ލައިފްސްޓައިލް

ޓިކެޓު ގަނެގެން އަސްލު ޖަލެއްގެ ތަޖުރިބާކޮށްލެވިދާނެ

އިންޑިއާ ބަލާލަންދާ ފަތުރުވެރިންނަށް އެ ގައުމުގެ އުތުރާކަންޑް އިން ވަރަށް ޔުނީކް ކަމެއް ތައާރަފްކޮށްފި އެވެ. އެއީ އެ ގައުމުގެ "އަސްލު ޖަލެއްގެ"ގެ ތަޖުރިބާ ހޯދުމެވެ.

މިފަދަ ތަޖުރިބާއެއް ކޮށްލަން ބޭނުންވާ މީހުންނަށް ކޮންމެ ރެއަކަށް 500 ރުޕީސްގެ ޓިކެޓެއް ގަންނަން ޖެހެ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ޓިކެޓް ވިއްކައިގެން ޖަލުގެ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބެނީ ހަލްދްވާނީ ޖަލުންނެވެ. މިއީ 1903 އިން ފެށިގެން މީހުން ބައިތިއްބާ ޖަލެކެވެ. މި ޖަލުގައި އެއްބައި މިހާރު ވަނީ ފަތުރުވެރިންނަށް ހާއްސަކޮށް ތިބެވޭނެ ގޮތަށް ތައްޔާރުކޮށްފަ އެވެ.

މިއީ ވަރަށް ކުރިއްސުރެ މީހުން ނުބައިތިއްބާ ފަޅަށް ހުރި ބައެކެވެ. ޖަލަށް ވަންނަން ޓިކެޓް ގަންނަ މީހުންނަށް ތިބެން ޖެހޭނީ މިތަން ތަނުގަ އެވެ.

ޖަލުގައި މި މީހުންނާ ހަވާލުވާ އިސް މީހާ ބުނި ގޮތުގައި މިތަނުން ހުރިހާ ވަގުތެއްގައި ވެސް ޖަލު ކޮއްތު ލިބޭނެ އެވެ. އަދި ޖަލުގެ ރަސްމީ ޔުނިފޯމް ވެސް ދޭނެ އެވެ.

ގިނަ ފަހަރަށް މި ކަހަލަ ޖަލުތަކަށް މީހުން އަންނަން ބޭނުންވަނީ ނުޖޫމީ އިލްމުވެރިންގެ ބަހަށް ހެއްލިގެންނެވެ. ކޮންމެވެސް ދުވަހަކުން އޭނާ ޖަލަށް ދާން ޖެހޭނެ ކަމަށް ބުނެފައި އޮތީމަ އެކަން ކޮށް އަވަހަށް އެކަމުން ސަލާމަތްވުމުގެ މަގުސަދުގަ އެވެ. ނުވަތަ ޖަލަށް ގޮސްގެން ނޫނީ ހާލަތު ރަނގަޅު ނުވާނެކަމަށް ލަފާ ދިނުމުން އެކަން އެގޮތަށް ކުރަން ވެގެންނެވެ.