ދުނިޔެ

ޓްރަމްޕް ހޮވިއްޖެނަމަ އެޖެންޑާގެ އެންމެ ކުރީގައި ޔުކްރޭން ސުލްހަކުރުން

އެމެރިކާގައި އަންނަ ނޮވެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބު -- އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބުވެއްޖެ ނަމަ، އެޖެންޑާގެ އެންމެ ކުރީގައި ޔުކްރޭން ސުލްހަކުރުން އޮންނާނެ ކަމަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްތަރު އޯބަން ވިދާޅުވެއްޖެ އެވެ.

ޑޮނަލްޑް ޓްރަމަޕާއި ވިކްޓަރު އޯބަން މިދާކަށް ދުވަހު އެމެރިކާގެ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ރިސޯޓް ގަނޑުވަރު -- މާރަލާގޯގައި ބައްދަލުކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދުނިޔޭގެ މަސްރަހު ނިއުޅިގެން ދާ ގޮތާ މެދު ދެ ލީޑަރުން މަޝްވަރާކުރެއްވި އެވެ.

ދުނިޔެއަށް ކަންބޮޑުވެފައި ހުރި މައުލޫތަކަށް އަލިއަޅުވާލައްވައި ދިގުކޮށް މަޝްވަރާކުރެއްވި ކަމަށް -- މި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ހަންގޭރީގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

ޓްރަމްޕާ ހަވާލާދެއްވައި އޯބަން ވިދާޅުވީ ރަޝިއާ، ޔުކްރޭން ސުލްހަކުރަން މި ދެ ގައުމުގެ ލީޑަރުންނާ މަޝްވަރާކުރައްވާނެ ކަމަށެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަދި ޔުކްރޭންގެ އިންތިގާލީ ރައީސް ޒެލެންސްކީ އަކީ ވެސް އޭނާއަށް ގާތްކަން އޮންނަ ދެ ލީޑަރުން ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށް އޯބަން ވިދާޅުވި އެވެ.

ރަޝިއާ، ޔުކްރޭން ސުލްހަކުރުމަށް ހަންގޭރީން އިސްނަގައިގެން ފަށާފައި އޮތް އޮޕަރޭޝަންގައި ބޮޑުވަޒީރުގެ ހައިސިއްޔަތުން ވިކްތަރު އޯބަން ވަނީ ޔުކްރޭނަށް ވަޑައިގެންފަ އެވެ. އެއަށްފަހު ރަޝިއާއަށް އަދި ޗައިނާއަށް ވެސް އޭނާ ވަޑައިގެންނެވި އެވެ.

ރަޝިއާއަށް ވަޑައިގެން ޔުކްރޭން މައްސަލައަށް އަލިއަޅުވާލެއްވި ނަމަވެސް އޯބަން ވިދާޅުވި ގޮތުގައި އެންމެ ދިގުކޮށް ވާހަކަދެއްކެވީ ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުންނެވެ.

ޗައިނާއަށް ވަޑައިގެން ދުނިޔެ ސުލްހަކުރަން މަޝްވަރާކުރެއްވި ކަމަށްވެސް އޯބަން ވިދާޅުވި އެވެ.

މި ދަތުރުތަކަށްފަހު އެމެރިކާއަށް ވަޑައިގެން ޓްރަމްޕާ ބައްދަލުކުރައްވައި ވިކްޓަރު އޯބަން ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ތާއީދުކުރައްވާކަން އިއުލާންކުރައްވާފަ އެވެ.

ޔޫރަޕްގެ ލީޑަރުންގެ ތެރެއިން ޓްރަމްޕަށް ތާއީދުކުރައްވައި އެންމެ ފުރަތަމަ ވާހަކަދެއްކެވި ލީޑަރަކީވެސް އޯބަން އެވެ.

އޯބަން ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސްގެ މަގާމަށް ޖޯ ބައިޑަން އަށް ވުރެ ޓްރަމްޕް މާބޮޑަށްވެސް ގާބިލެވެ. އެމެރިކާ ކަހަލަ ގައުމެއް ގޮވައިގެން ދުނިޔޭގެ ހޫނުގައި ނެގެހެއްޓޭނީ ޓްރަމްޕް ކަހަލަ ލީޑަރަކަށް ކަމަށްވެސް އޯބަން ވިދާޅުވި އެވެ.