ދުނިޔެ

ޔުކްރޭން ސުލްހައިގެ މަސައްކަތްތަކުގައި އުރުދުޣާންގެ އެހީތެރިކަމަށް އޯބަން އެދިވަޑައިގެންފި

ރަޝިއާ އާއި ޔުކްރޭން ސުލްހަކުރުމަށް ހަންގޭރިން ކުރާ މަސައްކަތްތަކުގައި އެހީތެރިވެ ދެއްވުމަށް އެ ގައުމުގެ ބޮޑުވަޒީރު ވިކްތަރު އޯބަން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ވިކްތަރު އޯބަން ވިދާޅުވި ގޮތުގައި ސުލްހައަށް ލޯބިކުރާ ބަޔަކު ކުރާ މަސައްކަތްތަކުން ކުރިއެރުން އަވަސްވާނެ އެވެ. ތުރުކީ އަކީ ފެށުނީއްސުރެ ޔުކްރޭން ސުލްހަކުރުމަށް ބުރަ މަސައްކަތްތަކެއް ކުރާ ގައުމެއް ކަމަށް ހަންގޭރީގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

ވިކްތަރު އޯބަން އާއި އުރުދުޣާންވެސް މިހާރު އުޅުއްވަނީ އެމެރިކާގެ ވޮޝިންގްޓަންގަ އެެވެ. އެއީ ޖުލައި 9-11 އަށް ވޮޝިންގްޓަންގައި އޮންނަ ނޭޓޯ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ނޭޓޯ ސަމިޓްގެ ހަވާސާގައި އޯބަން އާއި އުރުދުޣާން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ޔުކްރޭންގެ ސުލްހައިގެ ވާހަކަތައް ވެސް ހިމެނުއްވީ އެވެ.

ޔުކްރޭންގެ ސުލްހައިގެ ވާހަކަތަކަށް އޯބަން ވަނީ ޔުކްރޭނަށް ވަޑައިގެން އެ ގައުމުގެ އިންތިގާލީ ރައީސް ޒެލެންސްކީއާވެސް ބައްދަލުކުރައްވާފަ އެވެ. އަދި ރަޝިއާއަށް ވަޑައިގެން ރައީސް ލަޑިމިއާ ޕޫޓިންއާވެސް އޭނާ ބައްދަލުކުރެއްވި އެވެ.

އެއަށްފަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި ޔުކްރޭން ސުލްހައިގެ މަޝްވަރާތައް ކުރެއްވި އެވެ.

ޔުކްރޭންގެ ސުލްހައިގެ މަޝްވަރާތަކަށް އޯބަން ރަޝިއާއަށް ވަޑައިގަތުމުން ޔޫރަޕްގެ ގައުމުތަކުން ވަނީ ބޮޑުވަޒީރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެއީ ހުޅަނގުން ދެކޭ ގޮތުގައި ޔުކްރޭނުން ކުރި ކަމަކާ ނުލައި ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ މުޅި ތަން ސުންނާފަތިކޮށްފައި ވާތީ އެވެ.

އެމެރިކާ އާއި ޔޫރަޕްގެ ގިނަ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި ރަޝިއާގެ ވެރިންނަކީ ހަނގުރާމައިގެ ކުށްވެރިންނެވެ. އެ މީހުންނާ މެދު ޝަރީއަތްކޮށް ދިގު މުއްދަތަކަށް ޖަލަށް ލުމަކީވެސް ހުޅަނގުން ދެކޭ ހުވަފެނެކެވެ.