ފޯކްލިފްޓެއް ގައިމައްޗަށް ވެއްޓި ހިނގި އެކްސިޑެންޓެއްގައި ދެ ބުރިވީ ޒުވާން ފިރިހެން މީހާ އަށް މިހާރު ވަރަށް އާދަޔާޚިލާފު ތަދެއް އިހްސާސް ކުރެވޭތީ ވަރަށް ވޭނުގައި އުޅެން ވަނީ ޖެހިފަ އެވެ.
އެއީ 'ފެންޓަމް ޕެއިން' ކިޔާ ވޭނެކެވެ. މިއީ ފޯކްލިފްޓް ދަށުވި އެކްސިޑެންޓްގައި އޭނާގެ ހަލާކުވެ ނެތި ގޮސްފައިވާ ގުނަވަންތަކުގައި ރިހޭ ރިހުމެވެ. މި ގުނަވަންތައް އޭނާގެ ހަށިގަނޑުގައި ފެންނަން ނެތަސް ފެންނަން ހުރި ގުނަވަނެއްގައި ރިހޭ ގޮތަށް އޭނަގެ އެ ގުނަވަންތަކުގައި ރިހެ އެވެ.
ލޯރެން ޝޫއާޒް އަށް މިހާރު 21 އަހަރެވެ. މީގެ ތިން އަހަރު ކުރިން ބްރިޖެއް މަތީގައިވާ ބިލްޑިން ސައިޓެއްގައި ލޯރެން ފޯކްލިފްޓެއްގައި އިނދެގެން މަސައްކަތެއް ކުރަމުން ދަނިކޮށް ފޯކްލިފްޓް އަރިއަޅާލައިގެން 50 ފޫޓު ތިރިއަށް ވެއްޓުނީ އެވެ. ފޯކްލިފްޓާއެކު ލޯރެން ވެއްޓުނުއިރު އެ ފޯކްލިފްޓަށް ވުރެ ކުރިން ބިންމަތީގައި ޖެހުނީ ލޯރެން އެވެ. ފޯކްލިފްޓް ވެއްޓުނީ އޭނާގެ ގައި މައްޗަށެވެ.
މި ހާދިސާގައި ލޯރެންގެ އުނަގަނޑުން ތިރިން އެއްކޮށް ޗިސްޗިސްވި އެވެ. އަދި އޭނާގެ ފުރާނަ ސަލާމަތް ކުރެވޭނެ އެހެން އެއްވެސް ގޮތެއް ނެތިގެން ޑޮކްޓަރުންނަށް ޖެހުނީ ލޯރެންގެ އުނަގަނޑުން ތިރި ބުރިކޮށްލާށެވެ.
މި އެކްސިޑެންޓްގައި ލޯރެންގެ ދެ ފަޔާއި އެއް އަތް ޗިސްވެ ނެތި ގޮސްފައި ވިޔަސް އެ ގުނަވަންތަކުގައި ރިހޭ ކަމުގެ އިހްސާސް ލޯރެން އަށް ކުރެވެ އެވެ. އަދި މިއީ މިހާރު އޭނާއަށް ތަހައްމަލުކުރަން ޖެހިފައިވާ އެންމެ ބޮޑު ވޭނެވެ.
ލޯރެންގެ ޔޫޓިއުބު ޗެނަލްގައި އޭނާ ގެންދަނީ އެކްސިޑެންޓަށްފަހު މި ފާއިތުވީ ތިން އަހަރު ތެރޭގައި އޭނާގެ ހާލަތަށް އަންނަމުންދާ ބަދަލުތައް ވީޑިއޯގެ ޒަރިއްޔާއިން މީހުންނާ ހިއްސާ ކުރަމުންނެވެ. އަދި "ފެންޓަމް ޕެއިން" ނުވަތަ ނެތް ގުނަވަންތަކުގައި ރިހޭ ރިހުމުގެ ސަބަބުން އޭނާ އުޅެންޖެހިފައިވާ ހާލުގެ ވާހަކަ ލޯރެން ބަޔާންކޮށްފައިވަނީ އެންމެ ފަހުން ޝެއާކުރި ވީޑީއޯގަ އެވެ.
ލޯރެންގެ އަންހެނުން ސާބިއާ ރީޗީ، 23، ބުނި ގޮތުގައި މިހާރު ލޯރެންގެ ތަދު ކަނޑުވަން ޖެހެނީ ވަރަށް ބާރުގަދަ ނާކޮޓީކްސް ދީގެންނެވެ. ނަމަވެސް މިފަދަ ބޭހުން ލޯރެންގެ އެތެރެހަށީގެ ގުނަވަންތައް ހަލާކުވާތީ ވީވަރަކުން ބޭސް ނުކައިވޭތޯ ވެސް ބަލަން ޖެހެ އެވެ.