ރައްޔިތުންގެ މަޖިލިސް

ވަކާލާތުކުރުމުގެ ހުއްދަ އުމުރަށް ބާތިލްކުރަން ދެކޮޅު ހަދައިފި

Sep 29, 2022

ފަނޑިޔާރަކަށް ސުލޫކީ އަދަބެއް ދިނުމުގެ ގޮތުން މަގާމުން ވަކިކުރުމަށްފަހު މުޅި އުމުރަށް އެމީހަކަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ވަކީލު ކަމުގެ ހުއްދަ ބާތިލްކުރަން ފަނޑިޔާރުންގެ ޖަމިއްޔާ އިން ދެކޮޅު ހަދައިފި އެވެ.

ފަނޑިޔާރު ކަމުން ވަކިކުރާ ބޭފުޅުންނަށް އެ ބޭފުޅުން މަގާމުން ވަކިކުރުމާ އެކު ކޯޓުތަކުގައި ވަކާލާތު ކުރުމަށް މިވަގުތު ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯވެ އެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ފަނޑިޔާރަކު ކޮށްގެން ނުވާނެ އަމަލެއް ކޮށްގެން މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ހުށަހަޅައިފިނަމަ އެ ބޭފުޅަކަށް ލިބިފައިވާ ވަކީލުކަމުގެ ހުއްދަ އޮޓަމެޓިކުން ބާތިލްވާނެ ކަމަށެވެ.

ބޮޑެތި މައްސަލަތަކުގައި ފަނޑިޔާރު ކަމުން ވަކިކުރާ ބޭފުޅުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދުވަހަކު ވެސް ނުދެވޭނެ ކަމަށްވެސް އިސްލާހުގައިވެ އެވެ. އެކަމަކު ވަކި ކަހަލަ މައްސަލަަތަކެއްގައި މަގާމުން ވަކިކުރުމުން ފަސް އަހަރު ފަހުން ވަކާލަތު ކުރުމުގެ ހުއްދަ ލިބޭނެ ކަމަށްވެސް އިސްލާހުގައިވެ އެވެ. އެކަމަކު ހުއްދަ ލިބޭނީ އެކަމަށް އެދި ހުށަހެޅުމުންނެވެ.

މިއިސްލާހު ދިރާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފަނޑިޔާރުންގެ ޖަމިއްޔާގެ ބޭފުޅުން ހާޒިރުކޮށް އިސްލާހާ މެދު ދެކޭ ގޮތް އޮޅުންފިލުވާފައިވެ އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު މަގާމުން ވަކިކުރުމަށްފަހު ވަކާލާތު ކުރުމުގެ ހުއްދަ އުމުރަށް ބާތިލްކުރުމަކީ އެމަނިކުފާނު ތާއީދުކުރައްވާ ގޮތެއް ނޫން ކަމަށެވެ. ފަނޑިޔާރަކު މަގާމުން ވަކިކުރުމަކީ ވެސް އަދަބެއް ކަމަށާއި އެ ބޭފުޅަކަށް އިތުރު ފިޔަވަޅެއް އަޅާނަމަ އެކަން ކުރަންވާނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކަށް ހުށަހަޅައިގެން އެ އޮންނަ އުސޫލަކުން ކަމަށްވެސް ވިދާޅުވި އެވެ.

"ވަކީލުކަން ކުރުމުގެ ހުއްދަ ހިފަހެއްޓުން އެއީ ވަރަށް ބޮޑު އަދަބެއް. އެގޮތަށް އެކަން ކުރުމަކީ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް އަޅުގަނޑު ދެކެނީ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ކުރިން ބަންޑާރަނައިބް ކަންވެސް ކުރައްވާފައިވާ ސުއޫދު ވިދާޅުވީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ވަކީލެއްގެ ގޮތުގައި އެ ބޭފުޅަކު ކުރިން މަސައްކަތް ކުރެއްވި ކޯޓަށް ކުއްލިއަކަށް ވަޑައިގެން ވަކާލަތު ކުރެއްވުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންވެ އެފަދަ ބޭފުޅުން ކުރިން މަސައްކަތް ކުރެެއްވި ކޯޓުގައި ވަކި މުއްދަތެއްގެ ފަހުން ވަކާލާތު ކުރެއްވިދާނެ ފަދަ ގޮތަކަށް އުސޫލެއް ހެދިދާނެ ކަމަށް ވިދާޅުވެ ފެނިވަޑައިގަންނަވާ ހިޔާލުވެސް ސުއޫދު ހިއްސާކުރައްވާފައިވެ އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ޑްރަގު ކޯޓުގެ ގާޒީ އަދި ފަނޑިޔާރުންގެ ޖަމިއްޔާގެ މެންބަރު އާދަމް އާރިފް ވިދާޅުވީ ފަނޑިޔާރު ކަމުން ބޭފުޅަކު ވަކިކުރެއްވުމަށްފަހު ވަކާލާތު ނުކުރެއްވޭ ގޮތް ހެދުމަކީ އަދަބަކަށް ފަހު ދެވޭ އިތުރު އަނިޔާ އަކަަށް ވެދާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަނޑިޔާރަކު މަގާމާ ހަވާލުވުމާ އެކު ވަކާލާތު ކުރުމުގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑުވޭ. އެހެންވެ އަނެއްކާ މަގާމުން ވަކިކުރުމުންވެސް އެގޮތަށް އަމަލުކުރާނަމަ އެއީ އަނިޔާ،" އާދަމް ވިދާޅުވި އެވެ.

ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމުން ބައެއް ފަނޑިޔާރުން އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަ އެވެ. އިކްރާމު ހުށަހެޅުއްވި އިސްލާހުގައި ފަނޑިޔާރަކު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާ ހުށަހެޅުއްވި އިސްލާހުތަކުގައިވާ އުސޫލުތައް އެ ފަނޑިޔާރެއްގެ މައްޗަށް ހިނގާނެ ކަމަށްވެސް އިސްލާހުތަކުގައިވެ އެވެ.

ފަނޑިޔާރުންގެ ގޮތުގައި ފާހަގަކުރެވުނު ނުފޫޒުގަދަ އެތައް ބޭފުޅަކު ޖޭއެސްސީން ވަނީ މަގާމުން ވަކިކޮށްފައިވެ އެވެ. އެފަދަ ބައެއް ބޭފުޅުންގެ މައްސަލަތައް ޖޭއެސްސީން ބަލަން ފެށުމުން އަމިއްލަފުޅަށް ބައެއް ބޭފުޅުން އިސްތިއުފާ ދެއްވިއިރު ބައެއް ބޭފުޅުން މަގާމުން ވަކިކުރީ ޖޭއެސްސީން ހުށަހެޅުމުން މަޖިލީހުންނެވެ.