އިންޑިއާ އިން އެއްބަސް ނުވާ ގޮތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އެއްވެސް ސިޔާސަތެއް ތަންފީޒު ނުކުރެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ދ. ކުޑަހުވާދޫގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ރައީސް ސޯލިހުގެ އިތުރަށް އިންޑިއާ އަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ރައީސް ޔާމީން މިރޭ އިންޑިއާ އަށް ފާޑުވިދާޅުވެފައި މިވަނީ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް"ގެ ހަރަކާތްތައް މަޑުޖައްސާލާފައި ވަނިކޮށެވެ.
ރައީސް ޔާމީން ވިދާޅުވީ އިސްލާމް ދީނާއި ގައުމިއްޔަތާއި ބޮޑުތަކުރުފާނުގެ ވާހަކަ އަކީ ރައީސް ސޯލިހްގެ ސަރުކާރަށް ދެއްކޭނެ ވާހަކަތެއް ނޫން ކަމަށެވެ. މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ވަރަށް ބޮޑުވެފައިވާ ކަމަށާއި ދިވެހިން ތިބީ އިންޑިއާ މީހުން ކައިރީގައި ނާށިގަނޑު ހިފައިގެން ކަމުގައިވެސް ވިދާޅުވި އެވެ.
"[އިންޑިއާ] ނޫނެކޭ ބުނާ ދިމާލަށް ބަލާލުމުގެ އެއްވެސް ހުއްދައެއްވެސް އަޅުގަނޑުމެންނަކަށް ނޯވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ޔާމީން މިރޭވެސް ވިދާޅުވި އެވެ. އެކަމަކު އެ މީހުން ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލައި އެކަމާ ދެކޮޅަށް އަޑުއުުފުލަނީ ހަމައެކަނި ޕީޕީއެމުން ކަމުގައި ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ގަރާރަކުން އިދިކޮޅުގެ އަޑު ކަނޑުވާ ނުލެވޭނެ ކަމުގައިވެސް ވިދާޅުވީ އެވެ،
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި މިއަދު އެންމެ ބާރުގަދައީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ކަމަށާއި އެކަމުގައި ކަންބޮޑުވެގެން ވާހަކަދައްކާ ހަމައެކަނި ބަޔަކީ އިދިކޮޅު ކޯލިޝަން ކަމަށެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންގެ ތެރޭގައި އިންޑިއާ ސިފައިންގެ ވާހަކަ ވިދާޅުވާނެ ބޭފުޅަކު ނުހުންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު އޮންނާނީ ކޮންމެ އަހަރަކަށް ހަތަރު ބިލިއަން ރުފިޔާގެ ދަރަނި ކަމަށެވެ. ނަމަވެސް ރައީސް ސޯލިހް ވެރިކަމުގައި އަހަރަކަށް 10 ބިލިއަން ޑޮލަރު މިހާރުވެސް އެބައޮތް ކަމުގައި ވިދާޅުވި އެވެ. އޭގެފަހުގައި އެމަނިކުފާނު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވާދަކުރައްވާނީ މިއަދުގެ ސަރުކާރާ ނޫން ކަމަށެވެ. ނަމަވެސް އެ އިންތިހާބަކީ އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަމާ މެދު ގޮތް ނިންމާނެ ވޯޓެއް ކަމުގައި ވިދާޅުވި އެވެ.