ރާއްޖެ ކުޅިވަރު

ދަގަނޑޭ "ޖާދޫ" ފެނިގެންދާނެ ކަމަށް އުންމީދުކުރަން: ޕީޑީއާރްއެމް

ޕީޕަލްސް ކަޕްގައި ވާދަކުރާ މެލޭޝިއާގެ ޕީޑީއާރްއެމް މުބާރާތަށް ކުރަމުންދާ އުންމީދުތައް ގުޅިފައިވަނީ އެ ޓީމަށް ކުޅެމުންދާ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)އާ ކަމަށާއި މި މުބާރާތުގައި ދަގަނޑޭގެ "ޖާދޫ" ފެނިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ޕީޑީއާރްއެމް އިން ބުނެފި އެވެ.

މުބާރާތުގައި ވާދަކުުރުމުގެ ގޮތުން ޕީޑީއާރްއެމްގެ ޓީމު ވަނީ މިރޭ މާލެ އައިސްފަ އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މީޑިއާއާ ވާހަކަދައްކަމުން ޕީޑީއާރްއެމްގެ އެސިސްޓަންޓް ކޯޗު އަޒްމާން އަދުނާން ބުނީ ދަގަނޑޭގެ ތަފާތު މުބާރާތުގައި ފެނިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އަހަރެމެންގެ އުންމީދުތައް ގުޅިފައިވަނީ ދަގަނޑޭއާ. ދަގަނޑޭ އަކީ އަހަރެމެންނަށް ވަރަށް މުހިންމު ކުޅުންތެރިއެއް. ދަގަނޑޭގެ ޖާދޫ މި މުބާރާތުގައި ފެނިގެންދާނެ ކަމަށް އުންމީދުކުރަން،" އަޒްމާން ބުންޏެވެ.

މިދިޔަ އަހަރު މެލޭޝިއާގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ޕީޑީއާރްއެމް މެލޭޝިއާގެ ފުރަތަމަ ޑިވިޝަން ޕްރޮމޯޓްކޮށްދިނުމުގައި ދަގަނޑޭ މުހިންމު ރޯލެއް އަދާކުރި އެވެ. މީގެ އިތުރުން މެލެޝިއާގެ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލާއި މެލޭޝިއާ ކަޕްގެ ސެމީ ފައިނަލާ ހަމައަށް ޕީޑީއާރްއެމް ގެންގޮސްދިނުމުގައި ދަގަނޑޭ ހިއްސާބޮޑެވެ. މިދިޔަ ސީޒަންގައި ޕީޑީއާރްއެމް އަށް 22 ލަނޑު ޖަހައިދިން ދަގަނޑޭ ވަނީ ޕީޑީއާރްއެމްގެ ކޮންޓުރެކްޓް ދެ އަހަރަށް އާކޮށްފަ އެވެ. މިދިޔަ ސީޒަންގައި ޕީޑީއާރްއެމްގައި ދަގަނޑޭ ދެއްްްކި މޮޅު ކުޅުމާއެކު، އޭނާ އަށް ވަނީ މެލޭޝިއާގެ ފުޓްބޯލް އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމު މި އަހަރު ލިބިފަ އެވެ.

މި މުބާރާތުގައި ޕީޑީއާރްއެމް ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ އެ ޓީމާ ދެކޮޅަށް ނުކުންނާނީ ދަގަނޑޭގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ މާޒިޔާ އާއި ސިންގަޕޫރުުގެ ސިންގަޕޯ ލަޔަންސް އެވެ.

ކުރިއަށް އޮތް މެލޭޝިއާގެ ފުޓްބޯޅަ ސީޒަނަށް ތައްުޔާރުވަމުންދާ ޕީޑީއާރްއެމް އަށް މި މުބާރާތުން ރަނގަޅު މެޗުތަކެއް ލިބޭނެ ކަމަަށް އަޒްމާން ބުންޏެެވެ.

"މާޒިޔާ އާއި ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމުތައް. އަދި ލަޔަންސް އަކީ ވެސް ވަރުގަދަ ޓީމެއް. ރަނގަޅު މުބާރާތަކަށް ވާނެ ކަމަށް އުންމީދުކުރަން،" އަޒްމާން ބުންޏެވެ.

މެލޭޝިއާ ލީގުގައި ޕީޑީއާރްއެމް ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމާ ދެކޮޅަށް ނުުކުންނާނީ ޕީޕަލްސް ކަޕްގައި ވެސް އެ ޓީމާ ވާދަކުރާ ލަޔަންސް އެވެ.

"ލަޔަންސްއާ ކުޅެން ޖެހުމަކީ އެޑްވާންޓޭޖެއް ކަމަށް ގަބޫލްކުރަނީ. ލީގުގެ ފުރަތަމަ މެޗުގެ ކުރިން އަހަރެމެންގެ ޓީމު ޓެސްޓްކޮށްލެވޭނެ މި މުބާރާތުން،" އަޒްމާން ބުންޏެވެ.