ގަން އިންޓަނޭޝަނަލް އެއާޕޯޓް

ގަން އެއާޕޯޓް މަޝްރޫއު: ހަތް ކުންފުންޏަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު

ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއަށް ޝަރުތު ހަމަވާ ހަތް ކުންފުންޏެއް ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިމަހުގެ 25 ވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހަތް ކުންފުންޏަށް ވެސް އެ މަސައްކަތް ކޮށްދޭނެ އަގެއް އެނގޭ ގޮތަށް ބީލަން ހުށަހެޅުމަށް ފެށޭ ހަފްތާ ހުޅުވާލާނެ ކަމަށެވެ.

ބީލަން ހުށަހަޅަން ފުރުސަތު ދިން ކުންފުނިތަކުގެ ނަންތައް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

ޖީއައިއޭ ތަރައްގީ ކުރަން ނިންމާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނަކުން ކަމަށްވާތީ މިމަޝްރޫއުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރީ އިންޑިއާ ސަރުކާރުންނެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން އަހަރަކު 1.5 މިލިއަން ޕަސަންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

މިމަޝްރޫއުގެ ދަށުން ޒަމާނީ ހިދުމަތްތަކެއް ލިބޭ ގޮތަށް ޕެސެންޖާ ޓާމިނަލާއި، ފަޔާ ސްޓޭޝަން ހެދުމާއި، ކޮންޓްރޯލް ޓަވަރެއް ހެދުމާއި، އެއާޕޯޓުގެ މަގުތައް ހެދުމާއި، ކޯލްޑް ސްޓޯރޭޖެއް ހެދުމާއި، ޒަމާނީ ކާގޯ ވަސީލަތްތައް ގާއިމުކުރުމާއި އަދި ޕާކިން އަށް ހާއްސަ ސަރަހައްދެއް ވެސް ހަދާނެ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިދާނެ ކަމަކަށް މިހާރު ނުބެލެވެ އެވެ.

އިންޑިއާގެ އެހީތެރިކަމާ އެކު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށްވެސް މިހާރު ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްފަ އެވެ.