ރަޝިޔާ

ޔުކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިއާއަށް އިތުރުކޮށްފި

ޔުކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިއާއާ ގުޅުވާލައި އެއީ ރަޝިއާގެ ހަތަރު ސަރަހައްދު ކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިން އިން ބަލައިގެންފި އެވެ.

އަދި އެ ސަރަހައްދު ތަކުގައި ރަޝިއާގެ ގާނޫނު ހިނގާ ގޮތަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ރިޔާސީ ގަރާރަކުން ނިންމަވައި ފާސްކޮށްފި އެވެ.

ޔުކްރޭންގެ ދޮނެސްކް، ލުހާންސްކް، ޚަރުސޮން އަދި ޒަޕޮރީއްޒިޔާގެ ރައްޔިތުން ޔުކްރޭނުން ވަކިވެ ރަޝިއާއާ ގުޅެން އެދޭތޯ ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓުން ރަޝިއާއާ ގުޅެން ބޭނުންވާ ކަމަށް އެ ސަރަހައްދުތަކުން ވަނީ ނިންމާފަ އެވެ.

ކްރެމްލިންގައި އޮތް ހަފުލާއެއްގައި ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވި ގޮތުގައި އާންމު ރައްޔިތުންނަށް ފެންނަ ގޮތް ބަޔާންވުމުން އެކަމާ ދެކޮޅު ހެދޭނެ ގޮތެއް އެކަކަށް ވެސް ނުދެއްކޭނެ އެވެ.

ޕޫޓިން ވިދާޅުވީ ޔުކްރޭނުން ވަކިވެ ރަޝިއާއާ ގުޅެން އެދުމަކީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންގެ ނިންމުމެއް ކަމަށާއި ރަޝިއާއަށް ވެސް އެކަމާ އިންކާރު ނުކުރެވޭނެ ކަމަށެވެ.

އެ ހަތަރު ސަރަހައްދުގައި ދިރިއުޅޭ އާންމުންނަކީ މިހާރު ރަޝިއާ ރައްޔިތުން ކަމަށް ޕޫޓިން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޔުކްރޭނާ އެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުވި ނަމަވެސް ވޯޓުގެ ނަތީޖާ ދެން ބަދަލު ނުވާނެ ކަމަށެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި އެއިން ސަރަހައްދަކަށް ހަމަލާއެއް ދީފިނަމަ، ހަމަލާ އެ ދެވުނީ ސީދާ ރަޝިއާ އަށެވެ. އޭނާ އަދި ވިދާޅުވީ ބަދަލުހިފުމުގެ ރޫހުގައި ރައްދު ހަމަލާ ދެވޭނެ ކަމަށެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތަކަށް ދިން ހަމަލާއާ ބެހޭ ގޮތުން ޕޫޓިން ވިދާޅުވީ ހުޅަނގުން އެދެނީ އެ މީހުންގެ އަމިއްލަ ހަލާކަށް ކަމަށެވެ.

ރަޝިއާއާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުންތަކުން ހުޅަނގުން އެދުނު ނަތީޖާ ނުނިކުތް ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ. ގޭސް ހޮޅިތަކަށް ހަމާދީ މަގުބަންދު ކުރުން ނޫން ގޮތެއް އެ މީހުންނަށް ނުވިސްނުނީ ކަމަށް ވެސް ވިދާޅުވި އެވެ.