އިންޑިއާ

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރައީސްގެ އަރިހަަށް

Oct 2, 2022

ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ކުރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހް ވަނީ މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ. ޑިޕްލޮމަސީގެ ދާއިރާއިން ފޮރިން ސެކްރެޓަރީ ކުރައްވާފައިވާ ހިދުމަތްތައް ފާހަގަކުރައްވާ ރައީސް ވަނީ ވިނޭގެ މަސައްކަތްތަކަށް ތައުރީފް ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވާ މި ފަހުގެ އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަން ފާހަގަކުރައްވާފަ އެވެ.

ފޮރިން ސެކްރެޓަރީ ވިދާޅުވީ ކޮވިޑް-19 މެނޭޖްކޮށް އިގްތިސާދީ ހާލަތު ކުރިއެކޭ އެއްހަމައަކަށް އިއާދަކުރުމުން ރާއްޖެ މިހާރު ވަނީ އެހެން ގައުމުތަކަށް ނަމޫނާ ގައުމަކަށް ވެފައި ކަމަށެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ ރާއްޖެއަކީ އިންޑިއާއަށް އެންމެ މުހިއްމު އެއް ސަރަޙައްދީ ބައިވެރިޔާ ކަމުގައިވެސް ފާހަގަކުރައްވާފަ އެވެ. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

ރައީސް ސޯލިހް ވަނީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެއް ބައިވެރިޔާކަން އެކި ފަހަރުމަތިން ސާބިތުކޮށްދީފައިވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި އިންޑިއާ އިން ފޯރުކޮށްދޭ އެހީތަކަށް ރައީސް ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް އިއްޔެ ވަޑައިގަތީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ.