ރާއްޖެއިން އިންޑިއާ އަށް ކަނޑައެޅުއްވި އާ ސަފީރު ހ. ޖެހޭވައި، އިބްރާހީމް ޝަހީބާއި، ރާއްޖެއިން މެލޭޝިއާ އަށް ކަނޑައެޅުއްވި އާ ސަފީރު ހ. މާލޭތިލަ، އަލީ ހުސައިން ދީދީ މަގާމަށް އައްޔަންކުރައްވާ ފަތްކޮޅު ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ސޯލިހް އެވެ.
މި ދެ ބޭފުޅުން ސަފީރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީގައި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާޒް ހައްދަވާފައިވާ ބޭފުޅެކެވެ. ޝަހީބް މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަގާމުތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލްގެ މަގާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި، ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގެ ހިމެނެ އެވެ.
އަލީ ހުސައިން ދީދީ އަކީ އިނގިރޭސިވިލާތުގެ ލޯބޮރޯ ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީ އިން ޕީޖީ ޑިޕްލޮމާ މާސްޓާސް ޕްރޮގްރާމް، ޓްރާންސްޕޯޓް މެނޭޖްމަންޓް އެންޑް ޕްލޭނިން ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަލީ ހުސައިން ދީދީ މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަގާމުތަކުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމާއި، މާލޭ މުނިސިޕަލްޓީގެ ރައީސް ކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން އަލީ ހުސައިން ދީދީ ވަނީ ދިވެހިރާއްޖެއިން ސްރީލަންކާއަށާއި، ބެލްޖިއަމް ފަދަ ގައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމު ވެސް ފުރުއްވާފަ އެވެ.
މެލޭޝިއާ ސަފީރު ކަމަށް އައްޔަންކުރެއްވުމުގެ ކުރިން އަލީ ހުސައިން ދީދީ ހުންނެވީ ދަ މޯލްޑިވްސް ކޯޕަރޭޝަންގެ ރައީސްގެ މަގާމުގަ އެވެ.