ލައިފްސްޓައިލް

ފާދިރީން ބުނެގެން ހަ ފޫޓު ވަޅެއްގައި ވަޅުލެވިއްޖެ

ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ކުރިއަރައި ތަރައްގީ ވިޔަސް ބައެއް މީހުންގެ ވިސްނުން އަދިވެސް ތަރައްގީއެއް ނުވެ އެވެ. ހާއްސަކޮށް އިންޑިއާ ކަހަލަ ގައުމުތަކުގައި ފާދިރީންނާއި އެ ކަހަލަ މީހުންނަށް ހެދިގެން އުޅޭ މީހުންގެ ބަސް ގަބޫލުކުރާ މީހުން ގިނަ އެވެ.

އެ ގައުމުގެ އުއްތަރު ޕްރަދޭޝްގެ އުންނާއޯ ކިޔާ އަވަށެއްގައި ދިރިއުޅޭ މީހަކު ވެސް ދާދިފަހުން ވަނީ ފާދިރީންގެ ބަހަށް ހެއްލިގެން މޮޅުކަމެއް ކޮށްފަ އެވެ.

އުމުރުން 30 އަހަރުގެ މި ފިރިހެންމީހާ ކައިރީ ފާދިރީން ބުނީ ނަވްރާތުރީ (ހިންދޫން ފާހަގަކުރާ ހާއްސަ ދުވަސްތަކެއް)ގެ ކުރިއަށް އޮންނަ ދުވަހު ފުން ވަޅުގަނޑެއް ކޮނެގެން ވަޅުލެވިއްޖެނަމަ އޭނާއަށް މުއްސަނދިކަމާއި ކުރިއެރުން ލިބޭނެ ކަމަށެވެ.

ފާދިރީގެ މި ބަހަށް ހެއްލިގެން އެމީހާ ވަޅުގަނޑެއް ކޮނެ އެޔަށް އެރި އޮއްވާ އޭނާގެ އަވަށުގެ މީހުންނަށް އެކަން އެނގިގެން ފުލުހުންނަށް އެންގީ އެވެ. އަދި ފުލުހުން ގޮސް މި މީހާ މަރުނުވަނީސް ވަނީ ސަލާމަތްކޮށްފަ އެވެ.

ފުލުހުން މިމީހާ ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އެބަ ދެއެވެ. އެ ވީޑިއޯގައި ފެންނަނީ ކިލަޔާއި ހިރަފުހުން ތަތްތެޅިފައިވާ އެ މީހާ ވަޅުގަނޑުން ނަގަން ފުލުހުން މަސައްކަތް ކުރާ ތަނެވެ.

މިއީ ތާޖްޕޫރު އަވަށުގައި ދިރިއުޅޭ ޝުބަމް ގޯސްވާމީ ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން މިހާރު ވަނީ ޝުބަމް އާއި އޭނާއަށް މި ގޮތަށް ކަންތައް ކުރަން އިރުޝާދު ދިން ތިން ފާދިރީން ހައްޔަރުކޮށްފަ އެވެ.