ކުޅިވަރު

މެގުއާ އަށް އަދިވެސް އިތުބާރު ކުރަން: ޓެން ހާގް

ކިތަންމެ ވަރަކަށް ފާޑުކިއުން އަމާޒުވިޔަސް ހެރީ މެގުއާ އަށް އަދިވެސް އިތުބާރު ކުރަން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރު، މެންޗެސްޓާ ޔުނައިޓެޑާ އިންގްލެންޑުގައި ދައްކާ ކުޅުމަށް އަމިއްލަ ސަޕޯޓަރުން އަންނަނީ ފާޑުކިޔަމުންނެވެ. މެގުއާ އަށް އެންމެ ފަހުން ފާޑުކިޔުން އަމާޒުވީ މިދިޔަ ހޯމަ ދުވަހު ކުޅުނު ޖަރުމަނާ ދެކޮޅަށް ކުޅެ އިންގްލެންޑް 3-3 އިން އެއްވަރުވި މެޗުގައި ޖަރުމަނަށް ޕެނަލްޓީ އެއް ދިނުމުންނެވެ.

"އަހަރެން މިހުރީ މެގުއާއާ އެކު. އަހަރެން މެގުއާ އަށް އިތުބާރުކުރަން. މެގުއާ އަށް ހާލަތު ބަދަލުކޮށްލެވޭނެ. އަހަރެން މިހުރީ އެގޮތަށް ގަބޫލުކޮށްގެން" މެގުއާ އަށް އަމާޒުވާ ފާޑުކިޔުންތަކާ ގުޅިގެން ޓެން ހާގަށް ކުރި ސުވާލަކަށް ޖަވާބުދެމުން ބުންޏެވެ.

ޔުނައިޓެޑްގެ ކެޕްޓަންކަން ކުރަމުން އަންނަ މެގުއާ އަށް މިހާރު ވަނީ ޓެން ހާގްގެ ފުރަތަމަ އެގާރައިން ޖާގަ ގެއްލިފަ އެވެ.

ޔުނައިޓެޑްގެ ޑިފެންސުން މިހާރު ފުރުސަތު ލިބެނީ ލިސަންދްރޯ މާޓީނޭޒް އާއި ރަފައެލް ވެރާން އަށެވެ. މި ދެކުޅުންތެރިންނާ އެކު ޔުނައިޓެޑުން މިދިޔަ މެޗުގައި ނަތީޖާ ރަނގަޅެވެ. މިދިޔަ ހަފްތާތަކުގައި މެގުއާ އަށް ފުރުސަތު ނުދޭއިރު އޭނާގެ ބަދަލުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ބްރޫނޯ ފެނާންޑޭސް އެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި މެގުއާ އަދި ކުޅެފައިވަނީ ތިން މެޗުގަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ޔުނައިޓްޑް މޮޅުވިއިރު މެގުއާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެއްނުވެ އެވެ.

"ޓީމުން ފުރުސަތު ގެއްލުނަސް މެގުއާ ބަރާބަރަށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ. މެގުއާގެ ކޮލިޓީ އެބަހުރި. އިންގްލެންޑަށް 50 އާ ގާތްކުރާ އަދަދަކަށް މެޗު ކުޅެ ލެސްޓާ އާއި ޔުނައިޓެޑްގައި ވެސް މެގުއާގެ ކުޅުން ރަނގަޅު" މެގުއާގެ ދިފާއުގައި ވާހަކަދައްކަމުން ޓެން ހާގް ބުންޏެވެ.

ލެސްޓާ ދޫކޮށް އެންމެ އަގުބޮޑު ޑިފެންޑަރުގެ ޓެގްގައި 80 މިލިއަން ޕައުންޑަށް މެގުއާ ޔުނައިޓެޑަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ.

ބައިނަލްއަގްވާމީ ބްރޭކަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މި ހަފްތާ އަލުން ފަށާއިރު އާދީއްތަ ދުވަހު ޔުނައިޓެޑް ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ލީގުގައި ފަހަކަށް އައިސް ރަނގަޅުވި ފޯމާ އެކު މިދިޔަ މަހު ޕްރިމިއާ ލީގުން ހޮވި އެންމެ މޮޅު ކޯޗުގެ މަގާމް ޓެން ހާގަށް ލިބުނުއިރު އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާކަސް ރަޝްފާޑެވެ.

ލީގުގެ ފުރަތަމަ ހަތް މެޗުން ލިބުނު 17 ޕޮއިންޓާ އެކި ސިޓީ އޮތީ ދެ ވަނައިގަ އެވެ. ހަ މެޗުން 12 ޕޮއިންޓް ހޯދައި ޔުނައިޓެޑް އޮތީ ފަސް ވަނައިގަ އެވެ.