ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހާއި އިންޑިއާގެ ހާރިޖީ ވަޒީރު ބައްދަލުކުރައްވައިފި

Aug 1, 2022

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހަވީރު ނިއުދިއްލީގެ ހޮޓެލް އައިޓީސީ މައުރިޔާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.

މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ އިންޑިއާގެ އެހީގައި މިހާރު ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ގުރޭޓާ މާލެ ކަނެކްޓްވިޓީ ބުރިޖާއި، ހައުސިން މަޝްރޫޢުތަކާއި، އައްޑޫ ސިޓީގައި އަޅާފައިވާ ޕޮލިސް އެކަޑަމީގެ މަޝްރޫއުގެ އިތުރުން ބައެއް އެހެން މަޝްރޫއުތައްވެސް ހިމެނެ އެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގައި އިންޑިއާގެ އެހީގައި މިހާރުވެސް މަޝްރޫއުތައް ބާރަށް ހިނގަމުންދާކަން ފާހަގަކުރައްވައި އެ މަޝްރޫއުތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޖުތިމާއީ އަދި އގްތިސޯދީ ތަރައްގީއަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ. އަދި އެމަނިކުފާނު ވަނީ އިންޑިއާ ފަސްޓް ޕޮލިސީ ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިއަދު ފެއްޓެވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދެއް ވަޑައިގެންނެވި އެވެ.