އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބާޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް އޮކްޓޯބަރު 14 ވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފަ އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތާ އެކު ޖަމާލުއްދީން ސްކޫލަށް ޖާގަ އިތުރުކުރުމަށް ހަދަން ނިންމާފައިވާ އިމާރާތް ވެސް ހެދުމަށް މިއަދު ހަވާލުކުރީ އަމީން އަށެވެ.
މި ދެ އިމާރާތުގެ މަސައްކަތް ނިންމަން އަމީންއަށް ދީފައިވަނީ 420 ދުވަހެވެ. ދައުލަތުގެ ބަޖެޓުން މި ދެ އިމާރާތް އެޅުމަށް 168 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުމުން ޖަމާލުއްދީން ސްކޫލާއި އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިަކަމަށް ހައްލު ލިބޭނެ ކަމަށެވެ. އަދި ޖަމާލުއްދީން ސްކޫލު އެއްދަންފަޅިއަށް ބަދަލުކުރެވިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މިހާރު ކިޔަވަމުންދަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތުގަ އެވެ.
ވަގުތީ އިމާރާތެއްގައި އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުން ދަނީ ޗާންދަނީ މަގުގައި އަރަބިއްޔާ ސުކޫލް ހިންގި އިމާރާތުގައި ތިބުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެ އިމާރާތުގެ ދިރާސާ ހެދި ޓީމުން ބުނުމާ ގުޅިގެންނެވެ.