފަށައިގެން ރާއްޖޭން ވަނީ ކުޅުން ރަނގަޅުކޮށް 16 ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. އެއަށް ފަހު ލަންކާގެ ކުޅުން ރަނގަޅުކޮށް މި ކުއާޓާ ނިންމާލިއިރު އެޓީމު ކުރީގައި އޮތީ 37-59 އިންނެވެ.

ފަހު ކުއާޓާގައި ރާއްޖޭން ވަނީ ކުރިއަށް ޖެހި ލަންކާ އަށް ޕްރެޝަރުކޮށްފަ އެވެ. އެކަމަކު ލިބުނު ފުރުސަތުތަކުގައި ލަންކާ އިން ވެސް ދިޔައީ ސްކޯކުރަމުންނެވެ. މި ކުއާޓާގައި ރާއްޖޭގެ އައިޝަތު އިނާޝާ އާއި ހައުމާ އުބައިދުﷲ މުހިއްމު ޕޮއިންޓްތަކެއް ހޯދައިދިނެވެ. އެކަމަކު ލަންކާ އިން ނެގި ބޮޑު ލީޑު ރާއްޖެ އަށް ކުޑަކުރެވޭ ގޮތެއްނުވި އެވެ.