ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އޮތް ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.
މި ބިލު ރައީސް އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އޮތް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު "ގައުމީ ސަލާމަތު"ގެ ލަފްޒު ހިމަނައިގެން ގާނޫނު އިސްލާހު ކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދެކޮޅު ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ. އެ ކަންބޮޑުވުމަށް ބަންޑާރަނައިބް އޮފީހުން ފަހުން އަމަލުކުރި ގޮތެއް ސާފުވެފައެއް ނުވެ އެވެ.
އޭޖީ އޮފީހުން ހާމަކުރި ގޮތުގައި ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
ނޫސްވެރިން ކަންބޮޑުވުން އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް ބަޔާންކުރާތީ އެވެ. އެ ހާލަތްތައް އިތުރަށް ސާފުވާނެ ގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހެޅުމަށް ނިންމާފައިވާކަން އޭޖީ އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އެގޮތުން ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައް ކަމަށް ކަނޑައެޅުން ހިމެނެ އެވެ.
ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ގާނޫނުގައި ކަނޑައެޅުންވެސް ހިމެނެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށާއި، އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.