ދުނިޔެ

ރަޝިއާ، ޔުކްރޭން ސުލްހަކުރަން މެދުވެރިއަކަށް ވެވިދާނެ: ޓްރަމްޕް

ރަޝިއާ، ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަބަދުވެސް ވިދާޅުވާ ވާހަކައެއް އޮވެ އެވެ. އެމެރިކާގެ ވެރިކަމުގައި އޭނާ ހުންނެވި ނަމަ ޔުކްރޭން ހަނގުރާމަ ނުފަށާނެ ވާހަކަ އެވެ.

ޓްވިޓާގެ ބަދަލުގައި ޓްރަމްޕް ބޭނުންކުރައްވާ ސޯޝަލް މީޑިއާ ނެޓްވޯކް -- ޓްރުތު ސޯޝަލްއަށް ނުކުމެވަޑައިގެން އޭނާ ވިދާޅުވީ ނޯޑް ސްޓްރީމް އެކަކާއި ނޯޑް ސްޓްރީމް ދޭކަށް އެއީ ބަޔަކު ގަސްދުގައި ދިން ހަމަލާއެއް ކަމަށެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތަކަށް ދިން ހަމަލާގެ ސަބަބުން ޔުކްރޭން ހަނގުރާމާ އިތުރަށް ގޯސްވެދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ބޭނުންވަނީ އަމަލު ގިނަކުރުމެވެ. ސްމާޓްވުމެވެ. އަދި މަޝްވަރާ ކުރުމެވެ.

ޔުކްރޭން ހަނގުރާމައާ ހެދި މުޅި ދުނިޔެ ހާލުގައި ޖެހިފައި އޮތްއިރު، ރަޝިއާ، ޔުކްރޭން ހަނގުރާމައަށް އަވަސް ހައްލެއް -- ނިމުމެއް ގެންނަށް އެ ދެ ގައުމުން ވެސް ބޭނުންވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"އަޅުގަނޑަށް މިޖެހުނީ މަޝްވަރާއަށް ނުކުންނަން" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް މީގެ ކުރިން ވެސް ރަޝިއާ، ޔުކްރޭން ސުލްހަވުމަށް ގޮވާލެއްވި އެވެ. އޭރު ވިދާޅުވީ ދެ ގައުމުގެ ވެރިން ލަސްނުކުރައްވައި މަޝްވަރާކުރައްވަންވީ ކަމަށެވެ.

"މަޝްވަރާކުރުން ލަސްކުރާނެ ކަމެއް ނެތް،" ޓްރަމްޕް ވިދާޅުވި އެވެ. "ލަސްކުރަން ހަދައިގެން ދެން ފެންނާނީ އެންމެން މަރުވެފައި ތިއްބައި"

ޓްރަމްގެ ބަސްމަގު މިގޮތަށް ހުރި ނަމަވެސް ހުޅަނގަށް ފޫޅުކަނޑާފައި ތިބި ވެރިން ޔުކްރޭނަށް ދޭ ނަސޭހަތަކީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ރަޝިއާ ބަލިކުރުމެވެ.

ރަޝިއާ ބަލިވަންދެން ހަނގުރާމަ ކުރުމަށާއި ރަޝިއާ ބަލިވެ ކުޑަކަކޫ މައްޗަށް ތިރިވާތަން ދެކެން ބޭނުންވާ ކަމަށް ބުނެ ހުޅަނގުން އޮތީ ޔުކްރޭނަށް ވިސްނައިދީފަ އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އޭޕްރީލް 25 ގައި ވިދާޅުވި ގޮތުގައި އެމެރިކާ އެދޭ ގޮތަކީ ރަޝިއާގެ ބާރުކަނޑުވާލައި ބަލިކަށި ކޮށްލުމެވެ. އޭނާ އަދި ވިދާޅުވީ ޔުކްރޭން ހަނގުރާމަ ނިމޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށެވެ.

ޓްރަމްޕް އަކީ ވެސް ދެއިރު ދެގޮތަށް ވާހަކަދައްކަވާ ބޭފުޅެކެވެ. ބައެއް ފަހަރު ރަޝިއާ އާއި ޔުކްރޭން ސުލްހަވުމަށް ގޮވާލައްވާނެ އެވެ. ބައެއް ފަހަރު ބާރުގަދަ ހަތިޔާރު ޔުކްރޭނަށް ފޮނުވައި ރަޝިއާއަށް ބިރުދައްކަން އެދިވަޑައިގަންނަވަ އެވެ.

މިއަހަރު ކުރީކޮޅު ޔުކްރޭން ހަނގުރާމަ ފެށުނުތަނާހެން ފޮކްްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ރަޝިއާއަށް ޕްރެޝަރުކުރަން އެމެރިކާގެ ނިއުކްލިއާ ސަބްމެރީންތައް އެ ސަރަހައްދަށް -- ކަޅުކަނޑަށް ފޮނުވަންވީ ކަމަށެެވެ.